ސްޕެނިޝް ލީގުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ މޮޅުވެއްޖެ އެވެ.
ސޮސިއެޑާޑްގެ އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ، 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން އެއް ލަނޑު ޖެހިއިރު، ފަހު ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ލަމީން ޔަމާލް އެވެ. އޭނާ އެ ލަނޑު ޖެހީ އިލްކާއީ ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި ބާސެލޯނާގެ ދެ ވަނަ ލަނޑު ޖެހީ ރަފީނިއާ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އޭނާ އެ ލަނޑު ޖެހީ ބާސެލޯނާ އަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ.
މޮޅާއެކު ބާސެލޯނާ އިން ވަނީ ދެ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ ލީގުގައި ކުޅުނު 35 މެޗުން 76 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ތިން ވަނައިގައި ޖިރޯނާ އަށް ލިބެނީ 75 ޕޮއިންޓެވެ. އެއް ވަނައިގައި ޗެމްޕިއަން ރެއާލް މެޑްރިޑު އޮތީ 90 ޕޮއިންޓު ހޯދައިގެންނެވެ.