ކ. މާލެ
|
21 މެއި 2024 | އަންގާރަ 13:05
ބީއެމްއެލްގެ ޚިދުމަތްތައް
ބީއެމްއެލްގެ ޚިދުމަތްތައް
ބީއެމްއެލް
ބީއެމްއެލްގެ ޚިދުމަތްތައް
2023 ގައި އަލަށް 23،000 ކަސްޓަމަރުން ބީއެމްއެލްއާ ގުޅުނު، އެއީ މާލީ ގޮތުންވެސް އެންމެ ކާމިޔާބު އަހަރު
2023 ވަނަ އަހަރުގެ މެއި މަހުގައި ވަނީ ޑިޖިޓަލް ބޭންކިންގ އެސިސްޓަންޓް އާޔާ ތައާރަފްކޮށްފައި
ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްވެސް ބޭންކުން ގިނަ މަސައްކަތްތަކެއް ކުރަމުންދޭ
ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ލިބުނު

2023 ގައި އަލަށް 23،000 ކަސްޓަމަރުން ބީއެމްއެލްއާ ގުޅުނު ކަމަށާއި، 2023 އަކީ މާލީ ގޮތުންވެސް އެންމެ ކާމިޔާބު އަހަރުކަމަށް ބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ، 2023 ވަނަ އަހަރަކީ ގިނަ ކުރިއެރުންތަކަކާއި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބުނު އަހަރެއް ކަމަށާއި، އެއީ މާލީ ގޮތުން އެންމެ ކާމިޔާބު އަހަރު ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ނިމިގެން ދިޔައީ ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ލިބިގެންކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

މިދިޔަ އަހަރު ބޭންކަށް ލިބުނު އިތުރު ކާމިޔާބީ އަކީ ކަސްޓަމަރުންގެ އިތުބާރާއި ބޭންކިންގ ހިދުމަތް ހޯދުމަށް އިހުތިޔާރުކުރާ ބޭންކަކީ ބީއެމްއެލް ކަމުގައި ގިނަ ކަސްޓަމަރުން ނިންމާ ނިންމުން ކަމަށެވެ. މި ގޮތުން 2023 ވަނަ އަހަރު 23،000 އައު ކަސްޓަމަރުން ބޭންކާ ގުޅި 66،000 އަށް ވުރެ ގިނަ އައު އެކައުންޓް ބޭންކުގައި ހުޅުވާފައިވާކަމަށް މައުލޫމާތުދެއެވެ.

ބީއެމްއެލްއިން ބުނީ، ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްވެސް ބޭންކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

ކަސްޓަމަރުންނަށް ދެމެންދާ ހިދުމަތާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް ކަސްޓަމަރ ސަރވިސް ގުލްނާޒް މާހިރު ވިދާޅުވީ ފުރިހަމަ އަދި ރައްކާތެރި ބޭންކިންގ ހިދުމަތެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަކީ އެންމެ ހާއްސަ ސަމާލުކަމެއްދޭ އެއްކަންތައް ކަމަށެވެ. އެގޮތުން ކުރެވެމުންދާ މަސައްކަތުން މިދިޔަ އަހަރު ކަސްޓަމަރުންގެ ޝަކުވާ %20 އަށް ދަށްކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ ޚިދުމަތްތައް - ބީއެމްއެލް

ބީއެމްއެލް އިން 2023 ވަނަ އަހަރުގެ މެއި މަހުގައި ވަނީ ޑިޖިޓަލް ބޭންކިންގ އެސިސްޓަންޓް އާޔާ ތައާރަފްކޮށްފައެވެ. އާޔާ އަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ބޭންކުގެ ވެބްސައިޓް، ފޭސްބުކް މެސެންޖަރ، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭ އިންޓަރލިޖެންޓް ޗެޓްބޮޓެކެވެ.

ގުލްނާޒު ވިދާޅުވީ އާޔާ ފަރުމާކޮށްފައިވަނީ ކަސްޓަމަރުންނަށް ފަސޭހަވާނެހެން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުއާމަލާތް ކުރެވޭ ގޮތަށް ކަމަށެވެ. އަދި މިދިޔަ އަހަރު، ކަސްޓަމަރުން ފެށި 47،000 ޗެޓްގެ ތެރެއިން %53 އިންސައްތަ ޗެޓަށް ޖަވާބުދީފައިވަނީ އަޔާ މެދުވެރިކޮށް ކަމަށާއި، މިއިން ދައްކުވައިދެނީ ކަސްޓަމަރުން ބޭންކަށް ގުޅަން ނުޖެހި، ބޭނުންވާ ގިނަ މައުލޫމާތުތަކެއް އާޔާ މެދުވެރިކޮށް ހޯދޭނެކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޭންކުން ކަސްޓަމަރ ސަރވިސް ރަނގަޅު ކުރަން ކުރާ މަސައްކަތަކާ ގުޅިގެން ބޭންކުން ބުނީ، ކަސްޓަމަރުން ހުށަހަޅާ މައްސަލަތައް ހައްލުކޮށްދިނުމުގައި މިދިޔަ އަހަރު %24 ގެ ކުރިއެރުމެއް ލިބުނު ކަމަށާއި، މިއީ ކަސްޓަމަރުން ބޭނުންވާ ފަދަ ހިދުމަތެއް ދިނުމަށް ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާކަމެއް ކަމަށެވެ.

އަދި މި ކާމިޔާބީއަކީ ބޭންކުން އިސްނަގައިގެން ކުރި އެތައް މަސައްކަތެއްގެ ސީދާ ނަތީޖާ ކަމަށާއި، މީގެ ތެރޭގައި ކޭސް މެނޭޖްމަންޓް ސިސްޓަމް ތަންފީޒުކުރުމާއި މުވައްޒަފުންނަށް ދެވުނު ތަމްރީނާއި މިދިޔަ އަހަރު ތެރޭ ބޭންކުގެ ގިނަ ޕްރޮސެސްތަކެއް ބަދަލުކޮށް އިތުރަށް ރަނގަޅުކުރުމަށް ކުރެވުނު ބުރަ މަސައްކަތް ހިމެނޭކަމަށް ވިދާޅުވިއެވެ.

ބީއެމްއެލްއިން ބުނީ، ދިވެހިރާއްޖޭގެ އެންމެ ބޮޑު ބޭންކިންގ ވިއުގަ އާއި ޒަމާނީ ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް