ކ. މާލެ
|
18 މެއި 2024 | ހޮނިހިރު 07:31
ޔުވެންޓަސްގެ ކޯޗު އަލެގްރީ
ޔުވެންޓަސްގެ ކޯޗު އަލެގްރީ
ޓްވިޓަރ
ޔުވެންޓަސް
ޔުވެންޓަސްގެ ކޯޗުކަމުން އަލެގްރީ ވަކިކޮށްފި
އަލެގްރީ ވަކި ކުރަން ނިންމީ، އިޓާލިއަން ކަޕްގެ ފައިނަލްގައި އަދި ފައިނަލްގެ ފަހުން، އަލެގްރީގެ ފަރާތުން ފެނުނު އަމަލުތަކުގެ ސަބަބުން

އިޓަލީގެ ޔުވެންޓަސް އަށް އިރުޝާދު ދެމުން އައި މެސިމޯ އަލެގްރީ މަގާމުން ވަކިކޮށްފަ އެވެ.

އުމުރުން 56 އަހަރުގެ އަލެގްރީ މަގާމުން ވަކިކުރަން ޔުވެންޓަސް އިން ނިންމީ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ. ޔުވެންޓަސް އިން ބުނެފައިވާ ގޮތުގައި ކޯޗުކަމުން އަލެގްރީ ވަކިކުރަން ނިންމީ، އިޓާލިއަން ކަޕްގެ ފައިނަލްގައި އަދި ފައިނަލްގެ ފަހުން، އަލެގްރީގެ ފަރާތުން ފެނުނު އަމަލުތަކަކީ ކުލަބުގެ އުސޫލުތަކާ ޚިލާފު އަމަލެއް ކަމަށާއި، އެއީ ބަަލައި ގަނެވޭނެ އަމަލެއް ނޫން ކަމަށެވެ.

ޔުވެންޓަސްގެ ކޯޗުކަމުން އަލެގްރީ ވަކިކުރަން ނިންމިއިރު، ދާދި ފަހުން އެ ކުލަބުން ވަނީ އިޓާލިއަން ކަޕް ކާމިޔާބުކޮށްފަ އެވެ. އަލެގްރީ ވަކިކުރި އިރު، ޔުވެންޓަސް އިން އޮތީ މީގެ ކުރިން ވެސް އޭނާ ވަކިކުރުމުގެ ވިސްނުމުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޔުވެންޓަސްގެ އިސްވެރިން ދިޔައީ އެކަމާ މަޝްވަރާ ކުރަމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ދެ ވަނަ ފަހަރަށް ޔުވެންޓަސްގެ ކޯޗުކަމާ އަލެގްރީ ހަވާލުވީ 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާގެ އިރުޝާދުގެ ދަށުން އެ ކުލަބު ވަނީ 149 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 80 މެޗުން މޮޅުވެފަ އެވެ. 35 މެޗުން ބަލިވެފައިވާއިރު، 34 މެޗުން ވަނީ އެއްވަރުވެފަ އެވެ. ދެ ވަނަ ފަހަރަަށް އޭނާ ހަވާލުވީ ފަހުން ޔުވެންޓަސް އަށް ކާމިޔާބު ކުރެވުނީ މި ސީޒަންގެ އިޓާލިއަން ކަޕް އެކަންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް