ކ. މާލެ
|
18 މެއި 2024 | ހޮނިހިރު 10:35
ޔުވެންޓަސްގެ ކޯޗަކަށް ގެންނަން މަސައްކަތް ކުރާ މޮޓާ
ޔުވެންޓަސްގެ ކޯޗަކަށް ގެންނަން މަސައްކަތް ކުރާ މޮޓާ
ރޮއިޓަސް
ޔުވެންޓަސް
ވަގުތީ ކޯޗަކު ހަމަޖައްސައި، ޔުވެންޓަސް އިން ދާއިމީ ކޯޗަކަށް މޮޓާ ގެންނަން މަސައްކަތްކުރަނީ
އޭނާ ހޯދުމުގެ މަސައްކަތް ޔުވެންޓަސް އިން ފަށާފައިވާއިރު، މިހާރު ވަނީ ރަސްމީ ހުށަހެޅުމެއް ވެސް ފޮނުވައިފައި

ޔުވެންޓަސްގެ ކޯޗުކަމުގެ މަގާމުން މެސިމޯ އަލެގްރީ ވަކި ކުރުމަށްފަހު، ވަގުތީ ކޯޗަކަށް ޕައޮލޯ މޮންޓެރޯ ހަމަޖައްސައިފި އެވެ.

ޔުވެންޓަސްގެ ކޯޗުކަމުން އަލެގްރީ ވަކި ކުރަން އެ ކުލަބުން ނިންމީ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ. އެއަށްފަހު މި ސީޒަންގެ ނިޔަލަށް އެ ޓީމުގެ ވަގުތީ ކޯޗަކަށް ހަމަޖެއްސީ މޮންޓެރޯ އެވެ. ޔުވެންޓަސްގެ ވަގުތީ ކޯޗުކަމާ ހަވާލުވީއިރު، މޮންޓެރޯ ހުރީ އެ ކުލަބުގެ 19 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަމުގަ އެވެ. މި ސީޒަންގެ އިޓާލިއަން ލީގުގައި ޔުވެންޓަސް އަށް ބާކީ ދެ މެޗު އޮތްއިރު، ސީޒަންގެ ނިޔަލަށް އޭނާ އެ ޓީމަށް އިރުޝާދު ދޭނެ އެވެ.

ޔުވެންޓަސް އިން މަސައްކަތް ކުރަމުން އަންނަނީ ދާއިމީ ކޯޗެއް ހޯދުމަށެވެ. އެގޮތުން އަންނަ ސީޒަނަށް އެ ޓީމުގެ ކޯޗަކަށް ގެންނަން މަސައްކަތް ކުރަނީ ބްރެޒިލަށް ނިސްބަތްވާ ތިއާގޯ މޮޓާ އެވެ. މިވަގުތު އޭނާ ހުރީ އިޓާލިއަން ލީގުގެ ބޮލޮގްނާގެ ކޯޗުކަމުގަ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ޔުވެންޓަސް އިން ފަށާފައިވާއިރު، މިހާރު ވަނީ ރަސްމީ ހުށަހެޅުމެއް ވެސް ފޮނުވައިފަ އެވެ.

މޮޓާ އޭނާގެ ކޯޗިން ކެރިއަރު ފެށީ 2018 ވަނަ އަހަރު ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ 19 އަހަރުން ދަށުގެ ޓީމުންނެވެ. އޭގެ ފަހުން 2019 ވަނަ އަހަރު އޭނާ ހަވާލުވީ އިޓަލީގެ ޖެނޯއާ އެވެ. އެ ކުލަބުގައި މަސައްކަތް ކުރުމަށްފަހު، 2021 ވަނަ އަހަރު މޮޓާ ވަނީ ސްޕީޒިއާ އަށް ވެސް އިރުޝާދު ދީފަ އެވެ. އެއަށްފަހު ބޮލޮގްނާއާ އޭނާ ހަވާލުވީ 2022 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ކުލަބު ވަނީ 74 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ 35 މެޗުންނެވެ. 16 މެޗުން ބަލިވެފައިވާއިރު، 23 މެޗު ވަނީ އެއްވަރުވެފަ އެވެ.

ޔުވެންޓަސްގެ ކޯޗަކަށް ހުރި އުމުރުން 56 އަހަރުގެ އަލެގްރީ މަގާމުން ވަކިކުރަން އެ ކުލަބުން ނިންމީ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ. ޔުވެންޓަސް އިން ބުނެފައިވާ ގޮތުގައި ކޯޗުކަމުން އަލެގްރީ ވަކިކުރަން ނިންމީ، އިޓާލިއަން ކަޕްގެ ފައިނަލްގައި އަދި ފައިނަލްގެ ފަހުން، އަލެގްރީގެ ފަރާތުން ފެނުނު އަމަލުތަކަކީ ކުލަބުގެ އުސޫލުތަކާ ޚިލާފު އަމަލެއް ކަމަށާއި، އެއީ ބަަލައި ގަނެވޭނެ އަމަލެއް ނޫން ކަމަށެވެ.

- ކޮމެންޓް