ކ. މާލެ
|
11 މެއި 2024 | ހޮނިހިރު 11:27
ވޯލްޑް ޓްރެވަލް އެވޯޑްސް 2024 ގައި ރާއްޖެއަށް ލިބުނު ޝަރަފްވެރި ހަތަރު އެވޯޑާއެކު ޓޫރިޒަމް މިނިސްޓަރުގެ އިތުރުން އެމްއެމްޕީއާރްސީގެ ބޭފުޅުން
ވޯލްޑް ޓްރެވަލް އެވޯޑްސް 2024 ގައި ރާއްޖެއަށް ލިބުނު ޝަރަފްވެރި ހަތަރު އެވޯޑާއެކު ޓޫރިޒަމް މިނިސްޓަރުގެ އިތުރުން އެމްއެމްޕީއާރްސީގެ ބޭފުޅުން
ވިޒިޓް މޯލްޑިވްސް
ވޯލްޑް ޓްރެވަލް އެވޯޑްސް 2024
ވޯލްޑް ޓްރެވަލް އެވޯޑްސް 2024 - ރާއްޖެއަށް ޝަރަފުވެރި ހަތަރު އެވޯޑެއް ލިބިއްޖެ
ހުރިހާ ދަތުރުވެރިންވެސް ރާއްޖެއައުމަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ވަނީ އެދިވަޑައިގެންފައި

ވޯލްޑް ޓްރެވަލް އެވޯޑްސް 2024 ގެ އިންޑިއަން އޯޝަން ގެޓަގަރީން ރާއްޖެއަށް ޝަރަފްވެރި 4 އެވޯޑެއް ލިބިއްޖެއެވެ.

އެވޯޑް ދިނުމުގެ ހަފްލާ ބޭއްވީ މި ހިނގާ މެއި މަހުގެ 6 ވަނަ ދުވަހު ޑުބާއީގެ ވޯލްޑް ޓްރޭޑް ސެންޓަރުގައެވެ.

އެވޯޑް ދިނުމުގެ ހަފްލާގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ބައިވެރިވެ ވަޑައިގަތެވެ.

އިންޑިއަން އޯޝަން ގެޓަގަރީން 2024 ގައި ރާއްޖެއަށް ލިބުނު ޓްރެވަލް އެވޯޑްތަކަކީ:

  1. އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން
  2. އިންޑިއަން އޯޝަން ލީޑިން ހަނީމޫން ޑެސްޓިނޭޝަން
  3. އިންޑިއަން އޯޝަން ލީޑިން ގްރީން ޑެސްޓިނޭޝަން
  4. އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަން

އެވޯޑްތައް ލިބުމާ ގުޅިގެން މިނިސްޓަރ ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްއަށާއި ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ޝުކުރާއި މަރުހަބާ ވިދާޅުވެފައެވެ.

ރާއްޖޭގެ ރައްޔިތުންގެ ފަރާތުން މި އެވޯޑްތަކާ ހަވާލުވެވަޑައިގަތުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެވޯޑްތައް ލިބުމާ ގުޅިގެން މިނިސްޓަރ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެރޭބިއަން މާކެޓަކީ ރާއްޖެއަށް ވަރަށް މުހިންމު މާކެޓެއް ކަމަށާއި، މި އިވެންޓުގައި ބައިވެރިވެވަޑައިގަތުމުން އެރޭބިއަން މާކެޓް އިތުރަށް ރާއްޖެއަށް ކާމިޔާބުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ގިނަ އެވޯޑްތަކެއް ލިބުމާ ގުޅިގެން ހުރިހާ ދަތުރުވެރިންވެސް ރާއްޖެއައުމަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

2003 ވަނަ އަހަރު ވޯލްޑް ޓްރެވަލް އެވޯޑް ދޭން ފެށިފަހުން މިހާތަނަށް 17 ފަހަރު ރާއްޖެއަށް ލީޑިން ޑެސްޓިނޭޝަން އެވޯޑް ވަނީ ލިބިފައެވެ.

- ކޮމެންޓް