ވިއްސާރައިގައި ގެއްލުން ލިބޭ ރަށްތަކުގެ މައުލޫމާތު އެއްކުރަނީ ދުވަހުން ދުވަހަށް ވަކިވަކިން ކަމަށާއި ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުމުގެ މުޅި ތަފްސީލު ހިމެނޭ ރިޕޯޓެއް އެކުލަވާލާނެ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އިން ބުނެފިއެވެ.
އެ އޮތޯރިޓީން ވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގެއްލުންތަކެއް ލިބިގެން ރިޕޯޓްކޮށްފައި ވަނީ ހަމައެކަނި އައްޑޫ ސިޓީ ފޭދޫއިން ކަމަށް ބުނެފައެވެ. އެންޑީއެމްއޭއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބައެއް މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަ ދިމާވެފައިވާ ކަމަށެވެ. އަދި ފެން ބޮޑުވުމުގެ ސަބަބުން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވެފައިވާކަމަށް ވެސް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.
މެއި ޖޫން އަދި ޖުލައި މަހު ވަރަށް ބޮޑަށް ވިއްސާރަވެއެވެ. އަދި މި ވިއްސާރައިގައި އެހެނިހެން ހިސާބުތަކަށް ވެސް ގެއްލުން ލިބުނުކަމަށް މީސްމީޑިއާގައި ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މި މަހުގެ 14ގައި ކުރި ވިއްސާރައިގައި ބައެއް ގޭގޭގެ ފުރާޅު އެއްކޮށް އެއްލާލާ ގޭގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި އެހެން ބައެއް ހިސާބުތަކަށް ލިބުނު ގެއްލުންތަކުގެ މައުލޫމާތު ވެސް މީސްމީޑިއާގައި ވަނީ ހިއްސާކޮށްފައެވެ. މިފަދަ ގެއްލުންތައް ރަސްމީކޮށް ރިޕޯޓް ނުކުރުމަކީ ކަމާއި ބެހޭ ފަރާތްތަކަށް ދިމާވާ ގޮންޖެހުމެކެވެ.
އެންޑީއެމްއޭގެ އޮފިޝަލަކު ރާއްޖެ އެމްވީ އަށް ވިދާޅުވީ ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މައުލޫމާތު ދުވަހުން ދުވަހަށް އެއްކުރަމުންދާ ކަމަށެވެ. ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިގެން ރިޕޯޓްކުރީ އައްޑޫ އިން އެކަނިކަމަށް ބުނެފައި ވަނީ މި ފާއިތުވި ދުވަސްތަކުގައި ވެހުނު ވާރޭގައި ގެއްލުންވި ތަންތަނުގެ މައުލޫމާތު އެއްކުުރުމަށް ފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާރު ވެސް ވިއްސާރަކުރަމުންދާތީ ވިއްސާރައިގައި ލިބުނު ހުރިހާ ގެއްލުމެއްގެ ތަފްސީލް ހިމެނޭ ރިޕޯޓު އެކުލަވާލެވޭނީ ހުރިހާ ޑޭޓާއެއް އެއްކޮށް ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެންޑީއެމްއޭއިން ވަނީ މޫސުން ގޯސްވުމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހަނދާންކޮށްދިނުމަށް ޚާއްސަ އިރުޝާދުތަކެއް ދީފައެވެ. އެގޮތުން ވައިގަދަވުމުގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަަށް ބެލެވޭ ނަމަ ދުރާލާ ވައު ފަދަ އެއްޗެހި ބޭނުންކޮށްގެން ފުރާޅު އެއްލާނުލާ ގޮތަކަށް ހައްޔަރުކުރުމަށް އިރުޝާދު ދީފައިވެއެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށާއި ދަނޑުވެރިކަން ކުރާ ފަރާތްތަކުން ގަސްގަހާއި ގެއްސަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.