މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދެއްވާނެ ކަމަށާއި ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހުކުރު ދުވަހު ފާހަގަކުރާ ދުނިޔޭގެ މުވާސަލާތާއި މައުލޫމާތުގެ ދާއިރާގެ ދުވަހާއި ގުޅިގެން ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުވާސަލާތުގެ އެންމެ ޒަމާނީ ރަސްމަގަށް ރާއްޖެ ހުޅުވާލަދޭން މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ދިވެހީންގެ ހުނަރާއި އުފެއްދުންތަކަށް ދުނިޔޭގެ މާކެޓުތަކުން އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވާއިރު މާލީ މުޢާމަލާތްތަކާއި އީޖާދީ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފު ކުރުމަށް މި ސަރުކާރުން ވަނީ ވައުދުވެފައެވެ. ސަރުކާރުން ބުނީ ޑިޖިޓަލް ވޮލެޓު ހިމެނޭހެން އޮންލައިންކޮށް ފައިސާ ޓްރާންސްފަރކުރެވޭ ޕްލެޓްފޯމްތަކުން މުޢަމަލާތުކުރެވޭ ގޮތް ހަމަޖައްސާދީފައި ވަނީ އެ ވައުދާއި އެއްގޮތަށް ކަމަށެވެ.