ކ. މާލެ
|
14 މެއި 2024 | އަންގާރަ 09:57
އޭގެ ޒާތުގައި އަމިއްލައަށް ލިބޭ ބައެއް މައުލޫމާތަކީ، އެ މައުލޫމާތެއް ހަނދާން ކުރުމުގައި ގިނަ ފަހަރަށް ގޮންޖެހުންތަކާ ކުރިމަތި ކުރުވާ މައުލޫމާތުތަކެއް
އޭގެ ޒާތުގައި އަމިއްލައަށް ލިބޭ ބައެއް މައުލޫމާތަކީ، އެ މައުލޫމާތެއް ހަނދާން ކުރުމުގައި ގިނަ ފަހަރަށް ގޮންޖެހުންތަކާ ކުރިމަތި ކުރުވާ މައުލޫމާތުތަކެއް
ސީއެންއޭ
ހަނދާން ނެތުން
"އެ ހަނދާން ނެތުނީ ކުރަން އައި ކަންތައް..." ހައްލަކީ؟
 
ޑރ ޝާ ވިދާޅުވާ ގޮތުގައި ބައެއް ކަހަލަ މައުލޫމާތަކީ، ވަކި ރާގަކަށް އިވުމުން ހަނދާނުގައި ބަހައްޓަން ފަސޭހަ ވާ މައުލޫމާތެއް
 
ޑރ ރޮނާލްޑް ޑޭވިސް ވިދާޅުވި ގޮތުގައި، ޚާއްޞަކޮށް އާ ގޮތްގޮތަށް މަޢުލޫމާތު ތަކުރާރުކުރުމަކީ ހަނދާން ރައްކާކުރުމަށް އެހީތެރިވެދޭނެ ކަމެއް

އޮފީހަށް އަލަށް އައި ކުއްޖާއާ ބައްދަލުވެ، ސަލާމްކޮށްލާ، އެކަކު އަނެކަކު ތަޢާރަފުވެ، ދެ މީހަކު އަލަށް ބައްދަލުވާ ހިނދު ދެކެވޭ ކަހަލަ ބައެއް ވާހަކަތައް ދައްކާ ނިންމާލާއިރު، އައު ކުއްޖާގެ ނަން ހަނދާން ނެތޭ ފަހަރު އާދެއެވެ. ނޫނީ ކޮންމެވެސް އެއްޗެއް ބަލައި ކޮޓަރިން ނުކުންނަ އިރު، އެ ނުކުމެވުނީ ކީއްކުރަން ކަން ހަނދާން ނެތި، ގަބުވާ ގޮތް ވޭ ހެއްޔެވެ؟

ބައެއް ފަހަރު އިންތިހާއަށް ރުޅިގަދަ ވާން ޖެހުނު ކަމުގައި ވީ ނަމަވެސް، މިއީ އާންމުކޮށް ހިނގާ، އާދައިގެ ކަމެއް ކަމަށް، ޔުނިވަރސިޓީ އޮފް ސްޓެންފަރޑްގެ ނިއުރޮލޮޖީ ޕްރޮފެސަރ، ޑރ ޝެރޮން ޝާ ވިދާޅުވިއެވެ. ހަމަ ދެންމެ އިވުނު އަޑަކުން ލިބުނު މައުލޫމާތު ހަނދާން ނެތި، ނުވަތަ ޚިޔާލެއް ހަނދާން ނެތެން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ، އެ މައުލޫމާތެއް ނުވަތަ ޚިޔާލެއް، ދިގު މުއްދަތުގެ ހަނދާނެއްގެ ގޮތުގައި ރައްކާ ނުކުރުން ކަމަށް، ޑރ ޝާ ވިދާޅުވިއެވެ.

އަހަރެމެންނަކީ ތާ އަބަދު، ދިގު މުއްދަތުގެ ހަނދާނަށް ކަންކަން ރައްކާ ކުރާ ބައެއް ނޫނެވެ. ޔުނިވަރސިޓީ އޮފް ޝިކާގޯގެ ސައިކޮލޮޖީ ޕްރޮފެސަރ، ޑރ ޑޭވިޑް ގާލޯ ވިދާޅުވާ ގޮތުގައި، އާންމު ދިރިއުޅުމައިގެން ކުރިއަށް ދާ އިރު، އަހަރެމެންގެ ސިކުނޑިން ކަންކަން ނަގައިގަނެ ރައްކާ ކުރަމުން ދަނީ ވަގުތީ ގޮތެއްގައެވެ. ނުވަތަ އެއީ 'ވަރކިންގް މެމޮރީ' އެވެ. މިސާލަކަށް މީހަކާ ފޯނުން ވާހަކަދައްކަމުން، ރޭގަނޑު ކެއުމަށް ތައްޔާރު ކުރާ ޑިޝްގެ ރެސިޕީގައި ވާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރަމުން ދިއުމަކީ އެއް ވަގުތެއްގައި ދެ ކަމެއް ކުރުން ނުވަތަ މަލްޓިޓާސްކް ކުރުން ކަމަށާ، އެއް ވަގުތެއްގައި އެ ކަމެއް އެ ހިނގަނީ އެމީހެއްގެ ވަރކިންގް މެމޮރީގައި ކަމަށްވެސް ޑރ ގާލޯ ވިދާޅުވެއެވެ.

އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ވަރކިންގް މެމޮރީގައި، އެއް ވަގުތެއްގައި 4 ނުވަތަ 5 ޚިޔާލެއް ނުވަތަ ޒިންމާއެއް އަދާ ކުރެވޭ މީހުންނެވެ. ނަމަވެސް، ސިކުނޑީގެ މަރުހަލާއެއް ކަމަށްވާ އެންކޯޑިންގްއާ ހިސާބަށް ނުދާނަމަހީ، އެއިން އެއްވެސް ކަމަކީ، ދިގު މުއްދަތުގެ ހަނދާން ނުވަތަ ލޯންގް-ޓަރމް މެމޮރީއެއްގެ ގޮތުގައި ރައްކާ ކުރެވޭނެ މައުލޫމާތަކަށް ނުވެއެވެ.

ކޮލަމްބިއާ ޔުނިވަރސިޓީގެ އަލްޒައިމަރޒް ޑިޒީޒް ރިސަރޗް ސެންޓަރގެ ޑައިރެކްޓަރ، ޑރ ސްކޮޓް ސްމޯލް ވިދާޅުވާ ގޮތުގައި، މި މަސައްކަތް ކުރިއަށް ދަނީ ކޮމްޕިއުޓަރުގައި ބޭނުން ކުރާ 'ސޭވް' ފަންގްޝަން ފަދައިންނެވެ. ކިތަންމެ ބައިވަރު އެއްޗެއް ލިޔުމަށް ފަހުގައިވެސް، 'ސޭވް' ނުކޮށް ކޮމްޕިއުޓަރު ނިއްވާލާ ހިސާބުން އެ ލިޔުނު އެއްޗެއް ފޮހެވިދެއެވެ.

ކުރިން މި ދެންނެވި އެންކޯޑިންގް މަރުހަލާއަކީ، ސިކުނޑީގެ ސެލްތަކުގެ މެދުގައި މާނަހުރި ގުޅުންތަކެއް އުފެއްދުމުގެ މަރުހަލާއެވެ. އެކަމަށްޓަކައި، ފުރިހަމަ ވަރކިންގް މެމޮރީއެއް ބޭނުންވެއެވެ. އެހެންކަމުން، އައު މީހަކަށް ތަޢާރަފްވުމުގައި ނުވަތަ ދެން ބުނާނެ އެއްޗެއް ނިންމުމުގައި މަޝްޣޫލުވެއްޖެނަމަ، އަޑު އެހި އައު ނަން، ސިކުނޑިން އެންކޯޑެއް ނުކުރާނެއެވެ. އަދި އެކަން ވަގުތުން ހަނދާން ނައްތާލާނެއެވެ.

ކަރނެގީ މެލަން ޔުނިވަރސިޓީގައި ސައިކޮލޮޖީ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު މިހާރު ރިޓަޔަރމަންޓްގައި ހުންނެވި، ޑރ ލިން ރެޑަރ ވިދާޅުވި ގޮތުގައި، އެފަދަ ކަންކަން ހަނދާން ނެތުމަކީ އެ ވަގުތެއްގައި އެ މީހަކަށް ނުތަނަވަސްކަން ގެނުވާ ކަމަކަށް ވީ ނަމަވެސް، އެއީ އާންމު ދިރިއުޅުމުގެ ކަންކަމައިގެން ކުރިއަށް ދިއުމަށްޓަކައި ކޮންމެހެން ބޭނުން ކަމެކެވެ.

އަހަރެމެންގެ ލޮލަށް ފެންނަ ކޮންމެ މަންޒަރެއް، ކަންފަތަށް އިވޭ ކޮންމެ އަޑެއް، ނޭފަތަށް ދުވާ ކޮންމެ ވަހެއް، ހަށިގަނޑަށް ކުރެވޭ ކޮންމެ އިޙްސާސްއަކީ ސިކުނޑިން އެންކޯޑް ކުރާ ކަމަކަށް ވެއްޖެނަމަ، އާންމު ދިރިއުޅުމުގެ ކަންކަމަށް ކޮންމެހެން ބޭނުންވާ ހިނގާބިނގާވުމާއި، ވާހަކަދެއްކުމާއި، އަޑުއެހުން ފަދަ ކަންކަމަށް ބޭނުން ކުރާނެ ޖާގައެއް، އެ މީހާގެ ވަރކިންގް މެމޮރީގައި ނުއޮންނާނެއެވެ.

އެހެންވިއްޔާ، ކަންކަން ހަނދާނުގައި ބަހައްޓަން ހަދާނީ ކިހިނެއް ހެއްޔެވެ؟ ޑރ ޝާ ވިދާޅުވާ ގޮތުގައި ބައެއް ކަހަލަ މައުލޫމާތަކީ ހަނދާނުގައި ބަހައްޓަން ފަސޭހަ މައުލޫމާތަށް އޮންނަނީ ވެފައެވެ. ކުރެވޭ އިޙްސާސްއަކީ ވަރުގަދަ އިޙްސާސްއަކަށް ވެއްޖެ ނަމަ، މިސާލަކަށް ކަމަކާ ބިރުން ގޮސް ފިތްކަނޑައިގެން ދާ ވަރު ވެއްޖެ ނަމަ، ފަހުންވެސް އެ ކަމެއްގެ ހަނދާން ވުން ގާތެވެ. 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު، އެމެރިކާއަށް ޓެރަރިސްޓް ޙަމަލާ ދިން އިރު އެމީހަކު ހުރި ތަނެއް ގިނަ މީހުން މިއަދުވެސް ހަނދާން ހުންނަނީ މި ދެންނެވި ސަބަބާ ހެދި ކަމަށް ޑރ ޝާ ތަފްސީލު ކޮށްދެއްވިއެވެ.

ކަން މިހެން އޮތް ނަމަވެސް، ދިގު މުއްދަތައް ހަނދާންތައް ރައްކާ ކުރުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން އެބަ ހުއްޓެވެ. އެކަމަށް ބޭނުންވަނީ އުކުޅުތަކަކާއި ހުނަރުތަކެކެވެ.

ތަކުރާރު ކުރުމާއި ކިޔުން

ޔުނިވަރސިޓީ އޮފް ފްލޮރިޑާގެ ނިއުރޯސައެންސް ޕްރޮފެސަރ، ޑރ ރޮނާލްޑް ޑޭވިސް ވިދާޅުވި ގޮތުގައި، ޚާއްޞަކޮށް އާ ގޮތްގޮތަށް މަޢުލޫމާތު ތަކުރާރުކުރުމަކީ ހަނދާން ރައްކާކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަހަރެމެންނަށް އަޑެއް އިވި، ފެނި ނުވަތަ އަޑު ވީއްލާ އެއްޗެއް ކިޔުމުން ނުވަތަ ލަފުޒެއް ލިޔެލުމުން، ސިކުނޑީގައި ހުންނަ ތަފާތު މަގުތައް ބޭނުންކޮށްގެން އެ ލަފުޒު އެންކޯޑް ކުރުމުގެ އެތައް ފުރުސަތެއް ލިބެއެވެ.

އަލަށް ލިބޭ މައުލޫމާތެއް ކަރުދާހުގައި ކަމުގައި ވިޔަސް، ނުވަތަ ސްޓައިލަސްއެއް ބޭނުންކޮށްގެން ޑިޖިޓަލް އާލާތެއްގައި ކަމުގައި ވީ ނަމަވެސް، އެމީހެއްގެ އަތުލިޔުމުން ނަކަލު ކޮށްފިނަމަ، އެ ކަމެއް ރައްކާ ކުރުމަށް އަހަރެމެންގެ ސިކުނޑިން ހަރަކާތްތެރިވާ މިންވަރު، ހަމަ އެ މައުލޫމާތެއް ޓައިޕް ކުރުމަށް ވުރެ އިތުރު ވާ ކަމަށް ދިރާސާތަކުން ދައްކައެވެ. ގިނަ ގިނައިން ތަކުރާރު ކުރުމަކީ ހަނދާން ވަރުގަދަ ކޮށްދޭ ކަމެއްކަން ޑރ ޑޭވިސް ފާހަގަ ކުރެއްވިއެވެ.

މާނައެއް ދިނުން

އޭގެ ޒާތުގައި އަމިއްލަ ލިބޭ ބައެއް މައުލޫމާތަކީ، އެ މައުލޫމާތެއް ހަނދާން ކުރުމުގައި ގިނަ ފަހަރަށް ގޮންޖެހުންތަކާ ކުރިމަތި ކުރުވާ މައުލޫމާތު ކަން ޑރ ރެޑަރ ފާހަގަ ކުރެއްވިއެވެ. ވަކި ސިފަތަކެއް ނުވަތަ ޝަޚްސީ ހައިބަތެއްގެ ވާހަކަ ދައްކަމުން ދާ އިރު، އެ ސިފަތަކާއި ހައިބަތު ހުރި މީހެއްގެ ނަން 'ބޮލަށް އަންނަ ގޮތް' ވަނީ އެހެންވެއެވެ. ވަކި ކާއެއްޗެއްގެ ނަން ބުނުމުން، ވަކި މީހެއްގެ މަތިން ހަނދާން ވަނީ، އެ އެއްޗެއްގެ މާނައިގެ ގޮތުގައި އެ މީހަކު ގުޅުވިފައި އޮތުމުންނެވެ. ނުވަތަ ދަބަރު ކުލައަކަށް ދާ ކެހެރިގަނޑެއް އޮންނަ ބުޅަލަކަށް 'ދަބަރޭ' ކިޔާނަމަ، މަގުމަތީގައި އުޅޭ އެތައް ވަގުބުޅާތަކެއްގެ ތެރެއިން އެ ބުޅާ، އެ މީހެއްގެ ހަނދާނުގައި ހުންނާނެއެވެ.

ރާގަށް ކިއުން

ޑރ ޝާ ވިދާޅުވާ ގޮތުގައި ބައެއް ކަހަލަ މައުލޫމާތަކީ، ވަކި ރާގަކަށް އިވުމުން ހަނދާނުގައި ބަހައްޓަން ފަސޭހަ ވާ މައުލޫމާތެވެ. މިސާލަކަށް ހަޔާތުގައި ދުވަހަކުވެސް ދެކެފައި ނުވާ، ނުވަތަ ބޭނުން ކޮށްފައިވެސް ނުވާ އުފެއްދުމުގެ ނަން ހަމަ ބުނެލާއިރަށް، އެ އެއްޗެއް ލިބެން ހުންނާނެ ތަނަކާއި، އެތަނެއް ހުންނާނެ ހިސާބުގަނޑާއި، ފޯނު ނަމްބަރަށް ދާންދެން ކިޔާލެވޭ ގޮތް ވަނީ، ވަކި ރާގަކަށް އެ މައުލޫމާތު އިވިފައި އޮތުމުންނެވެ.

ނިއުރޯސައެންޓިސްޓުން މިހާރުވެސް ދަނީ، ވަކި ރާގަކަށް ދަސް ކުރުމުން ކަންކަން ހަނދާން ކުރަން ފަސޭހަވާ ސަބަބު ދެނެގަތުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. ޑރ ޝާ ވިދާޅުވާ ގޮތުގައި ހަނދާންތަކާއި ރާގުތައް ގުޅުވާލުމުން، އެ މައުލޫމާތެއް ދަތުރު ކުރަނީ ސިކުނޑީގެ ތަފާތު ރާސްތާތަކުން ކަމުގައި ވެދާނެއެވެ. އަދި އެކަމުގެ ސަބަބުން، އެ މައުލޫމާތެއް، ހަނދާނުގެ ގޮތުގައި ހަރުލާ ހުންނަ ގޮތް ވަނީއެވެ.

ލޮލަށް ފެންނަ ނުވަތަ ޖަޒުބާތީ އިޝާރާތެއް އުފެއްދުން

ވަކި މަސައްކަތެއް ކުރަން ހަނދާން ކުރަން މަސައްކަތް ކުރާނަމަ، އެކަން ކުރާތަން ތަޞައްވުރު ކުރުމަކީ ނުވަތަ އެކަމުގެ ސަބަބުން މީހަކަށް އިޙްސާސް ކުރެވޭނެ ގޮތަކާ މެދު ވިސްނާލުމަކީ، އެހީ އަކަށް ވާނެ ކަމެއް ކަމަށް ޑރ ޝާ ވިދާޅުވިއެވެ. މިސާލަކަށް، މިސާލަކަށް ދަރިފުޅަށް ހަދިޔާއެއް ގަންނަން ވިސްނާނަމަ، އެ އެއްޗެއް ގަންނަތަން ތަޞައްވުރު ކުރެވިދާނެއެވެ. ނުވަތަ ހަދިޔާ ހުޅުވާލުމުން އެ ދަރިފުޅަށް ލިބޭނެ އުފާ ތަޞައްވުރު ކުރެވިދާނެއެވެ.

ނިންޖާއި ކަސްރަތުވެސް މުހިންމު

އުޖާލާ ދިރިއުޅުމަށް އޮތް އެންމެ ވަރުގަދަ އެއް ހަތިޔާރަކީ ހަމަ ނިދި ހޯދުމާއި، ޤަވައިދުން ކަސްރަތު ކުރުމެވެ. ހަމަ ނިދިން މަހްރޫމުވެފައި އިންނަން ވެއްޖެނަމަ، ދިރިއުޅުމުގެ އެހެން ކަންކަން ކުރަން ދަތިވާ ފަދައިން، އައު މައުލޫމާތު އެންކޯޑް ކުރަންވެސް ދަތިވާނެއެވެ. އެހެންކަމުން، ހަށިގަނޑަށް ބޭނުންވާ އަރާމު ލިއްބައި ދިނުމަކީ ހަނދާން ވަރުގަދަ ކުރުމަށް އޮތް އެންމެ ކާމިޔާބު އެއް އުކުޅެވެ.

ހެލިފެލިވެ، ޤަވައިދުން ކަސްރަތުކޮށް ހެދުމަކީ ދިގު މުއްދަތާއި ކުރުމުއްދަތުގެ ހަނދާން ވަރުގަދަ ކުރަންވެސް އެހީވެދޭ ކަމެއް ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. ދުޅަހެޔޮ ހިތެއް ލިބުމަކީ، ސިކުނޑި ދުޅަހެޔޮވާ ކަމެކެވެ. މިއީ ޝަރަފުވެރިކަމާއެކު ދޮށީ ޢުމުރުގެ ދުވަސްތައް ގުނަން އެހީތެރިވެދޭނެ ކަމެކެވެ. ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައި ވެސް ހަނދާނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް