ކ. މާލެ
|
13 މެއި 2024 | ހޯމަ 11:09
ޕީއެސްޖީން ކުޅުނު މެޗުގައި އެމްބާޕޭ
ޕީއެސްޖީން ކުޅުނު މެޗުގައި އެމްބާޕޭ
ފްރާންސް ލީގު
އަމިއްލަ ދަނޑުގައި އެމްބާޕޭގެ ފަހު މެޗު، ޕީއެސްޖީ އަށް ބައްޔެއް
މެޗުން ބަލިވި ނަމަވެސް، ޕީއެސްޖީން ވަނީ ފްރާންސް ލީގު ކާމިޔާބު ކޮށްފައި

ފްރާންސް ލީގުގައި ޓުލޯސާ ދެކޮޅަށް ކުޅުނު މެޗުން، ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ބަލިވެއްޖެ އެވެ.

ޕީއެސްޖީގެ އަމިއްލަ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން އެ ޓީމު ބަލިވީ 3-1 އިންނެވެ. އެއީ މެޗުގައި ލަނޑު ޖަހައި ލީޑު ވެސް ނަގާފައި ވަނިކޮށެވެ. މި މެޗު ޚާއްސަވީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ އަށެވެ. އެއީ މި ސީޒަނަށްފަހު އޭނާ ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާއިރު، އެ މެޗަކީ ޕީއެސްޖީގެ އަމިއްލަ ދަނޑުގައި އޭނާ ކުޅުނު ފަހު މެޗެވެ.

މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ލަނޑު ޖަހައި ޕީއެސްޖީ އަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް މެޗުގެ 13 ވަނަ މިނެޓުގައި ޓީސް ޑަލިންގާ ވަނީ ލަނޑު ޖަހައި ޓުލޯސާ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ދެ ވަނަ ހާާފުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޔަން ބޮހޮވް އެވެ. އަދި އެ ޓީމުގެ ފަހު ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ ފްރެންކް މާގްރީ އެވެ.

މެޗުން ބަލިވި ނަމަވެސް، ޕީއެސްޖީން ވަނީ ފްރާންސް ލީގު ކާމިޔާބު ކޮށްފަ އެވެ. ލީގު ތާވަލްގެ އެއް ވަނައިގައި އެ ޓީމު އޮތީ 32 މެޗުން 70 ޕޮއިންޓު ހޯދައިގެންނެވެ. ލީގުގައި ޕީއެސްޖީ އަށް ދެން އޮންނާނީ ރަށުން ބޭރުގައި ބުދަ ދުވަހުގެ ރޭ ނީސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް