ކ. މާލެ
|
21 މެއި 2024 | އަންގާރަ 12:47
އިންޓަ މިލާނަށް ކުޅެމުން އަންނަ ލަައުޓާރޯ މާޓިނޭޒް
އިންޓަ މިލާނަށް ކުޅެމުން އަންނަ ލަައުޓާރޯ މާޓިނޭޒް
ރޮއިޓާސް
އިންޓަ މިލާން
އިންޓައާއެކު އެއްބަސްވުމަކަށް އާދެވިއްޖެ: މާޓިނޭޒް
މާޓިނޭޒް ބުނީ، އޭނާ އުންމީދު ކުރަނީ މި ހަފުތާގެ ފަހުކޮޅު އައު އެއްބަސްވުމުގައި ސޮއި ކުރެވުން ކަމަށް

އިންޓަ މިލާނާއެކު އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް، އެ ކުލަބަށް ކުޅެމުން އަންނަ އާޖެންޓީނާގެ ލައުޓާރޯ މާޓިނޭޒް ބުނެފި އެވެ.

ރޭސިން ކުލަބު ދޫކޮށް މާޓިނޭޒް އިންޓަ އަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. އެފަހަރު އެ ކުލަބާއެކު އޭނާ ސޮއި ކުރި ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މިދިޔަ ޖޫން މަހުގެ ނިޔަލަށެވެ. އެ ކުލަބުގެ އެއްބަސްވުން މާޓިނޭޒް ކުރިން ވެސް އައު ކުރިއިރު، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެން ނަމަވެސް، އިންޓަ އިން ބޭނުންވަނީ އެ އެއްބަސްވުން ދިގު މުއްދަތަކަށް ދަންމާލާށެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަމުން މާޓިނޭޒް ބުނީ، ދިގު މުއްދަތަކަށް އެއްބަސްވުން އައު ކުރުމުގައި އިންޓައާއެކު އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށެވެ. އެހެން ނަމަވެސް، އެއްބަސްވުމުގެ ބައެއް ކަންކަން މުޅިން އަދި ފައިނަލް ނުވާ ކަމަށާއި، ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި އެކަންކަން ވެސް ފުރިހަމަ ވާނެ ކަމުގައި މާޓިނޭޒް ބުންޏެވެ.

މީގެ އިތުރުން މާޓިނޭޒް ބުނީ، އޭނާ އުންމީދު ކުރަނީ މި ހަފުތާގެ ފަހުކޮޅު އައު އެއްބަސްވުމުގައި ސޮއި ކުރެވުން ކަމަށެވެ. އެހެން ނަމަވެސް، އެއަށްވުރެ އެކަން ކުޑަކޮށް ލަސް ވެދާނެކަން ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. މާޓިނޭޒް ބުނީ ކުރިމަގުގައި ކަންތައް ވާނެ ގޮތެއް އޭނާ އަށް ނޭންގޭ ކަމަށާއި، އެހެން ނަމަވެސް ކުލަބާ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

މާޓިނޭޒް ވަނީ މިހާތަނަށް އިންޓަ އަށް ކުޅެދިން 283 މެޗުގައި 129 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ އިޓާލިއަން ލީގު ދެ ފަހަރު، އިޓާލިއަން ކަޕް ދެ ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގު އަދި ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި ވެސް ކުޅެފައިވެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް