ކ. މާލެ
|
9 މެއި 2024 | ބުރާސްފަތި 12:41
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ
ރޮއިޓާސް
ރެއާލް މެޑްރިޑު
މިއީ އަހަރެންގެ ކެރިއަރުގައި ވެސް ލިބުނު އެންމެ ރަނގަޅު ސްކޮޑު: އަންޗެލޮޓީ
 
މެޗުގައި ރެއާލްގެ ކުޅުންތެރިން ކުރި މަސައްކަތާމެދު އަންޗެލޮޓީ ވަރަށް ހިތްހަމަޖެހޭ

ސްޕެއިންގެ ރެއާލް މެޑްރިޑުގައި މިވަގުތު އޮތް ސްކޮޑަކީ، އޭނާގެ މުޅި ކޯޗިން ކެރިއަރުގައި ވެސް ލިބުނު އެންމެ ރަނގަޅު ސްކޮޑު ކަމަށް އެ ޓީމަށް އިރުޝާދު ދެމުން އަންނަ ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އިޓަލީ އަށް ނިސްބަތްވާ އަންޗެލޮޓީ މިހެން ބުނީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ޖަރުމަނުގެ ބަޔާން މިއުނިކް ބަލިކޮށް ރެއާލުން މުބާރާތުގެ ފައިނަލަށް ދަތުރު ކުރި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ.

އަންޗެލޮޓީ ބުނީ މެޗުގައި ރެއާލްގެ ކުޅުންތެރިން ދެއްކީ ވަރަށް ފުުރިހަމަ ކުޅުމެއް ކަމަށާއި، އޭނާ ހުރީ ހައިރާންވެފައި ކަމަށެވެ. މެޗުގައި ބަޔާނުން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ރެއާލުން މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލުން ވެސް އެއީ، ޤަބޫލު ކުރަން ވެސް ދަތިވި ކަމެއް ކަމަށް އަންޗެލޮޓީ ބުންޏެވެ. އެކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، ރެއާލްގައި އޮތް ސްކޮޑަކީ އޭނާގެ ކޯޗިން ކެރިއަރުގައި ލިބުނު އެންމެ ރަނގަޅު ސްކޮޑު ކަމަށެވެ.

މެޗުގައި ރެއާލްގެ ކުޅުންތެރިން ކުރި މަސައްކަތާމެދު އަންޗެލޮޓީ ވަރަށް ހިތްހަމަ ޖެހެ އެވެ. ޚާއްސަކޮށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލެއްގެ މާހައުލު އޮންނާނެ ގޮތް ހިތަށް ގެންނައިރު، ރެއާލްގެ ކުޅުންތެރިން ތިބީ މުޅި މެޗަށް ވެސް ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށް ވެސް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

ރެއާލްގެ ދަނޑުގައި އަބަދު ވެސް ޤަބޫލު ކުރަން ދަތި ކަންކަން ކުރެވޭކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، އެ ޓީމުގެ ސަޕޯޓަރުންގެ ފަރާތުން އަބަދު ވެސް ލިބެމުން އަންނަނީ އެންމެ ބޭނުންވާ ސަޕޯޓު ކަމަށާއި، އެކަމުން ކުޅުންތެރިން އަދި އޭނާ އަށް ވެސް އިތުރު ހިތްވަރެއް ލިބޭ ކަމަށެވެ.

އަންޗެލޮޓީ ވަނީ މީގެ ކުރިން ރެއާލާ އެކު ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. ރެއާލާއެކު ތިން ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރަން ބޭނުންވާ ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ. އަންނަ މަހު، ވެމްބްލީގައި އޮންނަ ފައިނަލްގައި ރެއާލް ނުކުންނާނީ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް