ކ. މާލެ
|
12 މެއި 2024 | އާދީއްތަ 16:14
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު، ދިފާއީ ވަޒީރު ޣައްސާން މައުމޫން އަދި ޚާރިޒީ ވަޒީރު މޫސާ ޒަމީރު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު، ދިފާއީ ވަޒީރު ޣައްސާން މައުމޫން އަދި ޚާރިޒީ ވަޒީރު މޫސާ ޒަމީރު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޢިއްޒު
"ކުރިން ބުނި އެތި ކެންސަލް!"
 
އިންޑިއާ ސިފައިންގެ މައްސަލައާ އެންމެ ގުޅުން ހުރި ދެ ވަޒީރުން ދެއްވި ޖަވާބުތަކާއި، ދެއްކެވި ވާހަކަތަކުން ސާފުވީ، "ކުރިން ބުނި އެތި ކެންސަލް" ވެފައިވާކަން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ، އިދިކޮޅުގައި ހުންނެވިއިރު އެތައް ވާހަކަފުޅުތަކެއް ދައްކަވައިގެންނެވެ. އަބަދު ވެސް އެ ބޭފުޅުން ސިޔާސީ ކާޑެއްގެ ގޮތުގައި ކުޅުއްވާ، ރާއްޖޭގެ މިނިވަންކަމާއި، އިސްތިޤުލާލުގެ ވާހަކަ ނިކަން ބާރަށް ވިދާޅުވަމުންނެވެ. އޭރު އޮތް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ރާއްޖޭގެ މިނިވަންކަން ގެއްލުވާލަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވަމުންނެވެ.

އެގޮތުން، ރާއްޖޭގައި ހަތިޔާރު އެޅި އިންޑިއާ ސިފައިން ހާހުން ތިބި ކަމަށް އެ ބޭފުޅުން ގެންދެވީ ވިދާޅުވަމުންނެވެ. އެކަމުގެ ސަބަބުން މި ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ބުރޫއަރާނެ ކަމަށާއި، އެއީ އެއްވެސް ދިވެހި ރައްޔިތަކު ބޭނުން ވާނެ ނޫން ކަމަށް ވެސް ވިދާޅުވީ، މިހާރުގެ ރައީސް މުޢިއްޒު އެވެ. ރާއްޖޭގެ ރައްޔިތުންގެ ބަރު ދަނަށްވާ ވަރަށް ރަން ދިނަސް، ދިވެހި ދިދަ ވިއްކާލައި، އެ ދިދައިގެ އަގު ވައްޓާ ނުލައްވާނެ ކަމަށް ވިދާޅުވީ ވެސް ހަމަ މިހާރުގެ ރައީސް މުޢިއްޒު އެވެ.

އޭރު، މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުން ވިދާޅުވަމުން ގެންދެވީ، އިންޑިއާ އިން ބޭނުން ވަނީ ރާއްޖެ އަޅުވެތި ކުރުމަށް ކަމަށެވެ. އެކަން ކުރުމަށްޓަކައި، ގިނަ އަދަދުތަކުން އިންޑިއާ ސިފައިން ރާއްޖެ އަންނަ ކަމަށާއި، އިންޑިއާ އިން ބޭނުން ވަނީ މި ޤައުމުގައި އެ މީހުންގެ އަސްކަރިއްޔާގެ ހަތިޔާރު އެޅި މީހުންގެ އަތްގަދަ ކުރަން ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ނަމަވެސް، ސަރުކާރަށް ހަވާލުވުމާއެކު އިންޑިއާ ސިފައިންގެ މައުޟޫގައި މި ސަރުކާރުން ދައްކަމުން އައި ވާހަކަތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައެވެ. އެންމެ ފުރަތަމަ ބުނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދުގެ ވާހަކަ އެވެ. މީގެ ކުރިން ހާހުން ތިބި ކަމަށް ވިދާޅުވި ވިދާޅުވުން، 80 އަށް ވެއްޓުނެވެ. ދެން އަދަދު ވެއްޓުނީ ޔަޤީންކޮށްލުމަށެވެ. އެންމެ ފަހުން ސަރުކާރުން ބުނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފައިބައިފި ކަމަށާއި، އެ އަދަދަކީ 76 އެއް ކަމަށެވެ.

އެކަން އިއުލާން ކުރުމަށް ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން އަދި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބައިވެރިވެ ވަޑައިގެންނެވި އެވެ. އިންޑިއާ ސިފައިންގެ މައްސަލައާ އެންމެ ގުޅުން ހުރި ދެ ވަޒީރުން ދެއްވި ޖަވާބުތަކާއި، ދެއްކެވި ވާހަކަތަކުން ސާފުވީ، "ކުރިން ބުނި އެތި ކެންސަލް" ވެފައިވާ ކަމެވެ.

ޚާރިޖީ ވަޒީރު ޒަމީރު ވިދާޅުވީ، ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ އޮޕަރޭޝަނަށް ބޭނުންވާ އަދަދަށް ކަމަށެވެ. އަދި އެެއްވެސް އިރެއްގައި ސިފައިންގެ އަދަދު ގިނަކޮށް، މަރުކަޒުވާން އިންޑިއާ އިން މަސައްކަތް ކޮށްފައި ނުވާކަމަށެވެ. "ކުރިން ބުނި އެތި ކެންސަލް!" ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވިދާޅުވީ އިންޑިއާ އިން ރާއްޖެ އަށް އަތް ގަދަކުރުމަށް މަސައްކަތް ކުރާ ކަމަށާއި، ސިފައިންގެ އަދަދު އިތުރު ކުރަން އިންޑިއާ އިން ބޭނުންވާ ކަމަށެވެ.

ދެން އޮތީ ސިފައިން ބޭލި ވާހަކަ އެވެ. ސިފައިން ބޭލި އަދަދު 76 ގައި ހުރީ، ސެނަހިޔާގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރުން ނުހިމަނާ އެވެ. ވަޒީރު ޒަމީރު ވިދާޅުވީ، މިވަގުތަށް އެމީހުން ފޮނުވާލުމުގެ ބޭނުމެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަނެއްކާ ވެސް، "ކުރިން ބުނި އެތި ކެންސަލް!" އެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ލިސްޓު ވިދާޅުވަމުން މިހާރުގެ ރައީސް މުޢިއްޒު ވިދާޅުވީ، އެއްކަމެއް ކުރަން ވެސް ރާއްޖޭގައި އިންޑިއާ ސިފައިންނަށް ނުތިބެވޭނެ ކަމަށެވެ.

ރާއްޖޭގައި ތިބިކަމަށް ބުނާ އިންޑިއާ ސިފައިންގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކުރިމަތި ނުވާނެ ކަމަށް، ދިވެހި އަސްކަރިއްޔާގެ ޝަރަފުވެރި އިސް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. އެ ވީޑިއޯތައް މިއަދު ވެސް އެ ހުރީ ފެންނާށެވެ. އެހެން ނަމަވެސް، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިއްބެވި ސަރުކާރުގެ ބޭފުޅުންގެ އިތުރުން، ރައީސް މުޢިއްޒު ވެސް އޭރު ވިދާޅުވަމުން ގެންދެވީ، އެ ވާހަކަތައް ޤަބޫލު ނުކުރެއްވޭ ކަމަށާއި، އެ އެންމެންގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާ ކަމަށެވެ.

ނަމަވެސް، ހަމަ އެ ބޭފުޅުން މިއަދު ވިދާޅުވަމުން އެ ގެންދަވަނީ، އޭގެ ތެރެއިން އެއް ބައި މީހުންގެ ފަރާތުން ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް އަސަރު ކުރާ ކަމަށާއި، އަނެއް ބައި މީހުންގެ ފަރާތުން ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް އަސަރު ނުކުރާ ކަމަށެވެ. މިކަމުގައި އޭރު ދެއްކެވި ވާހަކަތަކާއި، މިހާރު ދެއްކެވި ވާހަކަތައް މުޅީން ބަދަލުވެއްޖެ އެވެ. "ކުރީން ބުނި އެތި ކެންސަލް!"

ދިފާއީ ވަޒީރު ޣައްސާން މައުމޫނާ ނޫސްވެރިޔަކު ސުވާލު ދެންނެވީ، އުތުރުތިލަފަޅުގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ބުނެދިނުމަށާއި، އެމީހުން ތިބީ ހަތިޔާރާއެކުތޯ ނުވަތަ ނޫންތޯ ސާފު ކޮށްދެއްވުމަށެވެ. ވަޒީރު ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި ހެދިފައިވާ އެއްބަސްވުންތަކުގައި ބަލަން ޖެހޭ ބައެއް ކަންތައްތަކާއި، ދެ ޤައުމުން އެއްބަސްވެގެން ދެވެނޭ މަޢުލޫމާތު ހުންނާނެ ކަމަށެވެ. މިފަހަރު ވެސް ހަމަ އޮތީ، "ކުރިން ބުނި އެތި ކެންސަލް!" އެވެ. މީގެ ކުރިން ވިދާޅުވެފައި އޮތީ ވެރިކަމަށް އާދެވުމާއެކު، އެ އެއްބަސްވުންތައް ރައްޔިތުންނަށް ވެސް ހާމަވާނެ ގޮތަށް ދައްކަވާނެ ކަމަށާއި، އެކަންކަމުގެ މައުލޫމާތު ފުރިހަމަ އަށް ދެއްވާނެ ކަމަށެވެ.

ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ދިވެހި ރައްޔިތުންނަށް އިތުރަށް ސާފުވެގެން ދިޔަ ކަމަކީ، މި ސަރުކާރު ވެރިކަމަށް އައުމަށް އޭރު ދެއްކި ވާހަކަތަކަކީ މުޅިން ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށެވެ. ރައްޔިތުންނަށް އޮޅުވާލުމާއި، ވެރިކަން ހޯދުމުގެ ދަހިވެތި ކަމުގައި އެތައް ދޮގުތަކެއް ހަދާފައިވާ ކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް