ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފިއެވެ.
ޗައިނާގެ އެމްބަސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗައިނާ ސަފީރު ވަންގް ލިޒިން ވިދާޅުވީ ރާއްޖެ އިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސޭހަ ކުރުމަށް މަޝްވަރާތައް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެންނަމަވެސް ލޯނުތައް ރީސްޓްރަކްޗަރ ކުރުމަކީ އޮތް ހައްލެއް ނޫން ކަމަށާއި އެކަން ކޮށްފި ނަމަ ދެން އިތުރަށް ޗައިނާ އިން ފައިނޭންސް ހޯދުމަށް ރާއްޖެ އަށް އުނދަގޫވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ. ސަފީރު ވިދާޅުވީ، ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނުތައް ރީސްޓްރަކްޗަރ ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށެވެ.
ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 1.37 ބިލިއަން ޑޮލަރަށް އަރާ ކަމަށް ވޯލްޑް ބޭންކުގެ ތަފާސްހިސާބުތައް ދައްކައެވެ. މިއީ ރާއްޖޭގެ ބޭރު ދަރަނީގެ 20 ޕަސެންޓެވެ.
ސަފީރު ވިދާޅުވީ ރާއްޖެއިން ޗައިނާއަށް އަނބުރާ ދައްކަން ޖެހޭ ދަރަނިއާ ގުޅޭގޮތުން ދެ ގައުމުގެ ޓެކްނިކަލް ޓީމުން އަންނަނީ ވާހަކަދައްކާ އެކަމުގެ މުއާމަލާތްތައް ކުރަމުން ކަމަށެވެ. އަދި ޗައިނާއިން އަބަދުވެސް ބަލާނީ ރާއްޖޭގެ ދަރަނި މާ ބޮޑަށް އިތުރު ނުވާނެ ގޮތަކަށް, ރާއްޖެއަށް ފައިދާކުރާނެ ގޮތަށް ކުރިއަށް ދިއުމަށް ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި ޗައިނާ ސަރުކާރުގެ މިވަގުތު ފޯކަސްއަކީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮޖެކްޓް އިތުރުކުރުން ކަމަށެވެ.
ސަފީރު ވިދާޅުވީ މިހާރު ޗައިނާ އިން ރާއްޖެ އަށް ދޫކުރަނީ ގްރާންޓްސް ކަމަށާއި، ސަމާލުކަން ދެނީ ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދޭން ކަމަށެވެ. އަދި ރާއްޖޭގެ ދަރަނި ބޮޑު ކުރާކަށް ވިސްނުމެއް ނެތް ކަމަށެވެ.
ޗައިނާއިން ނަގާފައިވާ ދަރަނިތަކަށް ބަލާއިރު އެންމެ ބޮޑު ދަރަންޏެއް ހުރީ ޗައިނާގެ ދައުލަތުން ސަތޭކަ ޕަސެންޓު ހިއްސާވާ އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް ޗައިނާއަށެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް އެ ބޭންކަށް ދަރާފައިވާ މިންވަރު ހުރީ 8.1 ބިލިއަން ރުފިޔާގަ އެވެ.
ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޭރުގެ ދަރަނި 2023 ވަނަ އަހަރު 4.038 ބިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއީ ޖުމްލަ ޑޮމެސްޓިކް ޕްރޮޑަކްޓްގެ ގާތްގަނޑަކަށް 118 ޕަސެންޓެވެ.
2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ބޭރުގެ ދަރަނީގެ 25.2 އިންސައްތަ ހިއްސާ އޮންނަ އެކްސްޕޯޓް-އިމްޕޯޓް ބޭންކް އޮފް ޗައިނާއަކީ އެގައުމުގެ އެންމެ ބޮޑު އެއް ލޯނު ދޫކުރާ ބޭންކު ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.