ކ. މާލެ
|
21 މެއި 2024 | އަންގާރަ 19:51
ރާއްޖެ ގެނައި އައުޓްޑޭޓެޑް ބައިރަކްތަރ ޓީބީ2 ޑްރޯން ކައިރީގައި ރައީސް މުއިއްޒުއާއި ޑިފެންސް މިނިސްޓަރ ޣައްސާން
ރާއްޖެ ގެނައި އައުޓްޑޭޓެޑް ބައިރަކްތަރ ޓީބީ2 ޑްރޯން ކައިރީގައި ރައީސް މުއިއްޒުއާއި ޑިފެންސް މިނިސްޓަރ ޣައްސާން
އެމްއެންޑީއެފް
މަގޭ ރިޕޯޓް
ދޯނި ހޯދުމުގައި ޑްރޯންގެ ދައުރެއް ނެތް، ރައްޔިތުންގެ ފައިސާ ހަރަދުކުރީ އައުޓްޑޭޓެޑް ޕްރޮޑަކްޓަކަށް
 
ޓީބީ2 ޑްރޯން ގަތީ އަޕްޑޭޓް މޮޑެލް ޓީބީ3 ނެރެން އުޅެނިކޮށް
 
ޑްރޯން ބޭނުން ނުކުރި ސަބަބު ދިފާއީ ބާރުން ހާމައެއް ނުކުރި
 
އެންމެފަހުން ގެއްލުނު ދޯނި ހޯދީ ކަންނެލި ދޯންޏަކުން

މެއި 17 ވަނަ ދުވަހުގެ ހެނދުނު 06:00 ހާއިރު ކ. ތިލަފުށިން ފުރި ދޯންޏެއްގެ ހަބަރެއް ނުވެ، މިކުރަމުންދާ ވިއްސާރައިގައި އެމީހުން ފެނިދާނެކަމާ މެދު އެތައް ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. އަނެއްބައި މީހުން ބުނީ، މިހާރު ކަނޑަށް ނުނުކުމެ އެކަން ވެދާނެކަމަށެވެ. ނަމަވެސް ދޯނި ހޯދަން ކަނޑަށް ނުނުކުމެ ނުވިއެވެ.

ކ.ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރަމުންދިޔަ “AAA-37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްގެ ޚަބަރެއް ނުވެގެން، އެ ދޯނި ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފެށީ 18 ވަނަ ދުވަހުއެވެ. މެއި 17 ވަނަ ދުވަހުގެ ހެނދުނު 06:00 ހާއިރު ކ.ތިލަފުށިން ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ އެ ދުވަހުގެ 17:20 ހާއިރެވެ.

އަދި އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ހަރަކާތްތެރިވި ކަމަށް ބުނެފައިވެއެވެ. އެ ދޯނިން ދަތުރުކުރީ ބަންގްލަދޭޝް ތިން މީހުންނާއި ދިވެއްސަކާއެކު ޖުމްލަ 4 މީހުންނެވެ. އާންމުކޮށް އަމަލުކުރަމުން އަންނަ އުސޫލުގެ މަތިން މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް ވެސް އެދުނެވެ.

މީގެ ކުރިން މިފަދަ ކަންކަމުގައި ޑޯނިއަރ މަތިންދާބޯޓު ބޭނުންކުރެއެވެ. ސަބަބަކީ މޫސުން ގޯސް ދުވަސްވަރަކަށްވުމުން ކޯސްޓްގާޑަށް ވެސް މިފަދަ އޮޕަރޭޝަނެއް ހިންގުން ދަތިވާތީއެވެ. ނަމަވެސް ވެރިކަމަށް އަންނަ ދެއްކި ދަޅައިގައި ޑޯނިއަރ ބޭނުން ނުކުރަންވެގެން އެހެން ގޮތެއް ހޯދާނެކަމަށްވި ވައުދު ފުއްދަން ގެނައީ ތުރުކީގެ ޑްރޯނެކެވެ. މިއާއެކު ދިވެހިން ހީކުރީ ދެން ކަނޑަށް ނުނިކުމެ ވެސް ހުރިހާކަމެއް ވާނެ ކަމަށެވެ.

ދޯނި ގެއްލުނުތާ 3 ދުވަސްވި އިރުވެސް އެމްއެންޑީއެފުން ބޭނުންކުރަމުން އައީ ކޯސްޓްގާޑު ޝިޕެވެ. އިތުރު އެހެން ވަސީލަތެއް ބޭނުންނުކުރިއެވެ. ޑްރޯން ބޭނުން ނުކުރާކަން އެނގުމާއެކު ސުވާލުތައް ފުނިފުންޏަށް އުފައްދަން ފެށިއެވެ. ނަމަވެސް މިކަމުގެ ސާފު ސީދާ ޖަވާބެއް ނުލިބުނެވެ. ތިލަފުށިން ފުރައިގެން 4 މީހުންނާއެކު ދަތުރުކުރަނިކޮށް ގެއްލިގެން ހޯދަމުން އައި ދޯނި ހޯދުމުގައި ޑްރޯން ބޭނުން ނުކުރާ ސަބަބު ހާމަކުރަން ގައުމީ ދިފާއީ ބާރުން ދެކޮޅުހެދިއެވެ.

ދޯންޏާއި ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން މާބޮޑަށް ހާމަކޮށްފައި ނުވާއިރު، ނޫސްވެރިން ކުރި ސުވާލުތަކަށް ވެސް ޖަވާބު ދީފައެއް ނުވެއެވެ. މީގެ އިތުރުން ދޯނި ހޯދަން އެމްއެންޑީއެފްގެ އަސްކަރީ ޑްރޯންތައް ބޭނުން ކުރޭތޯ ކުރި ސުވާލަށް ވެސް ޖަވާބު ދީފައެއް ނުވެއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ގެއްލިގެން އުޅުނު ދޯނި، އެމްއެންޑީއެފް އަށް 3 ދުވަސް ވީ އިރުވެސް ނުފެނިގެން އުޅެނިކޮށް، ދޯނި ފެނުނީ ކަންނެލި ދޯންޏަކަށެވެ. ނަމަވެސް އެކަންވެސް އެންމެ ކުޑަމިނުން އެމްއެންޑީއެފުން ހާމައެއް ނުކުރިއެވެ. ދޯނި ފެނުނުކަން ހާމަކޮށް އެމްއެންޑީއެފުން ބުނީ ކ. ތިލަފުށިން ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ މުދާ އުފުލާ ދޯންޏެއް ކަމަށްވާ "އޭއޭއޭ 37"  ދޯންޏާ ގުޅިއްޖެ ކަމަށެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީ ވަނީ އެ ދޯނި ދަތުރުކުރަމުން އައި ސަރަހައްދަށް ގޮސް، އެ ދޯނީގެ ފަޅުވެރިންނާ ބައްދަލުކޮށްފައި ކަމަށެވެ.

ނަމަވެސް ކަން ހިނގި ގޮތަށް ބަލާއިރު، އެ ދޯނި ފެނިފައިވާ ކަމަށް ކަންނެލި ދޯންޏެއް ކަމަށްވާ އަސުރުމާ ތިނެއް ދޯނިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނެފައިވެއެވެ. ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި އަސުރުމާ ދޯނިން ވަނީ ގެއްލިގެން ހޯދާ، ”AAA-37“ ދޯނީގެ ފޮޓޯއާއި އޮތް ސަރަހައްދު ވެސް ހިއްސާކޮށްފައެވެ.

މީގެ އިތުރުން ކުރިންވެސް ގެއްލުނު ދޯންޏެއް ހޯދުމުގެ މަސައްކަތްކޮށް، ޑްރޯން ބޭނުންކޮށް ދޯނި ހޯދިކަމަށް ދެއްކި ވާހަކަތަކީ ވެސް ސަރުކާރުން ކެނޑި ފޮންޏެވެ. އެ ދޯނި ވެސް ފެނުނީ މަސް ދޯންޏަކަށެވެ.

ޑްރޯން ބޭނުން ނުކުރި ސަބަބާއި ގުޅޭ ސުވާލުތަކަށް އެމްއެންޑީއެފުން ޖަވާބެއް ނުދިންނަމަވެސް، ރާއްޖޭގައި ބޭނުންކުރާ ޑްރޯން ވިއްސާރަވެ ގަދައިގައި ދުއްވިދާނެކަމާއި މެދު އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި އެކަމަށް އެންމެ ގާބިލު އެކަށީގެންވާ ބައެއް ތިބިތޯވެސް ވަނީ ސުވާލު އުފައްދާފައެވެ.

އައުޓްޑޭޓެޑް ޑްރޯންއެއް އެތައް ސަތޭކަ މިލިއަން ހަރަދުކޮށްގެން، ރައީސް މުއިއްޒު ބައިރަކްތަރު ޓީބީ2 ޑްރޯން ގަތީ އަޕްޑޭޓް މޮޑެލް ޓީބީ3 ނެރެން އުޅެނިކޮށެވެ. ޑްރޯން ގަތުމުގައި ކޮރަޕްޝަން ނުހިމެނޭނަމަ ސްޓޮކް ކްލިއަރެންސް އިން ޓީބީ2 ގަންނަން އަަވަސްއަރުވާލީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ.

ރާއްޖޭގައި މީހުންނާއި މުދަލާއި އުޅަނދު ސަލާމަތްކުރުމުގެ އޮޕަރޭޝަނަށް އެންމެ ބޭނުންވަނީ މޫސުން ގޯސް ދުވަސްވަރުއެވެ. ރާއްޖޭގެ މޫސުމުގެ ހާލަތަށް ބައިރަކްތަރު އަކިންޗީ ޑްރޯން މާ އެކަށީގެންވާއިރު ސަރުކާރުން ބައިރަކްތަރު ޓީބީ2 ޑްރޯން ގަތީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ.

ބައިރަކްތަރު އަކިންޗީ ޑްރޯން އިން ވަނީ މޫސުން ކިތައްމެ ގޯސްވި ނަމަވެސް އީރާނުގައި 7.5 ގަޑިއިރު (2100 ކިލޯމީޓަރު) ވަންދެން އަވަހާރަވި އެގައުމުގެ ރައީސް ދަތުރުފުޅުކުރެއްވި ހެލިކޮޕްޓަރު ހޯދުމުގެ އޮޕަރޭޝަން ކުރިއަށްގެންގޮސް ކާމިޔާބުކޮށްފައެވެ.

މިކަމުން އެނގިގެންދަނީ ރައީސް މުއިއްޒު އެމަނިކުފާނުގެ ހައްދުފަހަނަޅާފައިވާ އަލްޓްރާ ނޭޝަނަލިސްޓިކް ޕްރޮޕެގެންޑާއަށް ޓަކައި 570 މިލިއަނަށްވުރެ ގިނަ ފައިސާ ހަރަދުކުރެއްވި ކަމެވެ. ރައްޔިތުންނާއި ގައުމަށް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަކީ އަމިއްލަފުޅު އެޖެންޑާއެއް ހާސިލްކުރައްވަން ކުރެއްވިކަމަކަށް މިއަދު މިވަނީ ހާމަވެފައެވެ. މި ސަރުކާރުން ރައްޔިތުންނަށް ޓަކައި ކުރި ހުރިހާކަމެއް ވެސް ހުރީ ހަމަ މި ބީދައިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
75%
0%
0%
0%
0%
25%
ކޮމެންޓް