ކ. މާލެ
|
15 މެއި 2024 | ބުދަ 08:10
ކުޅިވަރާ ބެހޭ ވުޒާރާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ރާފިޢު
ކުޅިވަރާ ބެހޭ ވުޒާރާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ރާފިޢު
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ސްޕޯޓްސް ޓުއަރިޒަމަށް ސަރުކާރުގެ ވިސްނުން އެބައޮތް!
ބައިނަލްއަޤުވާމީ ފެންވަރުގެ ބީޗު ވޮލީ މުބާރާތެއް ރާއްޖޭގައި ބޭއްވިގެން ދިޔުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް

ސްޕޯޓްސް ޓުއަރިޒަމަށް މި ސަރުކާރުގެ ވިސްނުން އޮތް ކަމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ރާފިޢު މިހެން ވިދާޅުވީ، ކުޅިވަރާ ބެހޭ ވުޒާރާ އިން ކުރަމުން އަންނަ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހާމަ ކުރުމަށް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ކުރީގެ ސަރުކާރުން ވެސް ސްޕޯޓްސް ޓުއަރިޒަމް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރި ކަމަށާއި، މި ސަރުކާރުގެ އަމާޒަކީ ކޮބައިތޯ ނޫސްވެރިޔާ ސުވާލެއް ދެންނެވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވިޒިޓާސް އިކޮނޮމިކް ކޮންސެޕްޓެއް އޮންނަ ކަމަށެވެ. އެހެންކަމުން އެ ކޮންސެޕްޓުގެ ތެރެއިން ލާފައި، ސްޕޯޓްސް ޓުވަރިޒަމް ކުރިއަށް ގެންދެވޭނެ ކަމަށާއި، އެއީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް ރާފިޢު ވަނީ ވިދާޅުވެފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ވިލަރެސް ކުރައްވާ ގޮތަށް، ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހިމެނޭ ގޮތަށް އުފައްދާފައިވާ އިކޮނޮކިމް ކައުންސިލްގައި ވަޒީރު ރާފިޢު ހިމެނިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން ރާފިޢު ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގެ ބީޗު ވޮލީ މުބާރާތެއް ރާއްޖޭގައި ބޭއްވިގެން ދިޔުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި، އެފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވޭތަން ދެކެން ބޭނުންފުޅުވާ ކަމަށެވެ.

ބީޗު ވޮލީ ކަހަލަ މުބާރާތްތައް ބާއްވަން ރާއްޖެ އަކީ އެންމެ ރަނގަޅު އަދި އެންމެ މަޤުބޫލު މަންޒިލުކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖޭގައި ބާއްވަމުން އަންނަ އެ ފަދަ މުބާރާތްތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމުގައި ވެސް ވަނީ ވިދާޅުވެފަ އެވެ.

ނިމިދިޔަ ސަރުކާރުން ވެސް ވަނީ ރާއްޖޭގައި ސްޕޯޓްސް ޓުއަރިޒަމް ކުރިއެރުވުމަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން ރާއްޖޭގައި ވަނީ ބައިނަލްއަޤުވާމީ މުބާރާތްތައް ވެސް ބާއްވައިފަ އެވެ. އެގޮތުން ދުނިޔޭގެ ވޮލީ ބޯޅަ މައި އިދާރާ (އެފްއައިވީބީ) ބީޗް ވޮލީ ޓުއަރ ވަނީ ރާއްޖޭގައި ބާއްވައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް