ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މިސަރުކާރު ވެރިކަމާ ހަވާލުވިފަހުން އިންޑިޔާ އާ ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުވެފައިވަނިކޮށް ފޮރިން މިނިސްޓަރު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރާއި ބައްދަލުކުރައްވާ ދެގައުމުގެ ރައްޔިތުންގެ ދެފަރާތުގެ ފައިދާއަށްޓަކައި ރާއްޖެއާއި އިންޑިއާއާ ދެމެދު އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
އަދި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގިނަދުވަސްވީ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
މީގެއިތުރުން ދިއްލީގައި ދިރިއުޅޭ ދިވެހިންނާ މިނިސްޓަރު ބައްދަލުކުރައްވާފައިވެއެވެ. އަދި އިންޑިޔާގެ މީޑިޔާތަކަށް މިނިސްޓަރު ވަނީ ދެ ގައުމުގެ ގުޅުމާއި ގުޅޭގޮތުން އިންޓަރވިއުތައް ދެއްވާފައެވެ.
މިއީ މިނިސްޓަރު ޒަމީރު އިންޑިޔާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.