އެންމެ ބޮޑު ކުޅިވަރު ގޭމްސް އޮލިމްޕިކްސްއަށް ކޮލިފައިވި ދިވެހި ފުރަތަމަ އެތްލީޓްގެ ގޮތުގައި 16 އަހަރުގެ ފާތިމަތި ދީމާ އަލީ ހުކުރު ދުވަހު މާލެ އައުމުން މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި އެންމެ ގަދަ އަޑުން އިވުނީ ގުރުބާނީ އެއްގެ ވާހަކައެވެ. ކުޅިވަރާއި ބެހޭ ވަޒީރު ޑރ.އަބްދުالله ރާފިއު އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް އަބުދުއްސައްތާރު ވެސް ތަކުރާރު ކުރެއްވި ވާހަކަ އަކީ 'ސެކްރިފައިޒް' ގެ ވާހަކަ އެވެ.
ދީމާ ރާއްޖެއަށް ހޯދައިދިން ކާމިޔާބީއާއި ފަހުރަކީ އެންމެން ބަލައިގަންނަ މަރުހަބާ ކިޔާ ހިފެހެއްޓުމެއް ނެތް ޝުކުރު އަދާކުރާ ކާމިޔާބީ އެކެވެ. އެ ކާމިޔާބީއަށް ކުރި ދަތުރަކީ އެ ދަތުރުން އިބުރަތާއި ހިތްވަރާއި ފިލާވަޅު ހޯދަންޖެހޭ ދަތުރެކެވެ. ވަކިން ހާއްސަކޮށް އެތްލީޓުންނާއި އެތްލީޓުންގެ މައިންބަފައިންނާއި އާއިލާތަކުންނެވެ. ކުޅިވަރު އެސޯސިއޭޝަންތައް ވެސް މެއެވެ.
މިނިސްޓަރު ވެސް އެންމެބޮޑަށް ފާހަގަކުރެއްވި އަދި ހަނދާނަށް ގެންނެވި ވާހަކައަކީ އެއީއެވެ. ދީމާގެ ގުރުބާނީގެ ވާހަކަ އެވެ. ދީމާއަށް ޓަކައި މަންމަ އާއި ބައްޕަގެ އަގުނުކުރެވޭނެ ގުރުބާނީ އެވެ. އެ ގުރުބާނީއެކު ގަދަ ހިތްވަރާއި މަސައްކަތުން ރާއްޖެއަށް ހޯދައިދިން ފަހުރުވެރި ވަނަތަކުގެ ވާހަކައެވެ. އެންމެ ފަހުން ގޮސް ރާއްޖެ އޮލިމްޕިކްސް އަށް ކޮލިފައިކޮށްދިން ގޮތުގެ ވާހަކައެވެ.
ކުރީގެ ހަނދާންތަކެއް އައުކުރެއްވިއެވެ. ކުޅުންތެރިންނަށް ފަރުވާދެއްވާ ޑޮކްޓަރަކަށް ހުންނެވި އިރު ދީމާގެ މައިންބަފައިންނާ ދެކެވުނު ވާހަކަ އެކެވެ. ދީމާގެ ކިޔެވުމާ ގުޅޭގޮތުން މައިންބަފައިން ދިން ޖަވާބެވެ. "ކިޔަވަނީ އޮންލައިން ކްލާހުންނެވެ" އާއިލާއާ ރަހުމަތްތެރިންނާއި ދުރުގައި އެތައް ގިނަ ދުވަސް މުބާރާތްތަކާއި, ތަމްރީނުތަކުގައި ހޭދަކުރެއެވެ. ދީމާގެ މަންމަ ވެސް އިއްޔެ ރާއްޖެ ޓީވީއާ ވާހަކަ ދައްކަމުން އެ ވާހަކަ ހިއްސާކުރިއެވެ. އާއިލާއާއި ރަހުމަތްތެރިންނާ ދުރުގައި ހޭދަކުރާ އުނދަގޫ ގިނަ ދުވަސްތަކުގެ ވާހަކަ އެވެ. އެ އުނދަގޫ ދުވަސްތަކުގެ ހިތްހަމަޖެހުން މިއަދު އިހުސާސްކުރެވޭ ވާހަކަ އެވެ.
އުނދަގޫ ދިރިއުޅުމެއްގައި އުޅެމުން މިއަދު މިކަންތައް މި ހާސިލްވީ, އެކަމަކު މިއަދަކު އެއުނދަގުލެއް އިހުސާސެއް ނުވޭ. އެއަށްވުރެ މާ އުފާވެރި ދުވަހެއް މިއަދު މިއީދީމާގެ މަންމަ
މިނިސްޓަރު ރާފިއު ވިދާޅުވީ ދީމާ ދީމާއަކަށްވީ އަދި ރާއްޖެއަށް ފަޚުރުވެރި ކާމިޔާބީތައް ހޯދައިދެމުން ގޮސް އޮލިމްޕިކްސްއަށް ކޮލިފައިވީ ވަގުތު ދީގެން, ކަމަށް ކަމޭހިތައިގެންވީ ބޮޑު ގުރުބާނީގެ ސަބަބުން ކަމަށެވެ. ވަކިން ހާއްސަކޮށް ދީމާގެ މައިންބަފައިންގެ ގުރުބާނީގެ ސަބަބުން ކަމަށެވެ. އަދި މިއީ ވަރަށް ގިނަ ދުވަސްތަކެއްގެ ނަތީޖާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. "ހާޑް ވޯކް, ޑެޑިކޭޝަން, ޑިޓާމިނޭޝަން" މިއީ އެތްލީޓެއް ހަނދާން ނައްތާލައިގެން ވާނެ ބަސްތަކެއް ނޫންކަމަށް ވިދާޅިއެވެ.
މިހުރިހާ ކަމެއް ކޮށްގެން މިހާ ހިސާބަށް އަޅުގަނޑުމެންގެ ގައުމު ފަހުރުވެރިވާ ދަރަޖައަކަށް ގެނެސްދެއްވީތީ ދީމާގެ ޕޭރެންޓުންނަށް ވަރަށް ހާއްސަ ޝުކުރެއް އަޅުގަނޑު ރައްދުކުރަން.ޑރ.އަބްދުالله ރާފިއު/ ކުޅިވަރާބެހޭ ވަޒީރު
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް އަބުދުއްސައްތާރު ވިދާޅުވީ މިއަދު ދީމާ އެ ކޮށްދިނީ ދިވެހިންނަށް, ދިވެހި ކުޅިވަރަށް މިއޮތް ހުރިހާ ދުވަހު ނުކުރެވި އޮތް ކަމެއް ކަމަށެވެ. އެކަންކޮށް ދީމާ ސާބިތުކޮށްދިނީ މިއީ ދިވެހިންނަން ކުރެވޭނެ, ވާނެކަމެއް ކަން ކަމަށެވެ. ދީމާގެ މަސައްކަތަކީ ކުޑަ މަސައްކަތެއް ނޫންކަން ފާހަގަކުރައްވާ ސައްތާރު ވިދާޅުވީ ބުރަ މަސައްކަތާއި ގުރުބާނީ ނުލާ މިނަތީޖާ ހާސިލްނުކުރެވޭނެ ކަމަށެވެ.
އޮލިމްޕިކްސްގައި ދީމާ ވާދަކުރާނީ މިއަހަރުގެ ޖުލައި މަހުއެވެ. އޮލިމްޕިކްސް އޮންނާނީ ފްރާންސްގެ ޕެރިހުގައެވެ. ދީމާ ވެސް އަދި ދީމާގެ މައިންބަފައިން ވެސް ބުނީ އޮލިމްޕިކްސްގައި ވާދަކުރުމުގެ ހުވަފެން މާކުރިން ފެށިގެން އޮތަސް އެއުއްމީދު ހާސިލްވީ އުއްމީދު ކުރިވަރަށްވުރެ މާ އަވަހަށް ކަމަށެވެ. މިއީ ދީމާއާއި އާއިލާގެ 10 އަހަރުގެ ގުރުބާނީގެ އަގެވެ.