ކ. މާލެ
|
14 މެއި 2024 | އަންގާރަ 12:03
ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން
އިންޑިއާ މާޓް
ޕްލާސްޓިކް ފުޅި
ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނުގައި ގިނަ ޢަދަދަކަށް ނެނޯޕްލާސްޓިކް... ދެން ހަދާނީ ކިހިނެއް؟
އެއް ލީޓަރު ފެން ފުޅިއެއްގައި ހިމެނޭ ނެނޯޕްލާސްޓިކް އެތިކޮޅުތަކުގެ ޢަދަދު، އެވަރޭޖު ގޮތެއްގައި 250000 އާ ގާތް ކުރާ ކަމަށް ދިރާސާއިން ވަނީ ދައްކާފައި

ޕްލާސްޓިކް ފުޅިފުޅީގައި ބަންދު ކޮށްފައި ހުންނަ ފެނަކީ، ދުނިޔޭގެ އެކި ހިސާބުތަކުގައި އާންމު ދިރިއުޅުމުގެ ބަޔަކަށް މި އޮންނަނީ ވެފައެވެ. ޕްލާސްޓިކުން ވެއްޓަށް ލިބޭ ގެއްލުންތަކުގެ ވާހަކަ ކެނޑިނޭޅި ދައްކަމުން ދާ އިރުވެސް، ޕްލާސްޓިކް ފުޅީގައި ފެން ބަންދު ކުރުން ނޫން ގޮތެއް ހަމަ ނެތީބާއޭ ހިތަކަށް ނާރާ ހެއްޔެވެ؟ ސިންގަޕޫރުގެ ނޭޝަނަލް އެކަޑަމީ އޮފް ސައެންސަސް އިން ދާދި ފަހުން އާންމު ކުރި އައު ދިރާސާއަކުން ހިތަށް ވެރިވީ އިތުރު ހާސް ކަމަކާއި ނުތަނަވަސް ކަމެކެވެ. އެ ދިރާސާގެ ހޯދުންތައް ދައްކާ ގޮތުން، ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެނުގައި ގިނަ ޢަދަދަކަށް ނެނޯޕްލާސްޓިކް ނުވަތަ އިންތިހާއަށް ކުދި ޕްލާސްޓިކް ކޮޅުކޮޅު ހިމެނެއެވެ. އެގޮތުން 1 ލީޓަރު ފެން ފުޅިއެއްގައި ހިމެނޭ ނެނޯޕްލާސްޓިކް އެތިކޮޅުތަކުގެ ޢަދަދު، އެވަރޭޖު ގޮތެއްގައި 250000 އާ ގާތް ކުރާ ކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ.

ނެނޯޕްލާސްޓިކް ފުކެއްގެ ސައިޒަށް ބަލާ ނަމަ، އެއީ މައިކްރޯންއަކަށްވުރެވެސް ކުޑަ އެއްޗެކެވެ. މައިކްރޯންއަކީ މީޓަރެއްގެ މިލިއަން ބައި ކުޅަ 1 ބައި، ނުވަތަ އިންޗިއެއްގެ ފަންސަވީސް ހާސް ބައި ކުޅަ އެއްބައެވެ. ގޭ ތެރޭގައި އަށަގަންނަ ހިރުފަހުގެ ކުނޑިކޮޅެއްގެ 4 ބައި ކުޅަ 1 ބައި ހާ ކުޑަ މިންވަރެކެވެ. ދިރާސާގެ މުސައްނިފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކޮލަމްބިއާ ޔުނިވަރސިޓީގެ ބަޔޯފިޒިސިސްޓެއް ކަމަށް ވާ ވޭއީ މިން ފާހަގަ ކުރެއްވި ގޮތުގައި، ޕްލާސްޓިކް ފުޅީގައި ބަންދު ކޮށްފައި ހުންނަ ފެނުގައި ނެނޯޕްލާސްޓިކް ކުނޑިކޮޅުތައް އެކުލެވޭ ޙަޤީޤީ މިންވަރު އުޅެނީ، މީގެ ކުރިން އަންދާޒާ ކުރެވިފައިވާ މިންވަރަށް ވުރެ 10 އަކާއި 100 ގުނަ އިތުރު މިންވަރަކަށެވެ. މިކަން ދެނެގަނެފައި ވަނީ، އައު ދިރާސާގެ ބޭނުމަށް ސައެންސްވެރިން މުޅިން އަލަށް ފައްކާ ކުރި އިމޭޖިންގް ޓެކްނޮލޮޖީއެއްގެ އެހީގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަހަރެއްގެ މައްޗަށް އެތައް މިލިއަން ޓަނެއްގެ ޕްލާސްޓިކް އުފައްދައެވެ. މައިކްރޮސްކޯޕްތަކަށްވެސް ކިރިއާ ފެންނަވަރުގެ ކުނޑިކޮޅުތައް، އެ ޕްލާސްޓިކުން ބޭރުވެގެންދާ އިރު، އަހަރެމެން އިންސާނުން ކައިބޮއި ހަދާ ތަކެއްޗަށް އެ ޕްލާސްޓިކް ވާސިލުވެއެވެ. ކާބޯތަކެއްޗަށް ޕްލާސްޓިކް ވާސިލުވަނީ، ކާބޯތަކެތި އުފެއްދުމާއި ތައްޔާރު ކުރުމުގެ މަރުހަލާގައެވެ. ކާބޯތަކެތި ބަންދު ކުރުމުގެ މަރުހަލާގައި ބޭނުން ކުރާ މެޝިންތަކުގައި ހުންނަ ހޮޅިތަކާއި އެނޫންވެސް އެފަދަ ބައިތަކުގެ ޒަރިއްޔާއިންނެވެ. ނުވަތަ އެ އެއްޗެއް ބަންދު ކުރަން ބޭނުން ކުރާ އުރައެއް ނުވަތަ ފުޅިއެއް ފަދަ އެއްޗެއްގެ ޒަރިއްޔާއިންނެވެ. ޕްލާސްޓިކް ފުޅީގައި ހުންނަ ފެންނަށްވެސް ވަނީ ހަމަ އެފަދަ ގޮތެއް ކަމަށް، އެމޮރީ ޔުނިވަރސިޓީގެ އެނަލެޓިކަލް ކެމިސްޓެއް ކަމަށްވާ ޑަގްލަސް ވޯކަރ ވަނީ ފާހަގަ ކުރައްވާފައެވެ.

އަހަރެމެން އިންސާނުން ކައިބޮއި ހަދާ ތަކެތީގައި ނެނޯޕްލާސްޓިކްއާއި އެއަށްވުރެ ތަންކޮޅެއް ބޮޑު ޕްލާސްޓިކް އެތިކޮޅުތައް ހުންނަކަން ފާހަގަ ކުރެވޭ މިންވަރު އިތުރު ވަމުން ދިޔަ ކަމުގައި ވީ ނަމަވެސް، އެ ޕްލާސްޓިކް ކޮޅުތަކުގެ ސަބަބުން އިންސާނުންގެ ހަށިގަނޑަށާއި ޞިއްޙަތަށް އަންނަ ބަދަލުތަކާއި، ކޮށްފާނެ އަސަރުތަކާ ބެހޭ ފުރިހަމަ ދިރާސާއެއް އަދި ހެދިފައެއް ނެތެވެ. މިހާތަނަށް ހޯދުނު ހޯދުންތަކުން އެނގެނީ މަދު މިންވަރެކެވެ. ޙަޤީޤަތް ދެނެގަނެވިފައި ނުވާ ބައެއް ބަލިތަކުގެ އަސްލަކީ މައިކްރޯޕްލާސްޓިކް އަދި ނެނޯޕްލާސްޓިކްއަށް ވެދާނެ ކަމަށްވެސް ދާއިރާގެ ބައެއް ތަޖުރިބާކާރުން ވަކާލާތު ކުރައްވައެވެ.

މައިކްރޯޕްލާސްޓިކް އަދި ނެނޯޕްލާސްޓިކްގެ ދިރާސާ ކުރައްވާ ސައެންސްވެރިން ވިދާޅުވާ ގޮތުގައި، ޕްލާސްޓިކްކޮޅު ކުޑަވަމުން ދާ ވަރަކަށް، އެ އެއްޗެއްގެ ނުރައްކާ ބޮޑުވެއެވެ. ވާހަކައަކީ، މައިކްރޯޕްލާސްޓިކްއަށް ވުރެ، ނެނޯޕްލާސްޓިކްގެ ސަބަބުން ޞިއްޙަތަށް އޮތް ނުރައްކާ ބޮޑުވާ ކަމެވެ. ފަހަރުގައި އެއީ، ޕްލާސްޓިކް ފުއް ކުޑަ ވަމުން ދާ ވަރަކަށް، ސެލްތަކުގެ ތެރެއަށް ދެމިގަންނަން ފަސޭހަވުން ކަހަލަ ދިމާވަނީ ކަމުގައިވެސް ވެދާނެއެވެ.

ޕްލާސްޓިކްގެ އިތުރަށް، ޕްލާސްޓިކްގެ އުފެއްދުންތަކުން ފެންނަ ބައެއް ކެމިކަލްތަކަކީވެސް ޞިއްޙަތަށް ގެއްލުން ހުރި ކެމިކަލްތަކެއް ކަން ފާހަގަ ކުރަން ޖެހެއެވެ. އެފަދަ އެއް ކެމިކަލްއަކީ ބިސްފެނޯލް-އޭ ނުވަތަ ބީޕީއޭއެވެ. މި ކެމިކަލްއަކީ ލޭ މައްޗަށް ދިއުމާއި، ހަކުރު ބަލީގެ ވައްތަރެއް ކަމަށް ވާ ޓައިޕް-ޓޫ ޑައެބީޓީޒްއާ ގުޅިފައި އޮތް ކެމިކަލްއެކެވެ. އަފި ޕީފާސް ކެމިކަލްއަކީ ދަރިމައިވުމުގެ ޞިއްޙަތަށް ނުރައްކާ ކެމިކަލްއެވެ. ޕްލާސްޓިކްގެ އުފެއްދުންތައް ބައްލަވައިގަންނަވާއިރު، މިފަދަ ކެމިކަލްތައް ނުހިމެނޭ އުފެއްދުންތައް ބައްލަވައިގަތުމަށް ސަމާލުވެވަޑައިގަތުމީ މިވަގުތަށް އެޅެން އޮތް އެންމެ މުހިންމު އެއް ފިޔަވަޅެވެ.

ޕްލާސްޓިކް އުފެއްދުމުގައި ބޭނުން ކުރާ ގިނަ ކެމިކަލްތަކަކީ، އެ ކެމިކަލްއެއްގެ ސަބަބުން އިންސާނުންގެ ފުރާނައަށް ނުރައްކާ ވެދާނެ މިންވަރާ ބެހޭ އެއްވެސް ދިރާސާއެއްވެސް ހަދާފައި ނުވާ ކެމިކަލްތަކެކެވެ.

ނެނޯޕްލާސްޓިކުން ސަލާމަތްވެވިދާނެ މަގެއް އަދި ކަށަވަރުވެފައެއް ނެތެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޕްލާސްޓިކަށް މީހާ ހުށަހެޅޭ މިންވަރު މަދު ކުރުމަކީ އެންމެ ސަމާލުކަން ދޭންވީ ކަންތަކެވެ. ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނާއި އެނޫންވެސް ތައްޔާރީ ބުއިންތަކަށް ބަރޯސާވުމުގެ ބަދަލުގައި، ފިލްޓަރު ފެން ބުއިމަށް އާދަ ކުރެވިދާނެއެވެ. އަދި ފިލްޓަރުގައި ފެން ސާފުކޮށް، ދައުރު ކުރާ ޖާގައިގެ ބޮޑު މިން، 1 މައިކްރޯންއަށް ވުރެ ކުޑަ ނަމަ، މައިކްރޯޕްލާސްޓިކްސްގެ މިންވަރު ދަށް ކުރުމަށް އެހީވެދެއެވެ. އަދި ފިލްޓަރަކީ ޕްލާސްޓިކް ފިލްޓަރަކަށް ވެގެން ނުވާނެއެވެ. އެންމެ ބުއްދިވެރި ގޮތަކީ މުށި ފިލްޓަރު ބޭނުން ކުރުމެވެ. ނުވަތަ ފެނުގެ ފެންވަރު ބެލުމުގައި ބައިނަލްއަޤުވާމީ ފެންވަރުގައި  ބަލައިގެންފައިވާ އިދާރާއަކުން ސެޓިފިކޭޝަން ދޫކޮށްފައިވާ ކާބަން ފިލްޓަރު ބޭނުން ކުރުމެވެ.

ރައްކާތެރި ފެނުގެ ސަޕްލައި ކަށަވަރު ވާ ހިސާބުން އަދި އެއީ ނިމުނީ ކަމުގައި ބެލޭކަށް ނެތެވެ. އެއްތަނުން އަނެއް ތަނަށް ފެން ގެންގޮސް ހެދުމަށްވެސް ޕްލާސްޓިކް ފުޅި ބޭނުން ކުރުން މުޅިން ހުއްޓާލަން ޖެހެއެވެ. ބިއްލޫރު ނުވަތަ ސްޓެއިންލަސް ސްޓީލް ފުޅި ނުވަތަ ތަށި ޚިޔާރު ކުރާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް