ކ. މާލެ
|
9 މެއި 2024 | ބުރާސްފަތި 12:10
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
ޕޮލިސް
ސްކޭމް ކޯލުތަކަށް ޖަވާބު ނުދިނުން
ފުލުހުންނާއި އިމިގްރޭޝަނުގެ ނަމުގައި ގުޅާ ސްކޭމް ކޯލުތަކަށް ޖަވާބު ނުދިނުމަށް އިލްތިމާސްކޮށްފި
 
ގުޅާ މީހާ ހުންނަނީ މޫނު ނިވާކޮށްގެން
 
ކާޑުގެ މައުލޫމާތު ދިނުމުން މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތްތައް ހިންގާ
 
ވީޑިއޯ ކޯލުކޮށްގެން ހުންނަ މީހާއަށް ކާޑު ދެއްކުމަށް އެދޭ

ދިވެހި ފުލުހުންނާއި އިމިގްރޭޝަނުގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން ސްކޭމް ކޯލުތައް ކުރަމުންދާ ކަމަށާއި، އެކޯލުތަކަށް ޖަވާބު ނުދިނުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ، ފުލުހުންގެ ޚިދުމަތުގެ ލޯގޯ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އެކި ނަންބަރުތަކުން ވަޓްސްއެޕް މެދުވެރިކޮށް ފުލުހުންގެ ނަމުގައި އެކި މީހުންނަށް ގުޅަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

ވީޑިއޯ ކޯލު މެދުވެރިކޮށް މިގޮތަށް ގުޅައިގެން، ކޭޝްކާޑު އަދި ކްރެޑިޓް ކާޑުގެ މައްސަލައެއް ދިމާވެފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރުމަށް ކާޑުގެ މައުލޫމާތު ބުނެދިނުމަށް ނުވަތަ ވީޑިއޯ ކޯލުކޮށްގެން ހުންނަ މީހާއަށް ކާޑު ދެއްކުމަށް އެދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. މިގޮތަށް ކާޑު ދެއްކުމުން ނުވަތަ ކާޑުގެ މައުލޫމާތު ދިނުމުން މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތްތައް ހިންގަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި ގުޅާ މީހާ ހުންނަނީ މޫނު ނިވާކޮށްގެންކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ އިމިގްރޭޝަންގެ ނަމުގައި ރާއްޖެއިން ބޭރުގެ ނަންބަރުތަކުން މިގޮތަށް ގުޅައި އައިޑީ ކާޑު ދެއްކުމަށާއި ޒާތީ މައުލޫމާތު ދިނުމަށް އެދެމުންދާ ކަމަށެވެ.

އެހެންކަމުން މިގޮތަށް ގުޅާ މީހުންގެ ކޯލުތަކަށް ޖަވާބު ނުދިނުމަށާއި ކާޑުގެ އެއްވެސް މައުލޫމާތަކާއި އޯޓީޕީ ކޯޑު އަދި ޒާތީ އެއްވެސް މައުލޫމާތެއް ނުދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރަކުން ދިވެހި ފުލުހުންނާއި އިމިގްރޭޝަނުގެ ފަރާތުން ނުގުޅާނެ ކަމަށް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް