ކ. މާލެ
|
11 މެއި 2024 | ހޮނިހިރު 08:40
ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ
ޕީއެސްޖީ އަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ
ޕީއެސްޖީ
މިއީ އުނދަގޫ ނިންމުމެއް، އެހެން ނަމަވެސް އައު ޗެލެންޖެއް ބޭނުންވޭ: އެމްބާޕޭ
އެމްބާޕޭ ބުނީ އޭނާގެ އަމިއްލަ އުފަން ޤައުމު ފްރާންސް އަދި ޕީއެސްޖީ ދޫކޮށްލަން ޖެހިދާނެ ކަމަށް މީގެ ކުރިން އުންމީދު ނުކުރާ ކަމަށް

ފްރާންސްގެ ގަދަ ބާރު, ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލަން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށް ކީލިއަން އެމްބާޕޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ ހަތް އަހަރަށްފަހު ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާކަން އިއުލާން ކުރުމަށް, އޭނާގެ އެކްސްގައި ޕޯސްޓު ކުރި ވީޑިއޯގަ އެވެ.

އެމްބާޕޭ ބުނީ ޕީއެސްޖީއާ އޭނާ ގުޅުނީ ވަރަށް ޅައިރު ކަމަށާއި, އެ ކުލަބުގައި ގިނަ ކަންތައްތަކެއް ދަސްވި ކަމަށެވެ. އެގޮތުން މިއަދު އޭނާ ހުރި ހިސާބަށް އާދެވުނީ ޕީއެސްޖީގައި ދަސްވި ކަންކަމާއި, ކުރެވުނު ތަޖުރިބާ އިން ކަމަށް އެމްބާޕޭ ބުންޏެވެ. އަދި އެކުލަބުގައި ގިނަ ކާމިޔާބީތަކެއް ހޯދުނު ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން އެމްބާޕޭ ވަނީ ޕީއެސްޖީގެ އެންމެހައި ކުޅުންތެރިން އަދި ކޯޗުންނަށް ވެސް ޝުކުރު އަދާ ކޮށްފަ އެވެ. އެގޮތުން އުނާއި އެމެރީ, ތޯމަސް ޓުޗެލް, މައުރީސިއޯ ޕޮޗެޓީނޯ, ކްރިސްޓޮފާ ގަލްޓިއޭ އަދި މިހާރުގެ ކޯޗު ލުއިސް އެންރީކޭގެ ނަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ހަމައެހެންމެ ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރުގެ ގޮތުގައި މަސައްކަތް ކުރި ލިއޮނާޑޯ އަދި މިހާރުގެ ސްޕޯޓިން ޑިރެކްޓަރު ލުއިސް ކަމްޕޯސްގެ ނަން ވެސް އޭނާ ފާހަގަ ކުރި އެވެ.

އިތުރަށް ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ އޭނާގެ އަމިއްލަ އުފަން ޤައުމު ފްރާންސް އަދި ޕީއެސްޖީ ދޫކޮށްލަން ޖެހިދާނެ ކަމަށް މީގެ ކުރިން އުންމީދު ނުކުރާ ކަމަށެވެ. އެހެންކަމުން މިއަދު އެ ނިންމުން ނިންމަން ޖެހުނީ ވަރަށް އުނދަގުލުގައިކަން ފާހަގަކޮށް އެމްބާޕޭ ބުނީ, އެ ނިންމުން ނިންމީ އައު ޗެލެންޖެއް އޭނާ ބޭނުންވާތީ ކަމަށެވެ.

އެމްބާޕޭ ބުނީ ޕީއެސްޖީގައި ކޮންމެ ވަގުތެއް ވެސް ހޭދަކޮށްފައި ވާނީ ތެދުވެރިކަމާއެކު ކަމަށެވެ. އުފާވެރި ވަގުތުތަކުގައި ވެސް އަދި ހިތާމަވެރި ވަގުތުތަކުގައި ވެސް, މަސައްކަތް ކުރީ ކުލަބަށްޓަކައިކަން ފާހަގަކޮށް އޭނާ ބުނީ, ޕީއެސްޖީގައި ހޭދަކޮށްފައިވާ ކޮންމެ ވަގުތެއް ވެސް ޚާއްސަ ކަމަށެވެ.

ޕީއެސްޖީ އަކީ އަބަދު ވެސް އޭނާގެ ހަނދާނުގައި ހުންނާނެ ކުލަބެއްކަން ފާހަގަކޮށް އެމްބާޕޭ ބުނީ, އޭނާގެ ކެރިއަރުގައި ޕީއެސްޖީ އަށް ކުޅުމުގެ ފުރުސަތު ލިބުނު ވާހަކަ, ޙަޔާތުގެ ކޮންމެ ހިސާބެއްގައި ވެސް ދައްކާނެ ކަމަށެވެ. 

އެމްބާޕޭ ބުނީ ޕީއެސްޖީ ދޫކޮށްލި ނަމަވެސް, އެ ކުލަބުގެ މެޗުތައް އޭނާ ބަލާނެ ކަމަށެވެ. ސަބަބަކީ, ޕީއެސްޖީ އަކީ އަބަދު ވެސް އޭނާގެ ޝައުޤުވެރިކަން އޮތް ކުލަބަކަށްވުން ކަމަށް އޭނާ ބުންޏެވެ. 

ޕީއެސްޖީ ދޫކޮށްލުމަށްފަހު އެމްބާޕޭ ބަދަލުވާނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. މީގެ ކުރިން ވެސް ރެއާލުން ވަނީ އެމްބާޕޭ ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެފަހަރު, އެންމެ ފަހު ވަގުތު އެމްބާޕޭ ވަނީ ޕީއެސްޖީގެ އެއްބަސްވުން އައު ކުރަން ނިންމައި, އެ ކުލަބުގައި މަޑު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް