ކ. މާލެ
|
15 މެއި 2024 | ބުދަ 08:12
ޕީއެސްޖީ އަށް އިރުޝާާދު ދެމުން އަންނަ ލުއިސް އެންރީކޭ
ޕީއެސްޖީ އަށް އިރުޝާާދު ދެމުން އަންނަ ލުއިސް އެންރީކޭ
ޓްވިޓަރ
ޕީއެސްޖީ
އަންނަ ސީޒަންގައި ޕީއެސްޖީގައި ކުޅެން އުނދަގޫ ވާނެ: އެންރީކޭ
އޭނާގެ އެ މެސެޖަކީ ޕީއެސްޖީގައި ތިބި މޮޅެތި ކުޅުންތެރިންނަށް ވެސް އަމާޒުވާނެ މެސެޖެއް

އަންނަ ސީޒަންގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގައި ކުޅެން އުނދަގޫ ވާނެ ކަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އެންރީކޭ މިހެން ބުނީ އަންނަ ސީޒަަނަށް ތައްޔާރުވުމަށް ޕީއެސްޖީން އަދި އޭނާ ގެންގުޅެމުން އަންނަ ވިސްނުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެެވެ. އަދި ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް، ކީލިއަން އެމްބާޕޭ މި ސީޒަނަށްފަހު ކުލަބު ދޫކޮށްލަން ވެސް ނިންމާފައި ވަނިކޮށެވެ.

އެގޮތުން އެންރީކޭ ބުނީ، އަންނަ ސީޒަނަށް ޕީއެސްޖީން ކޮންމެ މަގާމަކަށް ކުޅޭނެ އައު ކުޅުންތެރިންގެ ސޮއި ހޯދާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި އެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި، ޓީމު ވަރުގަދަ ކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ކުރަމުން ދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން މިހާރު ޕީއެސްޖީގައި ތިބި ކުޅުންތެރިންނަށް ވެސް އޭނާ ވަނީ މެސެޖެއް ދީފަ އެވެ. އެގޮތުން ކޮންމެ މަޤާމަކަށް ކުޅެން މުހިންމު ދެ ކުޅުންތެރިން އޭނާ ބޭނުންވާކަން ފާހަގަކޮށް އެންރީކޭ ބުނީ، އަންނަ ސީޒަނުގައި ޕީއެސްޖީގައި ކުޅުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. އަދި އޭނާގެ އެ މެސެޖަކީ ޕީއެސްޖީގައި ތިބި މޮޅެތި ކުޅުންތެރިންނަށް ވެސް އަމާޒުވާނެ މެސެޖެއް ކަމުގައި އެންރީކޭ ބުންޏެވެ.

މި ސީޒަނަށް ފަހު އެމްބާޕޭ ޕީއެސްޖީ ދޫކޮށްލާއިރު، އެއީ ޕީއެސްޖީ އަށް ގެއްލުމަކަށް ވާނެ އެވެ. އެމްބާޕޭގެ އެއްބަސްވުން އައު ކުރުމަށް ޕީއެސްޖީން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އެމްބާޕޭގެ ބަދަލަށް އެހެން ކުޅުންތެރިޔަކު ޕީއެސްޖީން ހޯދާނެ ކަމަށް ބެލެވެ އެވެ.

ޕީއެސްޖީން އަންނަނީ ކޮންމެ ސީޒަނާ ދިމާކޮށް ވެސް، މޮޅެތި ކުޅުންތެރިން ހޯދަމުންނެވެ. އެއީ ޔުއެފާ ޗެމްޕިއަންސް ލީގަށް ޚާއްސަކޮށްގެންނެވެ. މިހާތަނަށް އެ މުބާރާތުގައި ޕީއެސްޖީ އަށް ދެވިފައި ވަނީ ފައިނަލާ ހަމައަށެވެ. ފައިނަލުން އެ ޓީމު ވަނީ ބަލިވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް