ކ. މާލެ
|
8 އޯގަސްޓް 2017 | އަންގާރަ 21:43
ވެނެޒުއޭލާގައި ދަނީ ބޮޑެތި މުޒާހަރާތަކެއް ކުރަމުން
ވެނެޒުއޭލާގައި ދަނީ ބޮޑެތި މުޒާހަރާތަކެއް ކުރަމުން
ގެޓީ އިމޭޖަސް
ވެނެޒުއޭލާ
ވެނެޒުއޭލާގައި މުޒާހިރީންނާ ދެކޮޅަށް ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކުރޭ: އދ
ވެނެޒުއޭލާގައި އަލުން ގާނޫނު އަސާސީ އެކުލަވާލުމަށް ކުރާ މަސައްކަތާ ގުޅިގެން ގައުމު ވަނީ ވަރަށް ހަލަބޮލިވެފައި

ވެނެޒުއޭލާގައި މުޒާހަރާ ކުރަމުންދާ ފަރާތްތަކާ ދެކޮޅަށް "ގަސްތުގައި ހާލަތާ ނުބައްދަލު މިންވަރަށް ބާރުގެ ބޭނުން ކުރާކަމަށް" އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ބުނެފިއެވެ.

މީގެ އިތުރުން އެ އޮފީހުން ބުނީ އިންސާނިއްޔަތާ ހިލާފު ގިނަ އަމަލުތަކެއް ވެނެޒުއޭލާގައި ހިނގަމުންދާ ކަމަށާއި އޭގެތެރޭގައި "ރަހުމްކުޑަ ގޮތްގޮތަށް ގޯތިގެދޮރަށް ވަނުމާއި، ލާއިންސާނީ އަނިޔާ ކުރުން ހިމެނޭ ކަމަށެވެ." އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ނެރުނު ބަޔާނުގައި އިތުރަށް ބުނީ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް މަރުވި 46 މީހެއްގެ މަރުގެ ޒިންމާ ސަލާމަތީ ޚިދުމަތްތަކުން ނަގަން ޖެހޭ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެ ބަޔާނުގައި އިތުރަށް ބުނީ ހޯދި ހޯދުންތައް ހޯދާފައި ވަނީ އެކިފަރާތްތަކާ އިންޓަވިއުކޮށްގެން ކަމަށެވެ.

އދ ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު ވަނީ މުޒާހިރީންނާއި ދެކޮޅަށް "ހާލަތާއި ނުބައްދަލު ބާރު ބޭނުން ކުރުން ވަގުތުން ހުއްޓާލުމަށާއި އަދި ނުހައްގުން ހައްޔަރު ކޮށްފައިވާ އެންމެން ވަގުތުން ދޫކޮށްލުމަށް" ގޮވާލައްވާފައެވެ.

ވެނެޒުއޭލާގައި ހާލަތާއި ބެހޭ ގޮތުން އެގައުމުގައި ހަރަކާތްތެރިވި އދގެ ހިއުމަން ރައިޓްސް ޓީމް އިން ބުނެފައި ވަނީ ވެނެޒުއޭލާގެ މުޒާހަރާތައް 1 އޭޕްރީލްގައި ފެށިފަހުން، 31 ޖުލައި އާ ހަމައަށް މިހާތަނަށް ނުހައްގުން 5000 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

ވެނެޒުއޭލާގެ ސިޔާސީ މަސްރަހު ހަަލަބޮލިވެފައިވާ އިރު ރައްޔިތުން ބޭއްވި ތަފާތު މުޒާހަރާތަކުގައި މިދިޔަ އޭޕްރިލް އިން ފެށިގެން އެގައުމުގައި މަދުވެގެން 122 މީހުން މަރުވެ އަދި 2000 އާ ގާތް ކުރާ އަދަދަކަަށް މީހުން މަރުވެފައިވެއެވެ. 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް