އިންޑިޔާގެ އެހީގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ބަނދަރު ގާއިމުކުރަމުން އަންނަ އުތުރުތިލަފަޅުގައި އިންޑިޔާ ސިފައިންގެ މީހަކު ނެތްކަމަށް ސަރުކާރުން ބުނެފިއެވެ.
ރާއްޖޭގައި ތިބި އިންޑިޔާގެ ހުރިހާ ސިފައިން މިހާރު އަނބުރާ އިންޑިޔާއަށް ފޮނުވާލާފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އިންޑިޔާ އާއި ރާއްޖެއާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި އިންޑިޔާ ސިފައިން ފޮނުވާލިއިރު އެކަމުގެ ތަފްސީލުތައް ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ވަނީ ދީފައެވެ.
އެގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ސެނަހިޔާގައި މަސައްކަތް ކުރަން ތިބި ޑޮކްޓަރުން ފިޔަވައި، ހުރިހާ ސިފައިން ރާއްޖެއިން ފައިބާފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ 76 ސިފައިން ފޮނުވާލީ މިދިޔަ ތިން މަހުގެ ތެރޭގައި ހަ ތާރީހެއްގެ މަތިން ކަމަށެވެ. ތަފްސީލުތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ 7 މާޗު ގައި އައްޑޫ ގަމުގައި ތިބި 12 ސިފައިން، 9 މާޗުގައި އައްޑޫ ގަމުގައި ތިބި 14 ސިފައިން، 7 އޭޕްރީލްގައި ހަނިމާދޫގައި ތިބި 13 ސިފައިން، 9 އޭޕްރީލްގައި ހަނިމާދޫގައި ތިބި 12 ސިފައިން، 7 މެއިގައި ކައްދޫގައި ތިބި 12 ސިފައިން، އަދި 9 މެއިގައި ކައްދޫގައި ތިބި 13 ސިފައިން ފައިބައިފައިވާ ކަމަށެވެ.
އުތުރުތިލަފަޅަކީ މީގެކުރިން އިންޑިޔާ ސިފައިން ތިބި ތަނެއްގެ ގޮތުގައި ދިޔައީ ބުނަމުންނެވެ.
ސެނަހިޔާ ހޮސްޕިޓަލުގައި ތިބި އަސްކަރީ ޑޮކްޓަރުންނާއި, އުތުރުތިލަފަޅުގައި ތިބި ސިފައިންނާ ބެހޭ ގޮތުން ސުވާލު ކުރުމުން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު ވިދާޅުވީ, ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ޑޮކްޓަރުން ފޮނުވާލުމުގެ ވިސްނުމެއް ނެތް ކަމަށާއި, އުތުރުތިލަފަޅުގައި އަސްކަރީ ބަޔަކު ނެތް ކަމަށެވެ.
އަޅުގަނޑުމެންގެ މައުލޫމާތުތަކުން ދައްކާ ގޮތުން އުތުރުތިލަފަޅުގައި އަސްކަރީ މީހަކު ނެތްޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނު
އިންޑިއާ ސިފައިންގެ އެތައް ހާސް ބަޔަކު ރާއްޖޭގައި ތިބި ކަމަށް ޕީޕީއެމް އަދި ޕީއެންސީން ނިމިދިޔަ ސަރުކާރު ވެރިކަމުގައި އޮތް އިރު ދިޔައީ ބުނަމުންނެވެ. އަދި އުތުރުތިލަފަޅު އެއްބަސްވުން ވަގުތުން ވަގުތަށް ހިއްސާކުރަން ގޮވާލާމުން ދިޔައެވެ. ކުރީގެ ސަރުކާރާއި ދެކޮޅަށް އެންމެ ބޮޑަށް ދެއްކި އެއް ވާހަކަ އައީ ވެސް އެއީއެވެ.
ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ 2013 ވަނަ އަހަރުން ފެށިގެން ކުރެވުނު މަސައްކަތަށްފަހު، 2016 ވަނަ އަހަރުގެ އެޕްރީލް މަހު ކުރީގެ ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަންގެ ތެރޭގައި ހިމެނިގެން ކުރިޔަށްދާ މަޝްރޫޢެކެވެ.