ކ. މާލެ
|
17 މެއި 2024 | ހުކުރު 06:55
އެއަރޕޯޓް މަޝްރޫޢަށާއި ސިއްހީ ދާއިރާ ތަރައްގީކުރުމަށް ސައުދީ ފަންޑުން ލޯނު ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން
އެއަރޕޯޓް މަޝްރޫޢަށާއި ސިއްހީ ދާއިރާ ތަރައްގީކުރުމަށް ސައުދީ ފަންޑުން ލޯނު ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުން
ފިނޭންސް މިނިސްޓްރީ
ސައުދީ ފަންޑުން ލޯނު ދިނުން
އެއަރޕޯޓް މަޝްރޫޢަށާއި ސިއްހީ ދާއިރާ ތަރައްގީކުރުމަށް ސައުދީ ފަންޑުން ލޯނު ދީފި
ރާއްޖޭގެ ތިން ރަށެއްގައި 150 އެނދުގެ ހޮސްޕިޓަލްތައް ބިނާ ކުރާނެ
ސިއްހީ ދާއިރާއަށް އެހީގެ ގޮތުގައި ދީފައި ވަނީ 50 މިލިއަން ޑޮލަރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކޮށް ތަރައްގީ ކުރުމުގެ މަޝްރޫއަށާއި ރާއްޖޭގެ ސިއްހި ދާއިރާ ކުރިއެރުވުމަށް ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ރާއްޖެއަށް 150 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދީފިއެވެ.

 ލޯނު ދިނުމުގެ އެއްބަސްވުމުގައި ސޮއި ކުރީ ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ. އަދި ސައުދީ ފަންދުގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސުލްޠާން ބިން ޢަބްދުއްރަޙްމާން ވިދާޅުވީ، މި ލޯނުން 100 މިލިއަން ޑޮލަރަކީ އެއާޕޯޓު މަޝްރޫއަށް ދޭ އެހީ ކަމަށެވެ. މި މަޝްރޫއު ނިމުމުން ރާއްޖޭގެ އިގްތިޞާދު އިތުރަށް ކުރިއަރައި، ފަތުރުވެރިކަން ކުރިއަރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެއާޕޯޓް ތަރައްގީ ކުރުމަށް މީގެ ކުރިން 2016 ވަނަ އަހަރު ވެސް ސައުދީ ފަންޑުން ވަނީ 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ.

Advertisement

މިއެއްބަސްވުމުގެ ތެރެއިން ސިއްހީ ދާއިރާއަށް އެހީގެ ގޮތުގައި ދީފައި ވަނީ 50 މިލިއަން ޑޮލަރެވެ. މި އެހީގެ ތެރެއިން ރާއްޖޭގެ ތިން ރަށެއްގައި 150 އެނދުގެ ހޮސްޕިޓަލްތައް ބިނާ ކުރާނެ ކަމަށް ސުލްޠާން ބިން ޢަބްދުއްރަޙްމާން ވިދާޅުވިއެވެ.

މި ހޮސްޕިޓަލްތަކުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ކަށަވަރުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު ޝަފީގް ވަނީ ސައުދީން ރާއްޖެއަށް ދޭ އެހީ ފާހަގަކުރައްވައި ޝުކުރު އަދައިކުރައްވާފައެވެ.

ރާއްޖެއަށް ސައުދީ ފަންޑުން ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނީ 1970ގެ ތެރޭގައި އެއާޕޯޓު ތަރައްގީ ކުރުމަށެވެ. އޭގެ ފަހުން ރާއްޖޭގެ ހުރިހާ ދާއިރާއަކަށް ސައުދީގެ އެހީތެރިކަން ލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް