ކ. މާލެ
|
26 މެއި 2024 | އާދީއްތަ 12:10
ޖަރުމަނު ކަޕްގެ ތައްޓާއެކު ލެވަކޫސަންގެ ކުޅުންތެރިން
ޖަރުމަނު ކަޕްގެ ތައްޓާއެކު ލެވަކޫސަންގެ ކުޅުންތެރިން
ގޯލް.ކޮމް
ޖަރުމަނު ކަޕް
ޖަރުމަނު ކަޕާއެކު ލެވަކޫސަނަށް އިތުރު ކާމިޔާބެއް!
އަލޮންސޯގެ އިރުޝާދުގެ ދަށުން ލެވަކޫސަނުް ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނައިރު، ޖަރުމަނުގެ ފުޓުބޯޅަ ސީޒަން އެ ޓީމުން ނިންމާލީ އެއްވެސް މެޗަކުން ބަލި ނުވެ

ޖަރުމަނު ކަޕްގެ ފައިނަލްގައި ކައިސަސްލައުޓެންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބަޔާ ލެވަކޫސަނުން އިތުރު ކާމިޔާބެއް ހޯދައިފި އެވެ.

ލެވަކޫސަނުން ވަނީ މި ސީޒަންގެ ޖަރުމަނު ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ފަހުން އެ ޓީމުން ވަނީ ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ. އެ ފައިނަލްގައި އެޓަލަންޓާ އިން ބަލިވީއިރު، ޖަރުމަނު ކަޕްގެ ފައިނަލަށް ނިކުތްއިރު އެކަމުގެ މާޔޫސްކަން އޮތެވެ. އެހެން ނަމަވެސް، ލެވަކޫސަނުން ވަނީ 1-0 އިން ކައިސަސްލައުޓެންގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މެޗުގެ ހަމައެކަނި ލަނޑު ލެވަކޫސަނަށް ޖަހައިދިނީ މެޗުގެ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ގްރޭނިޓް ޝަކާ އެވެ. އޭގެ ފަހުން ލެވަކޫސަނަށް ވަނީ އިތުރު ލަނޑު ޖެހުމުގެ ފުރުސަތު ވެސް ލިބިފަ އެވެ. އެހެން ނަމަވެސް އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފުނެވެ. މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށްވެފައި ވަނިކޮށް، ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ލެވަކޫސަންގެ ކޮސޫނޫ ވަނީ ދަނޑުން ފޮނުވާލައިފަ އެވެ. މެޗުގެ ބާކީ ބައި އެ ޓީމުން ކުޅުނީ އެއް ކުޅުންތެރިޔަކު މަދު ކޮށެވެ.

މިއީ ލެވަކޫސަންގެ ކޯޗުކަމާ ސްޕެއިންގެ ޒަބީ އަލޮންސޯ ހަވާލުވީ ފަހުން އެ ޓީމުން ކާމިޔާބު ކުރި ދެ ވަނަ ތައްޓެވެ. އަލޮންސޯގެ އިރުޝާދުގެ ދަށުން ލެވަކޫސަނުް ރަނގަޅު ނަތީޖާތަކެއް ހޯދަމުން އަންނައިރު، ޖަރުމަނުގެ ފުޓުބޯޅަ ސީޒަން އެ ޓީމުން ނިންމާލީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ. މުޅި ސީޒަންގައި ވެސް ލެވަކޫސަން ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ އެޓަލަންޓާއާ ދެކޮޅަށް ކުޅުނު ޔޫރޮޕާ ލީގުގެ ފައިނަލް މެޗުންނެވެ.

- ކޮމެންޓް