ކ. މާލެ
|
16 މެއި 2024 | ބުރާސްފަތި 12:19
ބަޔާނަށް އިރުޝާދު ދެމުން އަންނަ ތޯމަސް ޓުޗެލް
ބަޔާނަށް އިރުޝާދު ދެމުން އަންނަ ތޯމަސް ޓުޗެލް
ރޮއިޓާސް
ބަޔާން މިއުނިކް
ބަޔާނުން މަސައްކަތް ކުރަނީ ޓުޗެލް ކުލަބުގައި ބަހައްޓަން!
ބަޔާންގައި މަޑު ކުރަން ޓުޗެލް ނިންމާނީ، ކުލަބުގެ އެންމެހާ އިސްވެރިންނާއި، އެހެނިހެން ފަރާތްތަކުގެ ފުރިހަމަ އިތުބާރު އޭނާ އަށް އޮންނަ ކަމުގައި ވަނީނަމަ

ޖަރުމަނުގެ ބަޔާން މިއުނިކަށް އިރުޝާދު ދެމުން އަންނަ ތޯމަސް ޓުޗެލް އެ ކުލަބުގައި ބަހައްޓަން، ކުލަބުގެ އިސްވެރިން ބޭނުންވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

އުމުރުން 50 އަހަރުގެ ތަޖުރިބާކާރު ކޯޗު ބަޔާނާ ހަވާލުވީ މިދިޔަ އަހަރު އެވެ. އެ ކުލަބާ އޭނާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެން ނަމަވެސް، ޓުޗެލްގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ބަޔާންގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އޭނާ އަށް އިންތިހާ އަށް ފާޑު ކިޔުންތައް އަމާޒުވަމުން ދަނިކޮށް، މިއަހަރުގެ ކުރީ ކޮޅު ޓުޗެލް ވަނީ މި ސީޒަން ނިމުމުން ބަޔާން ދޫކޮށްލަން ނިންމައިފަ އެވެ. އެ ނިންމުން އޭނާ ނިންމީ ބަޔާންގެ އިސްވެރިން މަޝްވަރާ ކުރުމަށްފަހު އެވެ.

ބަޔާނުން މި ސީޒަން ނިންމާލަން ޖެހުނީ ހުސްއަތާ އެވެ. މިއީ ގިނަ އަހަރުތަކަކަށްފަހު ބަޔާނުން ހުސްއަތާ ސީޒަނެއް ނިންމާލަން ޖެހުނު ފަހަރެވެ. މީގެ ކުރިން ބަޔާނުން ހުސްއަތާ ސީޒަނެއް ނިންމާލީ 2012 ވަނަ އަހަރު އެވެ. އަނެއްކޮޅުން، މިއަހަރުގެ ޖުރުމަނު ލީގު ވެސް ބަޔާނަށް ދިފާއު ނުކުރެވުނުއިރު، މިއީ ފާއިތުވެދިޔަ 11 އަހަރު ތެރޭގައި އެ ޓީމަށް ޖަރުމަނު ލީގު ނުހޯދުނު ފުރަތަމަ ފަހަރެވެ.

ޖަރުމަނުގެ މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ބަޔާންގެ އިސްވެރިންނާއި ޓުޗެލްގެ އެޖެންޓް އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެގޮތުން ޓުޗެލް ބަޔާންގައި ބަހައްޓަން ކުލަބުގެ ބޯޑުން ވަނީ ރުހުން ދީފައި ކަމަށާއި، އަދި އޭނާގެ އެއްބަސްވުން އިތުރު ކުރުމަށް ވެސް ބޯޑުން ރުހޭ ކަމަށް ވަނީ ބުނެފަ އެވެ. އެހެންކަމުން މިހާރު ބަޔާނުން ކުރަމުން އަންނަ މަސައްކަތަކީ ޓުޗެލްއާ މަޝްވަރާކޮށް، އޭނާ ރުއްސުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މީގެ އިތުރުން ޓުޗެލް ބަޔާންގައި މަޑު ކުރުމުގެ ފުރުސަތު ވެސް އޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ރިޕޯޓުތައް ބުނާ ގޮތުގައި ބަޔާންގައި މަޑު ކުރަން ޓުޗެލް ނިންމާނީ، ކުލަބުގެ އެންމެހާ އިސްވެރިންނާއި، އެހެނިހެން ފަރާތްތަކުގެ ފުރިހަމަ އިތުބާރު އޭނާ އަށް އޮންނަ ކަމުގައި ވަނީނަމަ އެވެ.

ޓުޗެލް ހަވާލުވީ ފަހުން ބަޔާން ކުޅުނީ 60 މެޗެވެ. އޭގެ ތެރެއިން 37 މެޗުން އެ ޓީމު މޮޅުވެފައިވާއިރު، 15 މެޗުން ބަލިވެ، އަށް މެޗުން ވަނީ އެއްވަރުވެފަ އެވެ. ޓުޗެލް ބަޔާންގައި ބެހެއްޓުމަށް ކުލަބުގެ އިސްވެރިން މަސައްކަތް ފަށާފައިވާއިރު، އޭނާ ކުލަބުގައި ބެހެއްޓުމަށް އެދި މީގެ ދުވަަސް ކޮޅެއް ކުރިން ބަޔާންގެ ސަޕޯޓަރުން ވަނީ ޕެޓިޝަނެއްގައި ސޮއި ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް