ސްޕެއިންގެ ރެއާލް މެޑްރިޑުގައި މަޑުކުރަން ބޭނުންވާކަން، އެ ކުލަބަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް އަންގައިފި އެވެ.
އުމުރުން 38 އަހަރުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ރެއާލާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ސީޒަންގެ ނިޔަލަށެވެ. އެހެންކަމުން، އޭނާގެ އެއްބަސްވުން އިތުރު އެއް އަހަރަށް އައުކުރަން ރެއާލުން ބޭނުންވާ ކަމަށާއި، އެކަމުގެ ވާހަކަތައް ދެކެވެމުންދާ ކަމަށް މީގެ ކުރިން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ސްޕެއިންގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން، ރެއާލްގައި މަޑު ކުރަން ބޭނުންވާކަން މޮޑްރިޗް މިހާރު ވަނީ ކުލަބަށް އަންގައިފަ އެވެ. އަދި އައު އެއްބަސްވުމެއްގައި ސޮއިކުރަން އޭނާ ތައްޔާރަަށް ހުރި ކަމަށް ވެސް މޮޑްރިޗް އަންގާފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ. ހަމައެހެންމެ މުސާރައިގެ އެއްވެސް މައްސަލައެއް މޮޑްރިޗްގެ ނެތް ކަަމަށާއި، ހަމައެކަނި އޭނާ ބޭނުން ވަނީ ރެއާލްގައި މަޑު ކުރަން ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން، މޮޑްރިޗް ރެއާލްގައި ހުންނަަން ބޭނުންވާކަން ކުލަބަށް އަންގާފައިވާއިރު، އޭނާ އަށް ލިބުނު ދެ ހުށަހެޅުމެއް ޤަބޫލު ނުކުރަން ވެސް މޮޑްރިޗް ނިންމި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭގެ ތެރޭގައި ސައުދީ ޕްރޯ ލީގުން މޮޑްރިޗަށް ހުށަހެޅުމެއް ލިބުނު ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޓޮޓެންހަމް ދޫކޮށްލުމަށްފަހު މޮޑްރިޗް ރެއާލަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން ރެއާލްގައި ހޭދަކުރި 12 ސީޒަންގެ ތެރޭގައި އޭނާ ވަނީ އެ ކުލަބަށް 531 މެޗު ކުޅެދީ 39 ލަނޑު ޖަހައިފަ އެވެ. ރެއާލްގައި މޮޅު ކުޅުމެއް އޭނާ ދައްކަަމުން އަންނައިރު، މިހާތަނަށް ވަނީ ރެއާލާއެކު 25 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ހަތަރު ފަހަރު، ކޮޕާ ޑެލް ރޭ ދެ ފަހަރު، ސްޕެނިޝް ސުޕަ ކަޕް ފަސް ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު، ޔުއެފާ ސުޕަ ކަޕް ހަތަރު ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް ފަސް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.