ފަލަސްތީންގެ މައްސަލަ ހައްލު ކުރަން ބައިނަލް އަގްވާމީ ސުލްހައިގެ ކޮންފަރެންސެއް ބޭއްވުމަށް ޗައިނާގެ ރައީސް ޝީ ޖިން ޕިންގ ގޮވާލައްވާފިއެވެ.
ޝީ މިހެން ވިދާޅުވީ ޗައިނާގެ ބެއިޖިންގައި ރައީސް ޝީ ގެ މެހުމާނީގެ ދަށުން ބުރާސްފަތި ދުވަހު ފެށި "ޗައިނާ އެރަބް ސްޓޭޓްސް ކޯޕަރޭޝަން ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރުންގެ ފެންވަރުގައި ބޭއްވޭ މި ފޯރަމް ފެށުނު ވަގުތަކީ މިސްރުގެ ރައީސް އަބްދުލް ފައްތާހް ސީސީ އާއި ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ރައީސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އާއި ބަހްރެއިންގެ ރަސްގެފާނު ހަމަދް ބިން އީސާ އަލް ޚަލިފާ އާއި ޓިއުނީޝިއާގެ ރައީސް ކައިސް ސައީދު ރަސްމީ ދަތުރުފުޅުގައި ޗައިނާގައި އަށް ވަޑައިގެން ތިއްބެވި ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވެއެވެ.
ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، ގާޒާގައި ހިނގަމުންދާ ހަނގުރާމަ އަށް އިޝާރާތް ކުރައްވާ ރައީސް ޝީ ވިދާޅުވީ ހަނގުރާމަ ތާ އަބަދަށް ދެމިގެން ގޮސްގެން ނުވާނެ ކަމަށާއި، އިންސާފު ތާ އަބަދަށް ގެއްލިފައި އޮވެގެން ވެސް ނުވާނެ ކަމަށެވެ.
1988 ވަނަ އަހަރުން ފެށިގެން ފަލަސްތީނު ދައުލަތް ޗައިނާއިން ބަލައިގަނެފައި ވާއިރު، ރައީސް ޝީ ވިދާޅުވީ ޗައިނާއިން ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ލިބުމަށް ތާއީދު ކުރައްވާކަމަށެވެ.
ފަލަސްތީންގެ މައްސަލައެއް ހޯދުމަށް ޗައިނާ އިން ޝައުގުވެރިވުމުގެ އިތުރުން ޗައިނާ އިން ގެންދަނީ އަރަބި ގައުމުތަކާ އެކު އޮންނަ ގުޅުން ބަދަހި ކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ.
މި ގޮތުން ބަދަހި ވަމުންދާ ގުޅުމާއެކު މެދު އިރުމަތީގެ މުހިންމު މައްސަލަތައް ހައްލު ކުރުމުގައި ޗައިނާ އަށް އަދާ ކުރެވިދާނެ ދައުރު އިތުރުވެގެން ދިއުމަކީ ޗައިނާ އިން އުއްމީދު ކުރާ ގޮތް ކަމުގައި ސިޔާސީ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. މި ގޮތުން، ސައުދީ އަރަބިއްޔާ އާއި އީރާން އާ ދެމުގައި އޮންނަ ނުތަނަވަސް ކަމާ އެކުވެސް އެ ދެ ގައުމުގެ ދެ މެދުގައި އެއްބަސްވުމަކަށް އައުމަށް ހުސްވި އަހަރު ޗައިނާ އިން ވަނީ މެދުވެރިއެއްގެ ރޯލު އަދާ ކޮށްފައެވެ.
މީގެ އިތުރުން، ފަލަސްތީނުގެ އެތޭރެގެ މަސައްލަތައް ވާހަކަ ދައްކައިގެން ހައްލު ކުރެވޭތޯ މަސައްކަތް ކުރުމަށް ފަލަސްތީނުގެ ވާދަވެރި ޖަމާއަތްތައް ކަމަށްވާ ހަމާސް އާއި ފަތަހަ ޗައިނާގައި ހުސްވި މަހު ބައްދަލު ކުރުވީވެސް ޗައިނާގެ އިސް ނެގުމުގެ މަތިން ޗައިނާގެ މެހުމާނުދާރީ ކަމުގައެވެ..
ޗައިނާގައި ކުރިއަށް ދާ އަރަބި ގައުމު ތަކުގެ ފޯރަމްގައި 22 ގައުމަކުން މަންދޫބުން ބައިވެރިވެއެވެ.