ކ. މާލެ
|
20 މެއި 2024 | ހޯމަ 07:24
ބޮލޮގްނާ އަށް އިރުޝާދު ދެމުން އަަންނަ ތިއާގޯ މޮޓާ
ބޮލޮގްނާ އަށް އިރުޝާދު ދެމުން އަަންނަ ތިއާގޯ މޮޓާ
ރޮއިޓާސް
ބޮލޮގްނާ
ގޮތެއް ނިންމުމަށް، މޮޓާ ބޮލޮގްނާގެ ވެރިންނާ ބައްދަލުކުރަނީ
ފައިނަލް ނިންމުމެއް ނިންމުމުގެ ކުރިން ކުލަބުގެ އިސްވެރިންނާ މަޝްވަރާ ކުރަން ބޭނުންވާ ކަމުގައި ވެސް އޭނާ ވަނީ ބުނެފައި

މުސްތަޤުބަލާމެދު ގޮތެއް ނިންމުމަށްޓަކައި، ބޮލޮގްނާގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރާނެ ކަމުގައި އެ ޓީމަށް އިރުޝާދު ދެމުން އަންނަ ތިއާގޯ މޮޓާ ބުނެފި އެވެ.

މޮޓާ މިހެން ބުނީ، އޭނާ ހޯދުމުގެ ޝައުޤުވެރިކަން އިޓަލީގެ ޔުވެންޓަސް އިން ފާޅުކޮށްފައި ވަނިކޮށެވެ. ޔުވެންޓަސްގެ ކޯޗުކަމުން މެސިމޯ އަލެގްރީ ވަކި ކުރުމަށްފަހު، ޔުވެންޓަސް އިން ވަނީ މޮޓާ އަށް ހުށަހެޅުމެއް ހުށަހަޅައިފަ އެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަމުން މޮޓާ ބުނީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އޭނާ ބޮލޮގްނާގެ ރައީސް އަދި އެހެނިހެން އިސްވެރިންނާ ބައްދަލު ކުރާނެ ކަމަށެވެ. ފައިނަލް ނިންމުމެއް ނިންމުމުގެ ކުރިން ކުލަބުގެ އިސްވެރިންނާ މަޝްވަރާ ކުރަން ބޭނުންވާ ކަމުގައި ވެސް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މޮޓާ ބުނީ، މިއީ މިހާރު މުސްތަޤުބަލާ މެދު ގޮތެއް ނިންމަން ޖެހޭ ވަގުތު ކަމަށެވެ. އެހެން ނަމަވެސް، އެ ނިންމުން ނިންމަން ޖެހޭނީ، އެތެރޭގައި ކުރެވޭ މަޝްވަރާތަކުން ކަމަށާއި، ހުރިހާ ދިމާލަކުން ވެސް ނިންމުންތަކަށް އިޙުތިރާމް ކުރަން ޖެހޭނެ ކަމަށް ވެސް މޮޓާ ވަނީ ބުނެފަ އެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ޔުވެންޓަސް އިން މޮޓާ އަށް ހުށަހަޅާފައި ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. އެހެންކަމުން އެކަމާ މެދު މޮޓާ ގޮތެއް ނިންމަން ބޭނުންވާ ކަމަށާއި، މިވަގުތު ޔުވެންޓަސް އިން މަޝްވަރާ ކުރަމުން ދަނީ ހަމައެކަނި މޮޓާއާ ކަމަށް ވެސް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

މޮޓާ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2018 ވަނަ އަހަރު ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ 19 އަހަރުން ދަށުގެ ޓީމުންނެވެ. އޭގެ ފަހުން 2019 ވަނަ އަހަރު އޭނާ ހަވާލުވީ އިޓަލީގެ ޖެނޯއާ އެވެ. އެ ކުލަބުގައި މަސައްކަތް ކުރުމަށްފަހު، 2021 ވަނަ އަހަރު މޮޓާ ވަނީ ސްޕީޒިއާ އަށް ވެސް އިރުޝާދު ދީފަ އެވެ.

އެއަށްފަހު ބޮލޮގްނާއާ އޭނާ ހަވާލުވީ 2022 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ކުލަބު ވަނީ 74 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 35 މެޗުންނެވެ. 16 މެޗުން ބަލިވެފައިވާއިރު، 23 މެޗު ވަނީ އެއްވަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް