ކ. މާލެ
|
30 މެއި 2024 | ބުރާސްފަތި 07:22
މި ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ ފްރާންސްގެ އެމްބާޕޭ
މި ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާ ފްރާންސްގެ އެމްބާޕޭ
ރޮއިޓާރސް
ކީލިއަން އެމްބާޕޭ
އިޓަލީގެ ކުލަބަށް ދާނަމަ، އެމްބާޕޭ ދާނީ އޭސީ މިލާނަށް!
އެމްބާޕޭ ބުނީ އޭނާ އެންމެ ކުޑަ ދުވަހު ވެސް، އޭނާ އަކީ މިލާންގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށް

އިޓަލީގެ ކުލަބަކަށް ބަދަލުވާ ނަމަ، އޭނާ ބަދަލު ވާނީ އޭސީ މިލާނަށް ކަމަށް ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ބުނެފި އެވެ.

އެމްބާޕޭ ވަނީ މި ސީޒަނަށް ފަހު ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލަން ނިންމައިފަ އެވެ. އެއީ އެ ކުލަބާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންނެވެ. ޕީއެސްޖީން އެމްބާޕޭގެ އެއްބަސްވުން އައު ކުރުމަށް މަސައްކަތް ކުރި ނަމަވެސް، އެމްބާޕޭ ނިންމީ އެއްބަސްވުން އައު ނުކޮށް ކުލަބު ދޫކޮށްލުމަށެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ އޭނާ ބަދަލުވާނެ ވަކި ކުލަބެއް ރަސްމީކޮށް ހާމަކޮށްފައި ނުވާއިރު، މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެމްބާޕޭ ބަދަލުވާނީ ސްޕެއިންގެ ރެއާލް މެޑްރިޑަށެވެ. އެމްބާޕޭ ބުނެފައިވާ ގޮތުގައި ދެން އޭނާ ބަދަލުވާނެ ކުލަބެއް ހާމަކުރާނީ އަންނަ މަހު ޖަރުމަނުގައި ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތަށްފަހު އެވެ.

މީޑިއާއަކާ ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ، އިޓަލީގެ ފުޓުބޯޅަ އަކީ ވަރަށް ވަރުގަދަ ފުޓުބޯޅައެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ކަންތައް ވާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގޭނެ ކަމަށެވެ. އަދި އެމްބާޕޭ ވަނީ އަބަދު ވެސް އޭނާ ބުނާ ވާހަކައެއް ތަކުރާރު ކޮށްފަ އެވެ. އެއީ އިޓަލީގެ ކުލަބަކަށް ބަދަލުވާ ނަމަ، އޭނާ ބަދަލުވާނީ އޭސީ މިލާނަށް ކަމަށެވެ.

އެމްބާޕޭ ބުނީ އޭނާ އެންމެ ކުޑަ ދުވަހު ވެސް، އޭނާ އަކީ މިލާންގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށާއި، އަބަދު ވެސް އޭނާ އިޓާލިއަން ލީގުގެ މެޗުތައް ބަލާ ކަމަށެވެ. ޚާއްސަކޮށް މިލާން ކުޅޭ ކޮންމެ މެޗެއް ވެސް ބަލާ ކަމަށް އެމްބާޕޭ ބުންޏެވެ. އިތުރަށް އެމްބާޕޭ ބުނީ، އޭނާގެ މުޅި އާއިލާ އަކީ ވެސް މިލާންގެ ސަޕޯޓަރުން ތިބި އާއިލާއެއް ކަމަށެވެ.

އެމްބާޕޭ ޕީއެސްޖީ ދޫކޮށްލިއިރު، އޭނާ ބަދަލުވާނެ ކަމަށް ބެލެވެނީ ވެސް ރެއާލް އަށެވެ. މިއީ ރެއާލުން އެމްބާޕޭ ހޯދުމަށް މަސައްކަތް ކުރާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ވެސް ރެއާލުން ވަނީ އެމްބާޕޭ ހޯދުމުގެ މަސައްކަތްކޮށް، މަޝްވަރާތައް ވެސް ކޮށްފަ އެވެ. ނަމަވެސް، އެފަހަރު އެންމެ ފަހު ވަގުތު އެމްބާޕޭ ނިންމީ ޕީއެސްޖީގެ އެއްބަސްވުން އިތުރު ދެ އަހަރަށް އިތުރު ކުރުމަށެވެ.

އަނެއްކާ ވެސް ރެއާލުން އެމްބާޕޭ ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، މިފަހަރު އޭނާ އެ ކުލަބަށް ބަދަލުވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ރެއާލުން އަންނަނީ އެމްބާޕޭ އާއެކު އެކަމާ ގުޅޅުން ހުރި މަޝްވަރާތައް ކުރިއަށް ގެންދަމުން ކަމަށާއި، އެކަން އެންމެ ރަނގަޅު ވަގުތުގައި ރެއާލުން އިއުލާން ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް