ކ. މާލެ
|
20 މެއި 2024 | ހޯމަ 11:55
ރާއްޖޭގެ ލައިބާ އަދި ޕެއާ ޕާޓްނަރު ކެޓްރީނާ
ރާއްޖޭގެ ލައިބާ އަދި ޕެއާ ޕާޓްނަރު ކެޓްރީނާ
ޓްވީޓަރ
އާމެނިއަން ޔޫތު އޯޕަން 2024
އާމެނިއަން ޔޫތު އޯޕަންގައި ލައިބާ އަށް ރިހި އަދި ލޯ މެޑަލް
ރިހި މެޑަލް ހޯދީ 13 އަހަރުން ދަށުގެ ޑަބަލްސް އިން، ލޯ މެޑަލް ހޯދީ 13 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިން

އާމެނިއަން ޔޫތު އޯޕަން 2024 ބެޑްމިންޓަން މުބާރާތުގައި ވާދަކޮށް ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ) ރިހި މެޑަލް އަދި ލޯ މެޑަލް ހޯދައިފި އެވެ.

ލައިބާ ރިހި މެޑަލް ހޯދީ 13 އަހަރުން ދަށުގެ ޑަބަލްސް އިންނެވެ. އަދި ލޯ މެޑަލް ހޯދީ 13 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިންނެވެ.

ޑަބަލްސް ބައިގެ ފައިނަލްގައި ލައިބާ އަދި ޕެއާ ޕާޓްނަރު ކެޓްރީނާ ނުކުތީ ބަލްގޭރިއާގެ ޕެއާއާ ދެކޮޅަށެވެ. ފައިނަލް މެޗު ބަލްގޭރިއާގެ ޕެއާ އިން ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. އެއީ ފުރަތަމަ ސެޓު 21-13 އަދި ދެ ވަނަ ސެޓު 21-12 އިންނެވެ.

ލައިބާ އަދި ލައިބާގެ ކޯޗު އަބީޝެކް ބާވާ - ޓްވިޓަރ

ކުރީގެ ކުޅިވަރު ވަޒީރު އަޙުމަދު މަޚްލޫފްގެ ދަރިފުޅު، ލައިބާ އަންނަނީ ބައިނަލްއަޤުވާމީ އެކި އެކި މުބާރާތްތަކުގައި ވާދަކޮށް، ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. އެގޮތުން މިހާތަނަށް ލައިބާ ވަނީ ބައިނަލްއަޤުވާމީ މުބާރާތްތަކުން ތިން ރިހި މެޑަލް އަދި ފަސް ލޯ މެޑަލް ހޯދައިފަ އެވެ.

އާމެނިއަން ޔޫތު އޯޕަން މުބާރާތަށްފަހު، މި ހަފްތާގައި ލައިބާ ދެން ވާދަކުރާނީ ޕޮލެންޑުގައި ކުރިއަށްދާ ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގަ އެވެ.

- ކޮމެންޓް