ސައުދީ ޕްރޯ ލީގުގައި އަލް އިއްތިހާދާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަސްރު މޮޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރޭ އަލް އިއްތިހާދާ ދެކޮޅަށް ކުޅުނު މެޗުން އަލް ނަސްރުން ކާމިޔާބު ކުރީ، 4-2 އިންނެވެ. މެޗުގައި އަލް ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަލް ނަސްރަށް ލީޑު ނަގައިދިނީ ރޮނާލްޑޯ އެވެ. އޭގެ ފަހުން ދެ ވަނަ ހާފުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ވެސް ރޮނާލްޑޯ އެވެ. އެ ލަނޑުތަކާއެކު މި ސީޒަންގެ ސައުދީ ލީގުގައި ރޮނާލްޑޯ ޖެހި ލަނޑުގެ އަދަދު ވަނީ 35 އަށް އަރައިފަ އެވެ. ރޮނާލްޑޯ އަކީ ސައުދީ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ.
މެޗުގެ 79 ވަނަ މިނެޓުގައި އަލް ނަސްރަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ޢަބްދުއް ރަޙުމާން ޣަރީބް އެވެ. އޭގެ ފަހުން މެޗުގެ 88 ވަނަ މިނެޓުގައި އަލް އިއްތިހާދުގެ ފުރަތަމަ ލަނޑު ޖެހީ، ފަރްހާހް އަލީ ސައީދު އަލް ޤަހްތާހް އަލް ޝަރްމާނީ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އަލް ނަސްރުގެ ހަތަރު ވަނަ ލަނޑު ޖެހީ މެޝާރީ އަލް ނެމާ އެވެ. އަދި އޭގެ ފަހުން އަލް އިއްތިހާދުގެ ދެ ވަނަ ލަނޑު ޖެހީ ފަބީނިއޯ އެވެ.
މި ނަތީޖާ އާއެކު އަލް ނަސްރުން މި ސީޒަންގެ ސައުދީ ލީގު ނިންމާލީ ދެ ވަނައިގަ އެވެ. އެއީ ލީގުގައި ކުޅުނު 34 މެޗުން 82 ޕޮއިންޓު ހޯދައިގެންނެވެ. އަލް ނަސްރަށް ދެން އޮންނާނީ ކިންގް ކަޕް އޮފް ޗެމްޕިއަންސްގެ ފައިނަލްގައި އަލް ޙިލާލާ ދެކޮޅަށް ކުޅޭ މެޗެވެ.