މި ސީޒަން ނިމުމުން, ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލަން ނިންމާފައިވާކަން, އެ ޓީމުގެ ތަރި ކީލިއަން އެމްބާޕޭ އިއުލާން ކޮށްފި އެވެ.
އުމުރުން 25 އަހަރުގެ ކުޅުންތެރިޔާ އެކަން އިއުލާން ކުރީ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ހުކުރު ދުވަހުގެ ރޭ ޕޯސްޓު ކުރި ވީޑިއޯއެއް މެދުވެރިކޮށެވެ.
އެމްބާޕޭ ބުނީ, މިއީ ޕީއެސްޖީގައި އޭނާ ހުންނާނެ އެންމެ ފަހު އަހަރު ކަމަށާއި, އެ ކުލަބުގެ އެއްބަސްވުން އޭނާ އައު ނުކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް މަދު ހަފުތާތަކުގެ ތެރޭގައި, ޕީއެސްޖީގައި އޭނާ ކުރަމުން އައި ދަތުރު ނިމޭނެ ކަމަށް ވެސް އެމްބާޕޭ ބުންޏެވެ. ޕީއެސްޖީ އާއެކު އެމްބާޕޭ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި ސީޒަންގެ ނިޔަލަށެވެ.
މީގެ އިތުރުން އެމްބާޕޭ ބުނީ ފްރާންސް ލީގުގައި ޕީއެސްޖީން އެ ޓީމުގެ އަމިއްލަ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ޓޫލޮސްއާ ދެކޮޅަށް ކުޅޭ މެޗަކީ, އެ ކުލަބުގައި އޭނާ ކުޅޭނެ އެންމެ ފަހު މެޗު ކަމަށެވެ.
މޮނާކޯ ދޫކޮށް 2017 ވަނަ އަހަރު އެމްބާޕޭ އެންމެ ފުރަތަމަ ޕީއެސްޖީއަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ އަހަރެއް ފަހުން, 2018 ވަނަ އަހަރު އޭނާ ވަނީ އެ ކުލަބާއެކު ދާއިމީ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. ޕީއެސްޖީ އާއެކު އެންމެ ފުރަތަމަ އެމްބާޕޭ ސޮއި ކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް, 2022 ވަނަ އަހަރު އޭނާ ވަނީ އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފަ އެވެ. މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެއްބަސްވުން ހަމަވާން އޮތްއިރު, ޕީއެސްޖީން ވަނީ އެމްބާޕޭގެ އެއްބަސްވުން އައު ކުރުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެމްބާޕޭ ވަނީ އެއްބަަސްވުން އައު ނުކުރަން ނިންމައިފަ އެވެ.
އެމްބާޕޭ ވަނީ މިހާތަނަށް ޕީއެސްޖީ އަށް ކުޅެދިން 306 މެޗުގައި 255 ލަނޑު ޖަހައިފަ އެވެ. އޭނާ އަކީ ޕީއެސްޖީ އަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. މީގެ އިތުރުން އެމްބާޕޭ ވަނީ ޕީއެސްޖީ އާއެކު 14 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.
ޕީއެސްޖީ ދޫކޮށްލުމަށްފަހު, އެމްބާޕޭ ބަދަލުވާނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ކަމަށް މީޑިއާ ތަކުން ރިޕޯޓު ކުރެ އެވެ.