ކ. މާލެ
|
21 މެއި 2024 | އަންގާރަ 10:00
ހުޅުމާލެ ފޭސް 2ގެ ބީޗް ސަރަހައްދު
ހުޅުމާލެ ފޭސް 2ގެ ބީޗް ސަރަހައްދު
ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު
ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު ހުސްވުމާއެކު އެތަން ތަރައްޤީކުރަން ފަށާނަން - އެޗްޑީސީ
އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ހިދުތުމަތްތައް ވީހާ ވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށް ބުނޭ
އެ ސަރަހައްދު ތަރައްޤީކުރަން ހޭދަވާނެ މުއްދަތެއް ހާމައެއް ނުކުރޭ

ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ބީޗް ސަރަހައްދު ހުސްވުމާއި އެކު އެތަން ތަރައްޤީކުރަން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހުޅުމާލޭގެ 2 ވަނަ ފިޔަވީގެ ރުއްގަނޑު 3 ގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަދާފައިވާ ހަޓްތަކާއި އެތާނގައި ބަހައްޓާފައިވާ ތަކެތި 15 ޖޫން 2024 ގެ ނިޔަލަށް ނަގަން އެޗްޑީސީން ވަނީ އަންގާފައެވެ. ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން އެޗްޑީސީގެ އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސިރާޖް ވިދާޅުވީ އެ ސަރަހައްދުގައި ވަގުތީގޮތުން ހަދާފައިވާ ހަޓްތައް ބަދަލުކުރަން ނިންމާފައި ވަނީ އެ ސަރަހައްދު އިތުރަށް ތަރައްގީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ.

މި ސަރަހައްދުގައި ވަގުތީ ހަޓްތަކެއް ޖަހައިގެން އަމިއްލަ ގޮތުން ވިޔަފާރިކުރަމުންދާތީ، އެކަމާ ގުޅޭ ގޮތުން ގިނަ ބައެއްގެ ޝަކުވާ އަންނަނީ ލިބެމުން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އެ ސަރަހައްދު އިތުރަށް ތަރައްގީކޮށް ވަސީލަތްތައް ގާއިމް ކުރުމަށް އެ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ވަނީ ބުނެފައެވެ. ހަމައެހެންމެ އެ ސަރަހައްދު ތަރައްގީ ކޮށް ނިމުމުން، ކަނޑައެޅޭ އުސޫލެއްގެ ދަށުން ވިޔަފާރިތަކަށް އަލުން ހުޅުވާލާނެ ކަމަށް ވަނީ ބުނެފައެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލްތައް ރާއްޖެއެމްވީއާ ހިއްސާކުރައްވަމުން ސިރާޖު ވިދާޅުވީ އެ ބިން ހުސް ވުމާއެކު ވީ އެންމެ އަވަހަކަށް އެ ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ. އަދި އެކަމާއި ގުޅޭ ޕްލޭންތައް ތައްޔާރުކޮށްފައިވާކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް އެ މަސައްކަތަށް ކިހާ މުއްދަތެއް ހޭދަވާނެކަން އޭނާ ހާމައެއް ނުކުރައްވައެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހުޅުމާލޭގައި ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުން ބޭނުންވާ ހިދުމަތްތައް ވީހާވެސް ފުރިހަމައަށް ފޯރުކޮށްދިނުމަށް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބީޗް ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން ހަޓުތައް ހަދާފައި ވަނީ އެކިއެކި ވިޔަފާރީގެ ބޭނުނަމަށް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. ނަމަވެސް އެ ތަނަކީ އަދި ތަރައްގީކުރުމުގެ މަރުހަލާގައި އޮތް ސަރަހައްދަކަށް ވާތީއާއި ވަސީލަތްތައް ގާއިމްވެފައި ނުވާތީ ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

- ކޮމެންޓް