ކ. މާލެ
|
22 މެއި 2024 | ބުދަ 12:49
ހައި ކޯޓު
ހައި ކޯޓު
ރާއްޖެއެމްވީ
ވައްކަންކުރުން
ޕްރައިވެޓް އޮފީހަކަށް ގެއްލުންދީ ވައްކަންކުރުމުގެ ތުހުމަތުގައި ހައްޔަރުކުރުމުން ޝަރުތުކޮށްފައި ދޫކޮށްލީ ރަނގަޅަށް ނޫންކަމަށް ނިންމައިފި
 
ކޯޓުން ވަނީ އޭނާ ޝަރުޠުތަކާއެކު ބަންދުން ދޫކުރުމަށް އަމުރުކޮށްފައި

ޕްރައިވެޓް އޮފީހަކަށް ގެއްލުންދީ ވައްކަން ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ޝަރުތުކޮށްފައި ދޫކޮށްލީ ރަނގަޅަށް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފިއެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން މިއަހަރުގެ އޭޕްރީލް މަހު ހައްޔަރުކޮށްފައިވަނީ އަހުމަދު ޔާމީން، އޯކަމް ގދ ހޯނޑެއްދޫއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ޕްރައިވެޓް އޮފީހެއްގެ މުދަލަށް ގެއްލުންދީ އެތަނުން ވައްކަންކޮށްފައިވާ މައްސަލައެއްގައި އޭނާގެ ބައިވެރިވުމެއް އޮތްކަމަށް ތުޙުމަތުކުރެވޭތީއާއި މައްސަލާގައި ހެކި ނައްތާލަފާނެކަމަށް ފެންނާތީއާއި، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

އޭނާ ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމައިދިނުމަށް އެދި ހުވަދު އަތޮޅު ދެކުނުބުރީ ހޯނޑެއްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ އޭނާ ޝަރުޠުތަކާއެކު ބަންދުން ދޫކުރުމަށް އަމުރުކޮށްފައެވެ.

އެހެންނަމަވެސް އެ ނިންމުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށްބުނު، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެ ނިންމުން އިސްތިއުނާފު ކުރުމަށް ހުށަހެޅުމުން ހައިކޯޓުން ވަނީ އެ މައްސަލަ ބަލައި ޙުކުމްކޮށްފައެވެ.

ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމުގެ މައްޗަށް ކޮންމެވެސް މިންވަރެއްގެ ހެކިހުރިކަމަށް ބަންދާމެދު ގޮތެއް ނިންމުމަށް އެދި ހުށަހެޅި ފޯމާއި އަދި  ބަންދުން ދޫކޮށްލި އަމުރުގައި ބަޔާންކޮށްފައިވާކަމަށާއި، އެހެންކަމުން އޭނާގެ މައްޗަށް ހެކި ހުރިކަމާއިމެދު ފަނޑިޔާރު ގަބޫލުކުރައްވާކަން އެނގިގެންދާކަމަށެވެ.

އަދި މި މައްސަލައިގެ ހެކިންނަކީ ތުހުމަތުކުރެވޭ މީހާ ބަންދުން ދޫވެފައި ހުންނައިރު ތުހުމަތުކުރެވޭ މީހާގެ ބާރު ފޯރުވައި ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ހެކިންކަމުގައި ވާތީ، އަޙްމަދު ޔާމީން ބަންދުން ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު އެބައޮތްކަމަށެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ވަގަށް ނަގާފައިވާ ފައިސާގެ އަދަދަށް ބަލާއިރު މިއީ ޖިނާއީ ބޮޑު ކުށެއްކަން އެނގި ހާމަވެގެންދާކަމަށާއި، އެހެންކަމުން އޭނާ ބަންދުން ދޫކޮށްލުމަށް ކުރި އަމުރުގައި މުޖްތަމުގެ ސަލާމަތައް ނުރައްކަލެއް ނެތްކަން އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލެއް ނެތްކަމަށް ބުނަނީ ކޮން ޤާނޫނީ އަސާސެއްގެ މައްޗަށްކަމެއް ބަޔާންކޮށްފައި ނުވާކަމަށްވެސް ދައުލަތުން ބުނެއެވެ.

މި މައްސަލައިގައި ހައިކޯޓުންވެސް ނިންމާފައިވަނީ އޭނާ ޝަރުތުކޮށްފައި ދޫކޮށްލީ ރަނގަޅަށް ނޫން ކަމަށެވެ. ހައިކޯޓުން ވަނީ އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހުށަހެޅުމުން 7 ދުވަހުގެ ތެރޭގައި ބަންދާމެދު އަލުން ގޮތެއް ކަނޑަޅަން އަމުރުކޮށްފައެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުޙައްމަދު ޝަނީޒް އަބްދުﷲ، އިސްފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް