ކ. މާލެ
|
29 މެއި 2024 | ބުދަ 10:10
ޗެލްސީގެ ކޯޗަކަށް ގެންނަން މަސައްކަތް ކުރާ މަރެސްކާ
ޗެލްސީގެ ކޯޗަކަށް ގެންނަން މަސައްކަތް ކުރާ މަރެސްކާ
ރޮއިޓާސް
ޗެލްސީ
ޗެލްސީގެ ކޯޗަކަށް މަރެސްކާ
ލެއިސްޓަރ އާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުން އުވާލަން ޖެހޭއިރު، އެކަމަށް ދައްކަން ޖެހޭ ފީ ދައްކަން ޗެލްސީން އޮތީ ތައްޔާރަށް

ހުސްވެފައިވާ ޗެލްސީގެ ކޯޗުކަމުގެ މަގާމަށް އިޓަލީގެ އެންޒޯ މަރެސްކާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުން ރިޕޯޓުކޮށްފި އެވެ.

ޗެލްސީގެ ކޯޗުކަމުގެ މަގާމު ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުރި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ، މި ސީޒަނަށްފަހު މަގާމުން ވަކިވާން ނިންމުމުންނެވެ. އެހެންކަމުން ޗެލްސީން އަންނަނީ ކުރިއަށް އޮތް ސީޒަނަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޗެލްސީން މިހާރު މަސައްކަތް ކުރަމުން އަންނަނީ އުމުރުން 44 އަހަރުގެ މަރެސްކާ އެ ޓީމުގެ ކޯޗަކަށް ގެނައުމަށެވެ. މިވަގުތު މަރެސްކާ އިރުޝާދު ދެމުން އަންނަނީ ލެއިސްޓަރ ސިޓީ އަށެވެ. އެ ޓީމުގެ ކޯޗުކަމުގެ މަގާމާ އޭނާ ހަވާލުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެ ކުލަބާއެކު އޭނާ ސޮއި ކުރީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

މަރެސްކާ ހޯދުމަށް ޗެލްސީން ކުރަމުން އަންނަ މަސައްކަތުގައި ލެއިސްޓަރ އާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުން އުވާލަން ޖެހޭއިރު، އެކަމަށް ދައްކަން ޖެހޭ ފީ ދައްކަން ޗެލްސީން އޮތީ ތައްޔާރަށް ކަަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން އެއްބަސްވުން އުވާލުމަށް ގާތް ގަނޑަކަށް ޗެލްސީން 10 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޗެލްސީން މަރެސްކާ އަށް ހުށަހަޅަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ މުއްދަތު 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، ޗެލްސީން ބޭނުންވެއްޖެ ހިނދެއްގައި އިތުރު އެއް އަހަރަށް އެއްބަސްވުން ދިގު ދަންމާލެވޭ މާއްދާ ވެސް ވަނީ އެއްބަސްވުމުގައި ހިމަނައިފަ އެވެ.

މަރެސްކާ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2021 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ އޭނާ އިރުޝާދު ދިނީ އިޓަލީގެ ޕާމާ އަށެވެ. އެ ކުލަބުގައި ދެ އަހަރު މަސައްކަތް ކުރުމަށްފަހު، ދެން އޭނާ ހަވާލުވީ ލެއިސްޓަރއާ އެވެ. އޭނާ ވަނީ މިދިޔަ ސީޒަންގައި ލެއިސްޓަރ އަށް އިނގިރޭސި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް