ކ. މާލެ
|
30 މެއި 2024 | ބުރާސްފަތި 07:23
ޓޮޓެންހަމަށް ކުޅެމުން އަންނަ ޓިމޯ ވާނާ
ޓޮޓެންހަމަށް ކުޅެމުން އަންނަ ޓިމޯ ވާނާ
ރޮއިޓާރސް
ޓޮޓެންހަމް
ވާނާ ޓޮޓެންހަމްގައި މަޑު ކުރަނީ
ދާއިމީ ގޮތެއްގައި ވާނާ ހޯދުމުގެ ފުރުސަތު ވެސް ޓޮޓެންހަމަށް އޮންނާނެ

ލޯނު އެއްބަސްވުމެއްގެ ދަށުން ޓޮޓެންހަމަށް ކުޅެމުން އަންނަ ޖަރުމަނުގެ ފޯވާޑް ޓިމޯ ވާނާ، އެކުލަބުގައި މަޑު ކުރަން ނިންމައިފި އެވެ.

ޖަރުމަނުގެ އާރްބީ ލައިޕްޒިގްގައި ހުރުމަށްފަހު، ލޯނު އެއްބަސްވުމެއްގެ ދަށުން ވާނާ ޓޮޓެންހަމަށް ބަދަލުވީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ. އެއީ މި ނިމުނު ސީޒަންގެ ނިޔަލަށެވެ. އެއަށްފަހު ވާނާ އަލުން އެނބުރި ލައިޕްޒިގަށް ދާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ.

ނަމަވެސް، ޓޮޓެންހަމުން ވަނީ ލޯނު އެއްބަސްވުން އިތުރު އެއް ސީޒަނަށް ދަންމާލައިފަ އެވެ. އެހެންކަމުން ކުރިއަށް އޮތް ސީޒަންގެ ނިޔަލަށް ވާނާ ޓޮޓެންހަމްގައި މަޑު ކުރާނެ އެވެ. އެ މުއްދަތުގައި ވާނާގެ މުސާރަ ވެސް އަދާ ކުރާނީ ޓޮޓެންހަމް އިންނެވެ. އަނެއްކޮޅުން އަންނަ ސީޒަނަށް ފަހު، 15 ނުވަތަ 16 މިލިއަން ޔޫރޯ އަދާ ކުރުމަށްފަހު ދާއިމީ ގޮތެއްގައި ވާނާ ހޯދުމުގެ ފުރުސަތު ވެސް ޓޮޓެންހަމަށް އޮންނާނެ އެވެ.

އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ ވަނީ ޓޮޓެންހަމަށް ބަދަލުވީ ފަހުން އެ ކުލަބަށް 14 މެޗު ކުޅެދީ ދެ ލަނޑު ޖަހައިފަ އެވެ. ޓޮޓެންހަމްގެ ކޮޗު އަންގޭ ޕޮސްޓެކޮގްލޫ މީގެ ކުރިން ބުނެފައިވާ ގޮތުގައި އެކަށީގެންވާ ވަގުތާއެކު މަސައްކަތް ކޮށްފި ނަމަ، ވާނާ އަކީ ޓޮޓެންހަމްގެ ވައްޓަފާޅި އަށް ފެތޭނެ ކުޅުންތެރިޔެކެވެ. އެހެންވެ އޭނާ ޓޮޓެންހަމްގައި ހުންނަން އެދޭ ކަމަށް ވެސް ޕޮސްޓެކޮގްލޫ ވަނީ ބުނެފަ އެވެ.

ޖަރުމަނުގެ ސަޓަޓްގާޓް އިން ސީނިއާ ކެރިއަރު ފެށި ވާނާ ވަނީ، ލައިޕްޒިގްގެ އިތުރުން ޗެލްސީ އަށް ވެސް ކުޅެފަ އެވެ. ވާނާ އަށް ޖަރުމަނު ޤައުމީ ޓީމުން ޖާގަ ލިބުނީ 2017 ވަނަ އަހަރު އެވެ. އޭނާ ވަނީ ޤައުމީ ޓީމަށް 57 މެޗު ކުޅެދީ 24 ލަނޑު ޖަހައިފަ އެވެ. އެހެން ނަމަވެސް އަންނަ މަހު އޮންނަ ޔޫރޯ އަށް ޖަރުމަނުން އެކުލަވާލި ސްކޮޑުގައި ވާނާ ނުހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް