މުޅި ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ން ހަވީރު 17:00ށް ހއ. އަތޮޅު ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެ އިދާރާއިން ބުނީ ރާއްޖޭގެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ ކުރިއަށް އޮތް ދެ ދުވަހު ގަދަވަޔާއެކު ވިއްސާރަ ކުރާނެ ކަމަށް މީގެ ކުރިން މެޓް އޮފީހުން ވަނީ ބުނެފައެވެ. މީގެ އިތުރުން ރާއްޖޭގެ ސަރަހައްދުތަކަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ. ހަމައެހެންމެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވާ ކަމަށް ލަފާކޮށްފައިވެއެވެ.
އެހެންކަމުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ ޢިލްތިމާސްކޮށްފައެވެ. އަދި ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ވެސް އެކަމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.