ކ. މާލެ
|
27 މެއި 2024 | ހޯމަ 09:06
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ
ރޮއިޓާސް
ޕީއެސްޖީ
އެންރީކޭ ދޭ ޔަގީންކަން، އަންނަ ސީޒަނުގައި ޕީއެސްޖީ އިތުރަށް ވަރުގަދަ ވާނެ!
އެންރީކޭ ބުނީ، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި މިވަގުތު ޕީއެސްޖީ އޮތީ އެ ޓީމު ކުރަމުން އަންނަ ދަތުރުގެ ފެށުމާ ހަމައިގައި ކަމަށް

އަންނަ ސީޒަނުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިތުރަށް ވަރުގަދަ ވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް، އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އެންރީކޭ މިހެން ބުނީ، ފްރާންސް ކަޕްގެ ފައިނަލްގައި ލިއޯންއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، މުބާރާތުގެ ތަށި ޕީއެސްޖީން އުފުލާލި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެއީ ޕީއެސްޖީގެ ކޯޗުކަމާ އެންރީކޭ ހަވާލުވީ ފަހުން އެ ޓީމުން ކާމިޔާބު ކުރި ތިން ވަނަ ތައްޓެވެ. މި ސީޒަންގައި ޕީއެސްޖީން ވަނީ ދެ ތަށި ކާމިޔާބު ކޮށްފަ އެވެ. އެއީ ފްރާންސް ކަޕްގެ އިތުރުން، ފްރާންސް ލީގު އެވެ.

އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އެންރީކޭ ބުނީ، އޭނާ ހުރީ އިންތިހާ އަށް އުފާވެފައި ކަމަށެވެ. ޚާއްސަކޮށް ފްރާންސް ކަޕްގެ ފައިނަލްގައި ޕީއެސްޖީން ދެއްކި ކުޅުމާއި، ކުޅުންތެރިންގެ ރޫޙު ހުރި ގޮތް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އެންރީކޭ ބުނީ މުޅި މެޗުގައި ވެސް ޕީއެސްޖީން ދެއްކީ އޭނާ ބޭނުންވި ކުޅުން ކަމަށާއި، ޕީއެސްޖީގެ ސަޕޯޓަރުންނަށް އިތުރު ތައްޓެއް ހޯދައިދެވުމުން އެކަމާ ވެސް އުފާވާ ކަމަށެވެ. އަދި ޕީއެސްޖީން ބޭނުން ވަނީ އިތުރަށް ކުރިއަށް ދާން ކަމުގައި ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން އެންރީކޭ ބުނީ، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި މިވަގުތު ޕީއެސްޖީ އޮތީ އެ ޓީމު ކުރަމުން އަންނަ ދަތުރުގެ ފެށުމާ ހަމައިގައި ކަމަށެވެ. އެ ދަތުރުގައި ކުލަބުގެ ސަޕޯޓަރުން ދެމުން އަންނަ ހިތްވަރާއި ސަޕޯޓު އަދި ކުލަބަށް އޮތް ލޯތްބަކީ ޕީއެސްޖީ ކުރިއަށް ދާން ލިބޭ އިތުރު ހިތްވަރެއް ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން އެންރީކޭ ބުނީ، އޭނާ އަށް އޮތް ޔަގީންކަމަކީ އަންނަ ސީޒަނުގައު ޕީއެސްޖީ އިތުރަށް ވަރުގަދަވާނެ ކަމުގެ ޔަގީންކަން ކަމަށެވެ. އަދި މިހާރު ޕީއެސްޖީން މަސައްކަތް ކުރަމުން ދަނީ އަންނަ ސީޒަނަަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ދެނެގަތުން ކަމަށާއި، މުޅި ކުލަބު އޮތީ އެއް ރޫޙެއްގައި ކަމަށް ވެސް އޭނާ ބުންޏެވެ.

ޕީއެސްޖީގެ ކޯޗުކަމާ އެންރީކޭ ހަވާލުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެ ކުލަބާ އޭނާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެންރީކޭގެ އިރުޝާދުގެ ދަށުން ޕީއެސްޖީން ވަނީ މިހާތަނަށް 53 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 34 މެޗުންނެވެ. ހަތް މެޗުން ބަލިވެފައިވާއިރު، 12 މެޗުން ވަނީ އެއްވަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް