ކ. މާލެ
|
20 މެއި 2024 | ހޯމަ 12:09
އިންޑިއާގައި ކުރިއަށް ދިޔަ ސްކޭޓް މުބާރާތުގެ ތެރެއިން
އިންޑިއާގައި ކުރިއަށް ދިޔަ ސްކޭޓް މުބާރާތުގެ ތެރެއިން
ސްކޭޓް މޯލްޑިވްސް
އިންޑިއާގައި އޮތް މުބާރާތަކުން ރާއްޖޭގެ ސްކޭޓް އެތުލީޓުން 12 މެޑަލް ހޯދައިފި
ސްކޭޓް މޯލްޑިވްސްގެ ފަރާތުން 15 ދުއްވުންތެރިޔަކު ވަނީ ވާދަކޮށްފައި

އިންޑިއާގައި ކުރިއަށް ދިޔަ ސްކޭޓް މުބާރާތެއްގައި ވާދަކޮށް، ރާއްޖޭގެ ސްކޭޓް އެތުލީޓުން 12 މެޑަލް ހޯދައިފި އެވެ.

ސްކޭޓް މޯލްޑިވްސްގެ ފަރާތުން އިންޑިއާގައި ކުރިއަށް ގެންދިޔަ 11 ދުވަހުގެ ތަމްރީނު ޕްރޮގްރާމް ނިންމާލުމަށްފަހު، ކަޕޫރު ސްކޭޓް އެކެޑަމީގެ ފަރާތުން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނަލް ސްކޭޓް ޗެމްޕިއަންޝިޕްގައި ވަނީ ވާދަކޮށްފަ އެވެ.

ރާއްޖޭގެ ސްކޭޓް މޯލްޑިވްސްގެ އިތުރުން، މި މުބާރާތުގައި ވަނީ އިންޑިއާގެ ހަތަރު އެކެޑަމީއަކުން ވާދަކޮށްފަ އެވެ. ސްކޭޓް މޯލްޑިވްސްގެ ފަރާތުން 15 ދުއްވުންތެރިޔަކު ވަނީ ވާދަކޮށްފަ އެވެ.

މުބާރާތުގެ ފިރިހެން ބައިގެ ހަތަރު އުމުރުފުރާއެއްގައި ވާދަކޮށް، ސްކޭޓް މޯލްޑިވްސްގެ އެތުލީޓުން ވަނީ ތިން ރަން މެޑަލް، ދެ ރިހި މެޑަލް އަދި ދެ ލޯ މެޑަލް ހޯދައިފަ އެވެ.

އަންހެން ބައިގެ ވެސް ހަތަރު އުމުރުފުރާއެއްގައި ވާދަކުރިއިރު، ދެ ރަން މެޑަލް، ދެ ރިހި މެޑަލް އަދި އެއް ލޯ މެޑަލް ވަނީ ހޯދައިފަ އެވެ.

މުބާރާތާ ގުޅޭ ގޮތުން ސްކޭޓް މޯލްޑިވްސް އިން ބުނީ، މުބާރާތް ބޭއްވުނު ޓްރެކުގައި ސްކޭޓް މޯލްޑިވްސްގެ ދުއްވުންތެރިންނަށް ފަރިތަކޮށްލަން ލިބުނީ އެންމެ ދުވަހެއް ކަމަށާއި، އެ ސަބަބާހުރެ ދުއްވުންތެރިންނަށް އެ ޓްރެކު އެހާ ފަރިތަ ނޫންކަން ފާހަގަ ކުރެވުނު ކަމަށެވެ. މީގެ އިތުރުން އެ ދަތުރާ ގުޅިގެން ސްކޭޓް މޯލްޑިވްސް އަށް އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

- ކޮމެންޓް