ކ. މާލެ
|
25 މެއި 2024 | ހޮނިހިރު 09:56
ބާސެލޯނާގެ ކޯޗަކަށް ގެންނަން މަސައްކަތް ކުރާ ޖަރުމަނުގެ ފްލިކް
ބާސެލޯނާގެ ކޯޗަކަށް ގެންނަން މަސައްކަތް ކުރާ ޖަރުމަނުގެ ފްލިކް
ރޮއިޓާސް
ބާސެލޯނާ
ބާސެލޯނާގެ ކޯޗަކަށް ފްލިކް!
ބާސެލޯނާ އިން ފްލިކަށް ހުށަހަޅާފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއް

ސްޕެއިންގެ ބާސެލޯނާގެ ކޯޗަކަށް ޖަރުމަނުގެ ހަންސީ ފްލިކް ހަމަޖެއްސުމަށް، އޭނާއާއެކު އެ ކުލަބުން އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ބާސެލޯނާގެ ކޯޗުކަމުގައި މިހާރު ހުރި ޒަވީ ހެނާންޑޭޒް، މި ސީޒަނަށް ފަހު އެ މަގާމުން ވަކި ކުރަން ކުލަބުގެ ބޯޑުން ވަނީ ނިންމައި، އެކަން އޭނާ އަށް އަންގައިފަ އެވެ. އަދި ބާސެލޯނާ އިން އަންނަނީ އަންނަ ސީޒަނަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ސްޕެއިންގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން ބާސެލޯނާގެ ކޯޗުކަމާ ހަވާލުވާނީ އުމުރުން 59 އަހަރުގެ ފްލިކް އެވެ. ފްލިކް ވަނީ މީގެ ކުރިން ވެސް ބާސެލޯނާގެ ކޯޗުކަމާ ހަވާލުވާން ޝައުޤުވެރިވާކަން ހާމަކޮށްފަ އެވެ. ފްލިކާއެކު ބާސެލޯނާ އިން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު، މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެގޮތުން ބާސެލޯނާ އިން ފްލިކަށް ހުށަހަޅާފައިވާ އެއްބަސްވުން ދިރާސާ ކުރުމަށްފަހު، ފްލިކްގެ އެޖެންޓް ވަނީ އެކަން ޤަބޫލު ކުރާކަން ބާސެލޯނާ އަށް އަންގައިފަ އެވެ. ބާސެލޯނާ އިން ފްލިކަށް ހުށަހަޅާފައި ވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެހެންކަމުން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް، އޭނާ ބާސެލޯނާ އަށް އިރުޝާދު ދޭނެ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރަސްމީކޮށް ބާސެލޯނާގެ އެއްބަސްވުމުގައި ފްލިކް ސޮއި ކުރާނެ އެވެ. އަދި އޭނާ ބާސެލޯނާއާ ހަވާލުވާނީ އެ ކުލަބުގައި އޭނާ އާއެކު މަސައްކަތް ކުރާނެ ޖަރުމަނުގެ އިތުރު ދެ އެސިސްޓެންޓް ކޯޗުންނާއެކު ކަމަށް ވެސް ސްޕެއިންގެ މީޑިއާތަކުގަައި ވަނީ ރިޕޯޓުކޮށްފަ އެވެ.

ފްލިކް ވަނީ މީގެ ކުރިން ޖަރުމަނުގެ ބަޔާން މިއުނިކަށް އިރުޝާދުދީ، އެ ކުލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އޭނާ ވަނީ އެއް ސީޒަނެއްގެ ހުރިހާ ތައްޓެއް ބަޔާނަށް ހޯދައިދީފަ އެވެ. ބަޔާންގެ ކޯޗުކަން ދޫކޮށްލުމަށްފަހު ދެން ފްލިކް ހަވާލުވީ ޖަރުމަނު ޤައުމީ ޓީމުގެ ކޯޗުކަމާ އެވެ. އެ މަގާމުން އޭނާ ވަކިިވީ މިދިޔަ އަހަރު އެވެ. އޭގެ ފަހުން ފްލިކް ހުންނަނީ ރަސްމީ އެއްވެސް ވަޒީފާއެއްގައެއް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް