ކ. މާލެ
|
25 މެއި 2024 | ހޮނިހިރު 09:46
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7ން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 35،857 ފަލަސްތީން ރައްޔިތުން ވަނީ މަރުވެފަ
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7ން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 35،857 ފަލަސްތީން ރައްޔިތުން ވަނީ މަރުވެފަ
އަލް- ޖަޒީރާ
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
އައިސީޖޭގެ އަމުރު ބޮލާލާ ޖެހުމަށްފަހު އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފި
އިޒްރޭލުން ބުނެފައިވަނީ އެ އަމުރު ބަލައި ނުގަންނާނެ ކަމަށާއި އައިސީޖޭ އިން އިޒްރޭލުން ހަނގުރާމައިގެ ޖަރީމާތައް ހިންގާ ކަމަށް ބުނެ ކޮށްފައިވަނީ ދޮގު ތުހުމަތު ތަކެއް ކަމަށް

ގާޒާގެ ރަފާ ސިޓީ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ފަހު އެތަނުން އިޒްރޭލް ސިފައިން ފޭބުމަށް އިންޓަނޭޝަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ 15 ފަނޑިޔާރުންގެ ބެންޗުން ހުކުރު ދުވަހު އިޒްރޭލުގެ މައްޗަށް ކުރި އަމުރު ބޮލާލާ ޖެހުމަށްފަހު ރަފާ ސިޓީއަށް ދެމުންދާ ހަމަލާތައް އިޒްރޭލުން ވަރުގަދަ ކޮށްފިއެވެ.

ގާނޫނީ ގޮތުން އައިސީޖޭގެ އަމުރަށް ބޯލަބަން ޖެހުން މަޖުބޫރުވި ނަމަވެސް އިޒްރޭލުން ބުނެފައިވަނީ އެ އަމުރު ބަލައި ނުގަންނާނެ ކަމަށާއި އައިސީޖޭ އިން އިޒްރޭލުން ހަނގުރާމައިގެ ޖަރީމާތައް ހިންގާ ކަމަށް ބުނެ ކޮށްފައިވަނީ ދޮގު ތުހުމަތު ތަކެއް ކަމަށެވެ.

އދ. ގެ އިމަރޖެންސީ އެހީ އާ ބެހޭ އޮފީހުގެ ވެރިޔާ ވިދާޅުވީ ގާޒާގައި އިޒްރޭލް ސިފައިން ހިންގަމުންދާ އުދުވާނަކީ ބަސްތަކަކުން ބަޔާން ކުރެވޭ ވަރަށްވުރެ ބޮޑު ހިތްދަތި ކަމެއް ކަމަށެވެ. އަދި މި ބިރުވެރި ހުވަފެން ނިމުމަކަށް އަންނަން ޖެހިއްޖެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިޒްރޭލްގެ ފައުޖުތައް ޓޭންކުތަކުގައި ރަފާ ސިޓީގެ ތެރޭގައި ކުރިއަށް ޖެހެމުން އައިސް މިހާރު އެމީހުން އަމާޒު ހިފާފައިވަނީ ރަފާގެ އެންމެ ބައިބޯ ޑިސްޓްރިކްޓަށް އެރުމަށެވެ.

އަނެއް ކޮޅުން، އެއްގަމު މަގުން ރަފާއަށް އެހީގެ ތަކެތި ގެނެވޭނެ މަގުތައް އިޒްރޭލް ސިފައިން ބަންދުކޮށްފައި ވުމާއެކު ގާޒާގައި ބަނޑުހައި ހޫނުކަން އާއްމު ވަމުން ދިއުމާއެކު އެހީގެ ތަކެތި މިސްރުގެ ތެރެއިން ގާޒާއަށް ގެންދެވޭނެ މަގު އދ އަށް ފަހިކޮށްދޭނެ ކަމަށް މިސްރުން ވަނީ ބުނެފައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު 7 ގެ ފަހުން ގާޒާ އަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 35،857 ފަލަސްތީން ރައްޔިތުން ވަނީ މަރުވެފައެވެ. އޭގެ އިތުރުން ހަމަލާތަކުގައި 80،239 މީހުން ވަނީ ޒަޚަމްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް