ކ. މާލެ
|
19 މެއި 2024 | އާދީއްތަ 01:51
ލީގު ޗެމްޕިއަން ޝީލްޑާއެކު ލެވަކޫސަންގެ ކުޅުންތެރިން
ލީގު ޗެމްޕިއަން ޝީލްޑާއެކު ލެވަކޫސަންގެ ކުޅުންތެރިން
ރޮއިޓާސް
ޖަރުމަނު ލީގު
ބަލިނުވެ ލެވަކޫސަނުން ލީގު ނިންމާލައި، ޝީލްޑު އުފުލާލައިފި
ލީގުގައި ޖުމުލަ ކުޅުނު 34 މެޗުގެ ތެރެއިން، ލެވަކޫސަން ވަނީ 28 މެޗުން މޮޅުވެފައި، ބާކީ ހަ މެޗު ނިމުނީ އެއްވަރުވެގެން

ޖަރުމަނު ލީގުގައި އޮގްސްބާގާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ޗެމްޕިއަން ބަޔާ ލެވަކޫސަނުން ބަލިނުވެ ލީގު ނިންމާލައިފި އެވެ.

ލެވަކޫސަންގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މިއީ މި ސީޒަންގެ ޖަރުމަނު ލީގުގައި ލެވަކޫސަންގެ ފަހު މެޗެވެ. މި ސީޒަންގެ ލީގުގެ އެއްވެސް މެޗަކުން، އަދި ސީޒަންގެ އެއްވެސް މެޗަކުން އެ ޓީމު ބަލިވެފައެއް ނުވެ އެވެ.

މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ލެވަކޫސަނުން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އަމީން އަދްލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް ލީޑު ނަގައިދިނީ ވިކްޓޯ ބޮނިފޭސް އެވެ. އޭގެ ފަހުން މެޗުގެ 27 ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ރޮބާޓް އަންޑްރިޗް އެވެ. މެޗުގައި އޮގްސްބާގްގެ ހަމައެކަނި ލަނޑު، މެޗުގެ 62 ވަނަ މިނެޓުގައި ޖެހީ މާޓް ކޮމޫ އެވެ. މެޗަށްފަހު ލެވަކޫސަނުން ވަނީ ލީގު ޗެމްޕިއަން ޝީލްޑު އުފުލާލައިފަ އެވެ.

ޖަރުމަނު ލީގުގައި ޖުމުލަ ކުޅުނު 34 މެޗުގެ ތެރެއިން، ލެވަކޫސަން ވަނީ 28 މެޗުން މޮޅުވެފަ އެވެ. ބާކީ ހަ މެޗު ނިމުނީ އެއްވަރުވެގެންނެވެ. މި ސީޒަންގެ ޖަރުމަނު ލީގު އެ ޓީމުން ކާމިޔާބު ކޮށްފައިވާއިރު، މިއީ ފާއިތުވި 11 އަހަރުގެ ތެރޭގައި ބަޔާން މިއުނިކް ނޫން އެހެން ޓީމަކުން ޖަރުމަނު ލީގު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

މި ސީޒަންގައި ލެވަކޫސަން އަށް ބާކީ ދެން އޮތީ ދެ ފައިނަލް އެވެ. އެއީ މި މަހުގެ 23 ވަނަ ދުވަހު ކުޅޭ ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލް އާއި 25 ވަނަަ ދުވަހު ކުޅޭ ޖަރުމަނު ކަޕްގެ ފައިނަލް އެވެ. އެ ދެ މުބާރާތް ކާމިޔާބުކޮށް، ސީޒަންގައި ތިން ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު ލެވަކޫސަން އެބަ އޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް