ތައުލީމީ ނިޒާމުގައި ރަނގަޅު ކުރަން ހުރި މައްސަލަތައް ފާހަގަކޮށް، ކަންބޮޑުވުންތައް ހިއްސާކުރާ މުދައްރިސުންނާ މެދު މި ސަރުކާރުން ފިޔަވަޅު އަޅަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސަރުހީ ޕްރޮގްރާމްގައި އާދިއްތަ ދުވަހުގެ ރޭ އިހުސާން ވިދާޅުވީ ދިރާސީ އައު އަހަރު ފެށިގެން ދިޔައިރު، ޓެކްސްޓް ފޮތްތައް ނުލިބޭ ކަމަށާއި، ސްކޫލުތަކުގެ މުދައްރިސުން ހަމަނުވާ ކަމަށެވެ. ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ގެންދާނެ ގޮތާއި، އަހަރުގެ ތެރޭގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތްތައް ކަނޑައަޅައި، ޕްލޭން އެކުލަވާލާފައިނުވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ހާސިލްކުރާނެ ލަނޑުދަނޑި ވެސް ކަނޑައަޅާފައިނުވާ ކަމަށެވެ.
އިހުސާން ވިދާޅުވީ ސްކޫލުތަކުގެ ގިނަ މައްސަލަތައް ހުރި އިރު މި ކަންބޮޑުވުންތައް ހިއްސާކުރާނެ އެއްބަޔަކީ މުދައްރިސުން ކަމަށާއި، ނަމަވެސް އެ ކަންކަން ސަމާލު ކަމަށް ގެންނަ މުދައްރިސުންނަށް މިސަރުކާރުން ދަތިކުރަމުންދާ ކަމަށެވެ. އިހުސާން ވިދާޅުވީ އެ ކަންބޮޑުވުންތަކާއި އެވާހަކަތައް ދައްކާ މުދައްރިސުންނަށް އިންޒާރުދީ، ފިޔަވަޅު އަޅަމުންދާ ކަމަށެވެ. އަދި އެކަން ކުށްވެރިކުރާ ކަމަށް އިހުސާން ވިދާޅުވިއެވެ.
އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އަޅުގަނޑުމެންގެ މިވާހަކަތައް މިކަންބޮޑުވުންތައް މުދައްރިސުން އެކިއެކި މަންސަތަކުގަ ފާޅުކުރައްވަމުން އެބަ ގެންދަވާ. އަދި މުދައްރިސުންގެ ތެރެއިން މުވައްޒަފުންގެ ތެރެއިން މިކަންކަން ފާހަގަކުރައްވާ ބޭފުޅުންނަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ފިޔަވަޅު އެޅުމުގެ މަސައްކަތް ވެސް އެބަ ކުރައްވާ އެނގޭތޯ. އެއާއެކު ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު ވެސް އެބަ ދެއްވާ. ދެން އަޅުގަނޑުމެން މި ވާހަކަތައް މިހައި ހަރުކޮށް މިދައްކަނީ ފޮތް ނުލިބިގެން ދިރާސީ އަހަރެއް ފެށޭއިރު ފޮތްތައް ހަމަނުވުމަކީ ކުޑަ ކަމެއް ނޫން. އެއީ ވަރަށް ބޮޑު މައްސަލައެއް. މުދައްރިސުން ހަމަ ނުވުމަކީ ކުޑަ ކަމެއް ނޫން. އެނގޭތޯ. ހާސިލް ކުރަންބެނުންވާ ލަނޑުދަނޑިއެއް ނޭނގޭއިރު ކަންކަން ބަދަލުވެގެން ދިއުމަކީ ކުޑަކަމެއް ނޫންއެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން
އިހުސާން ވިދާޅުވީ ޒަމާނުއްސުރެ ތައުލީމީ ނިޒާމަކީ ތަރުތީބުވެ ހަރަދަނާވެ އެކުލަވާލާފައިވާ ނިޒާމެއް ކަމަށެވެ. މި ނިޒާމުގެ ތެރޭގައި ތަޖުރިބާކާރު ވަރަށް ގިނަ ބޭބޭފުޅުން އެބަތިއްބެވި ކަމަށާއި، އެބޭފުޅުންނާ މަޝްވަރާކޮށް އެހިޔާލުތަކުގެ ބޭނުން ހިފާ ކަމަށްވާނަމަ މިފަދަ މައްސަލަތައް ތައުލީމީ ނިޒާމަށް ކުރިމަތިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިސަރުކާރުން އަމަލުކުރާ ގޮތުން ތައުލީމީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.