ކ. މާލެ
|
10 މެއި 2024 | ހުކުރު 01:01
މެންޗެސްޓާ ސިޓީގެ ފޯވަޑް އާލިން ހާލަންޑް
މެންޗެސްޓާ ސިޓީގެ ފޯވަޑް އާލިން ހާލަންޑް
ބީސީސީ
ޕްރެމިއާ ލީގް
ޕްރެމިއާ ލީގުގެ މޮޅު ކުޅުންތެރިއަކަށްވުން ގާތީ ހާލަންޑް
 
ސިޓީގެ ރޮޑްރީ ގަދަ 8 ގައި ނުހިމެނުނު

ނިމެމުންދާ އިނގިރޭސި ޕްރެމިއާ ލީގުގެ މޮޅު ކުޅުންތެރިއަކަށްވުން ގާތީ މިދިޔަ އަހަރުގެ ވެސް މޮޅު ކުޅުންތެރިޔާ، މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑް ކަމަށް އިނގިރޭސި މީޑިއާތަކުން ބުނަން ފަށައިފި އެވެ.

ނޯވޭގެ 23 އަހަރުގެ ފޯވަޑް ވަނީ އަނިޔާގެ ސަބަބުން ބައެއް މެޗުތައް ގެއްލުނު ނަމަވެސް މި ސީޒަނުގައި މިހާތަނަށް 25 ގޯލު ޖަހައިފަ އެވެ. އޭނާ އަކީ މިިދިޔަ ސީޒަނުގައި 36 މެޗުން 35 ގޯލު ޖެހި އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމު އިއުލާނުކުރާނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ. އެއީ ސަޕޯޓަރުންގެ ވޯޓާއި ޕްރެމިއާ ލީގުގެ ޕެނަލްގެ ވޯޓަށް ފަހު އެވެ.

މި އެވޯޑަށް ހާލަންޑާއެކު ވާދަކުރަނީ ސިޓީގައި އޭނާއާއެކު ކުޅޭ ޒުވާން ފޯވަޑް، ފިލް ފޮޑެން އާއި ލީގުގެ ދެ ވަނާގައި އޮތް އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑާއި މިޑްފީލްޑަރު ޑިކްލައިން ރައިސް އާއި ޗެލްސީގެ ޒުވާން ފޯވަޑް ކޯލް ޕަލްމާ އާއި ނިއުކާސަލްގެ ފޯވަޑް އެލެގްޒެންޑާ އިސާކް އާއި އެސްޓަންވިލާގެ ފޯވަޑް އޮލޭ ވަޓްކިންސް އާއި ލިވަޕޫލްގެ ޑިފެންޑަރު އަދި ކެޕްޓަން ވާޖިލް ވެންޑައިކެވެ.

މިހާތަނަށް މި އެވޯޑް ޖެހިޖެހިގެން ހާސިލް ކުރެވުނީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށެވެ. އެއީ 2007 އަދި 2008ގެ ސީޒަނުގަ އެވެ.

ރޮޑްރީ - ގޫގުލް

ރެޑްރީ ނުހިމެނުން، ބޮޑު ހައިރާންކަމެއް

މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ގަދަ 8 އިއުލާނުކުރިއިރު އެންމެ އަޅައިގަތީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ރޮޑްރީ ނުހިމެނުމެވެ. މި ސީޒަނުގައި މޮޅަށް ކުޅެމުންދާއިރު އޭނާ ނުލައި ފެބްރުއަރީ 2023ގެ ފަހުން ސިޓީ ފެށި ހަތަރު މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ. ރޮޑްރީ ހުރެގެން ސިޓީ ވަނީ ބަލިނުވެ 47 މެޗު ހަމަކޮށްފަ އެވެ.

އޭނާގެ އިތުރުން ނިއުކާސަލްގައި މޮޅަށް ކުޅެމުން އަންނަ އެންތަނީ ގޯޑަން އާއި ބޯނެމައުތުގެ ޑޮމެނިކް ސޮލަންކޭ ނުހިމެނޭކަން މީޑިއާތަކުން ދަނީ ފާހަގަ ކުރަމުންނެވެ. ސޮލަންކޭ މި ސީޒަނުގައި 18 ގޯލު ޖަހާފައިވާއިރު ގޯޑަން ވަނީ 11 ގޯލު ޖަހައި 11 ގޯލު ޖަހަން މަގު ފަހިކޮށްދީފަ އެވެ. މީގެ އިތުރުން ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހް 18 ގޯލި ޖެހި ނަމަވެސް އޭނާގެ ވެސް ގަދަ 8 ގައި ލައްވާނުލި އެވެ.

ޕްރެމިއާ ލީގުގެ ޒުވާން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ހާލަންޑާއި ފޮޑެން އަދި އާސެނަލްގެ ވިލިއަމް ސަލީބާ އާއި ބުކަޔޯ ސަކާ އާއި ނިއުކާސަލްގެ އިސާކް އާއި ޗެލްސީގެ ކޯލް ޕަލްމާ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކޯބީ މައިނޫ އާއި ޓޮޓެންހަމްގެ ޑެސްޓިނީ އުޑޯގީ އެވެ.

މޮޅު ކޯޗުގެ މަގާމަށް ވާޑަކުރަނީ ސިޓީގެ ޕެޕް ގާޑިއޯލާ އާއި ލިވަޕޫލްގެ ޔާގެން ކްލޮޕާއި އާސެނަލްގެ މިކޭލް އާޓެޓާ އާއި އެސްޓަންވިލާގެ އުނާއީ އެމެރާ އާއި ބޯނެމައުތުގެ އެންޑޯނީ އިރައޯލާ އެވެ. މީގެ ތެރެއިން ގާޑިއޯލާ އަކީ މިދިޔަ ހަތަރު ސީޒަނުގެ ވެސް އެންމެ މޮޅު ކޯޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް