ކ. މާލެ
|
22 މެއި 2024 | ބުދަ 12:25
ޔުވެންޓަސް އިން ހޯދަން މަސައްކަތް ކުރަމުން އަންނަ ތިއާގޯ މޮޓާ
ޔުވެންޓަސް އިން ހޯދަން މަސައްކަތް ކުރަމުން އަންނަ ތިއާގޯ މޮޓާ
ރޮއިޓާސް
ޔުވެންޓަސް
ޔުވެންޓަސްގެ ކޯޗުކަމާ މޮޓާ ހަވާލުވުން ގާތް
ޔުވެންޓަސްގެ ހުށަހެޅުމާމެދު އޭނާ ހިތްހަމަ ޖެހޭ، އެކަމާ ގުޅޭ އިތުރު މަޝްވަރާތައް ވެސް ދަނީ ކުރަމުން

ހުސްވެފައިވާ ޔުވެންޓަސްގެ ކޯޗުކަމާ ބްރެޒިލަށް ނިސްބްތާ ތިއާގޯ މޮޓާ ހަވާލުވުން ގާތް ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ޔުވެންޓަސްގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި މެސިމޯ އަލެގްރީ ވަކި ކުރަން އެ ކުލަބުން ނިންމުމުންނެވެ. އަލެގްރީ ވަކި ކުރުމަށްފަހު، ސީޒަންގެ ބާކީ އޮތް ތަނަށް ޔުވެންޓަސް އިން ވަނީ ވަގުތީ ކޯޗެއް ހަމަޖައްސައިފަ އެވެ. އަދި މަސައްކަތް ކުރަމުން އަންނަނީ އަންނަ ސީޒަނަށް ދާއިމީ ކޯޗެއް ހޯދުމަށެވެ.

އެގޮތުން ޔުވެންޓަސް އިން މަސައްކަތް ކުރަމުން އަންނަނީ ބޮލޮގްނާ އަށް އިރުޝާދު ދެމުން އަންނަ މޮޓާ ހޯދުމަށެވެ. ޔުވެންޓަސް އިން ވަނީ އޭނާ އަށް ތިން އަހަރު ދުވަހުގެ ހުށަހެޅުމެއް ވެސް ހުށަހަޅައިފަ އެވެ. ޔުވެންޓަސްގެ ހުށަހެޅުމާ ގުޅިގެން މޮޓާ ވަނީ، ބޮލޮގްނާގެ ވެރިންނާއެކު މަޝްވަރާ ކުރާނެ ކަމަށް ބުނެފަ އެވެ.

މޮޓާ ބުނީ، މިއީ މިހާރު މުސްތަޤުބަލާ މެދު ގޮތެއް ނިންމަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށެވެ. އެހެން ނަމަވެސް، އެ ނިންމުން ނިންމަން ޖެހޭނީ، އެތެރޭގައި ކުރެވޭ މަޝްވަރާތަކުން ކަމަށާއި، ހުރިހާ ދިމާލަކުން ވެސް ނިންމުންތަކަށް އިޙުތިރާމް ކުރަން ޖެހޭނެ ކަމަށް ވެސް މޮޓާ ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ.

އިޓަލީގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޔުވެންޓަސްގެ ކޯޗުކަމާ މޮޓާ ހަވާލުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އަދި ޔުވެންޓަސްގެ ހުށަހެޅުމާމެދު އޭނާ ހިތްހަމަ ޖެހޭ ކަމަށާއި، އެކަމާ ގުޅޭ އިތުރު މަޝްވަރާތައް ވެސް ދަނީ ކުރަމުން ކަމަށް މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވެ އެވެ. އަނެއްކޮޅުން އެކަމުގައި ގޮތެއް ނިންމުން އޮތީ މޮޓާގެ އަތް މަތީގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މޮޓާގެ އިތުރުން އެހެން އެއްވެސް ކޯޗަކާ ޔުވެންޓަސް އިން މަޝްވަރާ ނުކުރެ އެވެ. އެ ކުލަބުގެ ޝައުޤުވެރިކަން އަދި ވިސްނުން މިވަގުތު އޮތީ ހަަމައެކަނި މޮޓާ އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް