ކ. މާލެ
|
13 މެއި 2024 | ހޯމަ 10:57
މެޗުގައި ލަނޑު ޖެހުމަށްފަހު ލެވަކޫސަންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ލެވަކޫސަންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
ޖަރުމަނު ލީގު
ބޮކުމް އަތުން މޮޅުވެ، ލެވަކޫސަނުން ބަލި ނުވެ 50 މެޗު ހަަމަކޮށްފި
ލެވަކޫސަން އަކީ ޔޫރަޕުގެ ހުރިހާ މުބާރާތެއްގައި ބަލި ނުވެ އެންމެ ގިނަ މެޗު ހަމަކޮށްފައިވާ ޓީމު

ޖަރުމަނު ލީގުގައި ބޮކުމްއާ ދެކޮޅަށް ކުޅުނު މެޗުން ޗެމްޕިއަން ބަޔާ ލެވަކޫސަން ބޮޑު މޮޅެއް ހޯދައިފި އެވެ.

ބޮކުމްގެ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ލެވަކޫސަނުން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލެވަކޫސަނުން ދެ ލަނޑު ޖެހިއިރު، ފަހު ހާފުގައި ވަނީ ތިން ލަނޑު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 41 ވަނަ މިނެޓުގައި ލެވަކޫސަނަށް ލީޑު ނަގައިދިނީ ޕެޓްރިކް ޝިކް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ، ވިކްޓާ ބޮނިފޭސް އެވެ. އޭނާ އެ ލަނޑު ޖެހީ ލެވަކޫސަނަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ.

ދެ ވަނަ ހާފުގައި ލެވަކޫސަންގެ ތިން ވަނަ ލަނޑު އަމިނޭ އަދްލީ ޖެހީ 76 ވަނަ މިނެޓުގަ އެވެ. އޭގެ 10 މިނެޓު ފަހުން ޖޯސިޕް ސްޓެނިސިޗް ވަނީ ލެވަކޫސަންގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގައި ލެވަކޫސަންގެ ފަހު ލަނޑު، އެލެކްސް ގްރިމާލްޑޯ ޖެހީ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ.

މިއީ މި ސީޒަންގައި ލެވަކޫސަނުން ބަލި ނުވެ ހަމަ ކުރި 50 ވަނަ މެޗެވެ. ލެވަކޫސަން އަކީ ޔޫރަޕުގެ ހުރިހާ މުބާރާތެއްގައި ބަލި ނުވެ އެންމެ ގިނަ މެޗު ހަމަކޮށްފައިވާ ޓީމެވެ. މީގެ ކުރިން ހުރިހާ މުބާރާތެއްގައި ބަލި ނުވެ އެންމެ ގިނަ މެޗު ހަމަކޮށްފައި އޮތީ ބެންފީކާ އިންނެވެ. 1963 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން، 1965 ވަނަ އަހަރުގެ ފެބްރުވަރީ މަހާ ހަމައަށް ބެންފީކާ ވަނީ ބަލި ނުވެ 48 މެޗު ހަމަކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް