ޗެލްސީގައި ކާމިޔާބު މަސައްކަތެއް ކުރެވޭ ކަމުގެ އިޙުސާސާއެކު، ހަމަޖެހުމެއް ލިބޭ ކަމަށް އެ ޓީމަށް އިރުޝާދު ދެމުން އަންނަ އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.
އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ބްރައިޓަނާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެވެ. އެ މެޗުން މޮޅުވެ، ޗެލްސީން ވަނީ ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވެފަ އެވެ. އެއާއެކު ޗެލްސީން ވަނީ ޔޫރޮޕާ ލީގުގެ އުންމީދު ވެސް ބޮޑު ކޮށްފަ އެވެ.
ޕޮޗެޓީނޯ ބުނީ، އަބަދު ވެސް އޭނާ ދައްކަމުން އަންނަ ވާހަކަ އަކީ ކެތްތެރިކަމުގެ ވާހަކަ ކަމަށެވެ. އަދި ރަނގަޅު ޓީމެއް ބިނާކޮށް، ރަނގަޅު މުސްތަޤުބަލެއް ބިނާ ކުރުމަށް ވަގުތު ބޭނުންވާކަން ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އެހެން ނަމަވެސް، އަބަދު ވެސް ބޮޑެތި ކުލަބުތަކުގައި އެކަން ވާނީ ކޮންމެ ވެސް ބަހަނާއެއް ދެއްކުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ޕޮޗެޓީނޯ ބުނީ، އަބަދު ވެސް އޭނާ އާއި އޭނާގެ ޓީމުން މަސައްކަތް ކުރަމުން އައީ ޕޮޒިޓިވްކޮށް ކަމަށާއި، ބޭނުމަކީ ކުލަބަށް ރީތި ނަމަކާއި، ރަނގަޅު ކާމިޔާބެއް ހޯދައިދިނުން ކަމަށެވެ. މި ސީޒަންގައި ޗެލްސީން އެންމެ ބޭނުންވި ނަތީޖާ ނުނެރެވުނު ނަމަވެސް، ކާމިޔާބަކާ ހަމައަށް ކުލަބު ދާ މަންޒަރު ފެންނަ ކަމަށް ވެސް ޕޮޗެޓީނޯ ބުންޏެވެ.
މިވަގުތު ޗެލްސީ އޮތީ ލީގު ތާވަލްގެ ހަ ވަނައިގަ އެވެ. އެ ޓީމަށް ޔޫރަޕުގެ މުބާރާތެއްގެ ޖާގަ ޔަގީންވެފައިވާއިރު، ޔޫރޮޕާ ލީގު ކުޅުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އެއީ ފަހުން މެޗުން ފަސް ވަނައިގައި އޮތް ޓޮޓެންހަމް ބަލިވެއްޖެ އެވެ. ޗެލްސީ އާއި ޓޮޓެންހަމާ ދެމެދު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ.
ޗެލްސީގެ ކޯޗުކަމާ ޕޮޗެޓީނޯ ހަވާލުވީ ފަހުން ވެސް، އެ ކުލަބުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އޭނާ އަށް ޕްރެޝަރު ބޮޑުވެ، ސަޕޯޓަރުންގެ ފާޑު ކިޔުންތައް އަމާޒުވެ އެވެ. ޚާއްސަކޮށް ޕްރިމިއާ ލީގުގައި އެ ޓީމުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އޭނާ އަށް ޕްރެޝަރު ބޮޑުވެ އެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި މިހާތަނަށް ޗެލްސީން 37 މެޗު ކުޅެފައިވާއިރު، މޮޅުވީ 17 މެޗުންނެވެ. 11 މެޗުން ބަލިވެފައިވާއިރު، ނުވަ މެޗުން ވަނީ އެއްވަރުވެފަ އެވެ.