ރަންވޭގައި އޮތް ކޭއެލްއެމް ފްލައިޓެއްގެ ހިންގާފައިވާ އިންޖީނަކަށް ދަމައިގަތް މީހަކު މަރުވެއްޖެއެވެ.
މި ހާދިސާ ހިނގީ ބުދަ ދުވަހު މެންދުރު ފަހު މި ބޯޓު އެމްސްޓަޑެމްގެ ޝިޕޯލް އެއަރޕޯޓުން ޑެންމާކުގެ ބިލުންޑް އަށް ދަތުރު ކުރަން ތައްޔާރު ވަމުން ދަނިކޮށްނެވެ.
މި ހާދިސާ ހިނގީ ކީއްވެތޯ ބެލުމުގެ ތަހުގީގު ނެދަރލޭންޑްސްގެ މިލިޓަރީ ފުލުހުން ކުރިއަށް ގެންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިއީ އެކްސިޑެންޓެއް ކަމެއް ނުވަތަ އަމިއްލަ އަށް މަރުވާން ކުރިކަމެއް ކަމެއް ބުނަން ނޭނގޭ ކަމަށް އެއަރލައިން އިން ރޮއިޓާސް އަށް ވާހަކަ ދެއްކި އޮފިޝަލަކު ބުނެފައިވެއެވެ.
ޑަޗް ނޫސްތަކާ ހަވާލާދީ ބީބީސީ އިން ބުނެފައިވަނީ މަރުވި މީހާ އަކީ ބޯޓު ފުރަން ތައްޔާރު ވަމުން ދިޔައިރު ބޯޓު ކޮއްޕުމުގައި ހަރަކާތްތެރިވި މީހެއް ކަމަށް ބެލޭ ކަމަށެވެ.
ޝިޕޯލް އެއަރޕޯޓަކީ ޔޫރަޕްގެ އެންމެ ބިޒީ އެއް އެއަރޕޯޓެވެ.
ހުސްވި މަހު އެކަނިވެސް 5.5 މިލިއަން ފަސިންޖަރުން އެ އެއަރޕޯޓް ބޭނުން ކުރި ކަމަށް އެއަރޕޯޓް ރަސްމީ ވެބްސައިޓް ގައި ހާމަ ކޮށްފައިވެއެވެ.
ހުސްވި އަހަރުގެ ތެރޭގައި ޓެކްސަސްގެ ސެން އެންޓޭނިއޯ އެއަރޕޯޓުގައި ޑެލްޓާ ޕެސެންޖަރ ޕްލޭނެއްގެ އިންޖީނަށް އެ އެއަރޕޯޓުގެ މުވައްޒަފަކު ދަމައިގަތުމުގެ ސަބަބުން މަރުވެފައިވާ ކަން ރިކޯޑް ކުރެވިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.