ކ. މާލެ
|
7 މެއި 2024 | އަންގާރަ 09:42
ރީކޮންސިލިއޭޝަނަކަށް ދިއުމަށް މިސްރުގެ ވެރިރަށް ގާހިރާގައި 2017 ވަނަ އަހަރު ބޭއްވި ބައްދަލުވުމުގައި، ހަމާސްގެ ސާލިހް އަދި ފަތަހަ ވަފްދުގެ ވެރިޔާ އައްޒާމް އެއްބަސްވުމެއްގައި ސޮއި ކުރަނީ (ފައިލް ފޮޓޯ)
ރީކޮންސިލިއޭޝަނަކަށް ދިއުމަށް މިސްރުގެ ވެރިރަށް ގާހިރާގައި 2017 ވަނަ އަހަރު ބޭއްވި ބައްދަލުވުމުގައި، ހަމާސްގެ ސާލިހް އަދި ފަތަހަ ވަފްދުގެ ވެރިޔާ އައްޒާމް އެއްބަސްވުމެއްގައި ސޮއި ކުރަނީ (ފައިލް ފޮޓޯ)
ރޮއިޓާސް
ފަލަސްތީން އިޒްރޭލު ހަނގުރާމަ
ޗައިނާއަށް ފަތަޙައާއި ޙަމާސް އެއްގަލަކަށް އެރުވިދާނެތަ؟
 
ފަލަސްޠީނުގެ އެއްބައިވަންތަކަން ދެނެގަނެ، އެއްބައެއްގެ ގޮތުގައި ފަލަސްޠީނުގެ ރޫޙު ދިރުވާ އާލާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޙަމާސްއާއި ފަތަޙަ ޖަމާޢަތުންވެސް ވަނީ އެއްބަސްވެފަ

ފަލަސްޠީނުގެ މައި ސަރުކާރުން ވަކިވެ، ވަކި ސަރުކާރެއްގެ ގޮތުގައި ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތާއި، ފަލަސްޠީނުގައި ވެރިކަން ކުރާ ފަތަޙަ ޖަމާޢަތާ ދެމެދު ސުލްޙަ ޤާއިމުވެގެން ދިއުމަކީ، ފަލަސްޠީނަށް މިއަދު ކުރިމަތިލާން ޖެހިފައި އޮތް ނިކަމެތި ކަމުން އަރައިގަތުމަށް ފެންނާނެ އެންމެ އަލި، އެއް މަގު ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. ނަމަވެސް ޙަމާސް ޖަމާޢާތާއި ފަތަޙަ ޖަމާޢަތް އެއްގަލަކަށް އެރުވުމަކީ އަދި މިހާތަނަށް ބަޔަކަށް ކުރެވުނު ކަމެއް ނޫނެވެ.

ނިރުބަވެރި އިޒްރޭލުން ފަލަސްޠީނުގެ ބިންތައް ހަފުސްކޮށް، ޣައްޒާގައި ނަސްލު ދޮވެލުމުގެ ގަތުލުއާންމު ހިންގަމުން ދާ އިރު، ގިނަ ޤައުމުތަކެއްގެ ވިސްނުން ހުރީ ޙަމަލާ ބަދަލު ކުރުން ހުއްޓުވާ އެއްބަސްވުމެއް އެކުލަވާލުމާ ދިމާއަށެވެ. ތަފާތު މިޞްރާބަކުން މިކަމާ ކުރިމަތިލާން ނިންމީ، ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ޤައުމަށް ވަކާލާތު ކުރާ ޗައިނާއިންނެވެ. ޗައިނާއިން ވަނީ ފަތަޙަ ޖަމާޢަތާއި ޙަމާސް ޖަމާޢަތާ ދެމެދު ސުލްޙަ ޤާއިމުކޮށް، ފަލަސްޠީނު އެކަތިގަނޑަކަށް ހަދާ، ބާރުވެރި ކުރުވުމަށް، މެދުވެރިއެއްގެ ގޮތުގައި އޮވެ، ސުލްޙައިގެ މަޝްވަރާތައް ފަށާފައެވެ. ދެ ޖަމާޢަތުގެ ލީޑަރުން މިހާރު ވަނީ، ޗައިނާގެ ވެރިރަށް ބީޖީންގްގައި ބައްދަލުވެސް ކުރައްވާފައެވެ. އެ ޚަބަރު ވެގެން ދިޔައީ، އިންތިހާ މާޔޫސްކަމުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް އުންމީދުގެ ކަންޏެއް ފެނުން ފަދަ ކަމަކަށެވެ.

ޕަލަސްޓީނިއަން ނޭޝަނަލް ލިބަރޭޝަން މޫވްމަންޓް (ފަޠަޙަ) އާއި އިސްލާމިކް ރެޒިސްޓަންސް މޫވްމަންޓް (ޙަމާސް)އިން ބީޖީންގްގައި ބައްދަލުކުރެއްވީ، ޗައިނާގެ ދަޢުވަތަކަށެވެ. މަޝްވަރާތަކުގެ މައިގަނޑު މައުލޫއަކަށް ވީ، ފަލަސްޠީނުގައި ދާޚިލީ ސުލްޙަ ޤާއިމުކުރުމެވެ. މަޝްވަރާތަކުން ފައްސި ކުރިއެރުންތަކެއް ލިބިފައި ވާ ކަމަށް، ޗައިނާގެ ފޮރިން މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

ފަލަސްޠީނުގެ އެއްބައިވަންތަކަން ދެނެގަނެ، އެއްބައެއްގެ ގޮތުގައި ފަލަސްޠީނުގެ ރޫޙު ދިރުވާ އާލާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޙަމާސްއާއި ފަތަޙަ ޖަމާޢަތުންވެސް ވަނީ އެއްބަސްވެފައެވެ. އަދި މަޝްވަރާތަކުގެ ދެން އޮތް މަރުހަލާއައިގެން ކުރިއަށް ދިއުމަށްވެސް 2 ޖަމާޢަތުން އެއްބަސްވެފައި ވާ ކަމަށް ޗައިނާއިން ބުނެއެވެ.

މި ފަހުގެ ތާރީޚުގައި ދުނިޔެ ދެކެފައި ނުވާ ފަދަ ލާއިންސާނީ ގަތުލުއާންމެއްގެ ޝިކާރައަކަށް ވެފައި އޮތް ޣައްޒާއިން، މީޑިއާއާ ވާހަކަދެއްކި ބައެއް މީހުން ވަނީ ޗައިނާގެ މަސައްކަތަށް ތަޢުރީފު ކޮށްފައެވެ. އަދި މި މައްސަލައަށް ޙައްލެއް ހޯދައިދީ، ސުލްޙަ ޤާއިމުކޮށް، އާންމު ދިރިއުޅުމައިގެން ކުރިއަށް ދިއުމުގެ ފުރުޞަތު އާންމުންނަށް ފަހިކޮށްދިނުމަށްވެސް އެ ރައްޔިތުން ވަނީ ގޮވާލާފައެވެ.

އުންމީދަކީ ޣައްޒާއަށް އަނބުރާ ގޮސް، އަހަރެމެންގެ ސިޓީތަކުގަ، ފަލަސްޠީނުގެ އެހެން ރައްޔިތުން ފަދައިން ދިރިއުޅެވޭނެ ގޮތް ވުން. ޗައިނާގެ މޭސްތިރިކަމުގަ، ޙަމާސްއާއި ފަތަޙައާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާތަކުގެ ޚަބަރު ލިބިފަ އޮތީ. އަހަރެމެން އުންމީދު ކުރަނީ، ޗައިނާގެ މަސައްކަތް ކާމިޔާބު ވާނެ ކަމަށް. އެއްބަސްވުމަކަށް އާދެވޭނެ މަގު ކޮށޭނެ ކަމަށް. އަހަރެމެން މިއަދު މި އުފުލާ ތަކުލީފުތަކަށް ނިމުން އަންނާނެ ކަމަށް.
އާމް މުޙައްމަދު ޠާއިމާ؛ ފަލަސްޠީނުގެ ރެފިއުޖީއެއް

ޕަލަސްޓައިން ލިބަރޭޝަން ފްރަންޓްގެ މަރުކަޒީ ކޮމިޓީގެ މެންބަރެއް ކަމަށްވާ ސުފްޔާން މަޠާރު ބުނި  ގޮތުގައި، އުންމީދަކީ، ކުރިންވެސް އެއްބަސްވެފައި ވާ ގޮތުގެ މައްޗަށް ކަންކަން ބިނާކޮށް، އައު ޞަފްޙާއަކުން ސުލްޙައިގެ މަޝްވަރާތައް ފެށިގެން ދިއުމެވެ.

ކުރިންވެސް އެއްބަސްވެފަ އޮތް ކަންކަމުގެ މައްޗަށް، ބީޖިންގް މަޝްވަރާތައްވެސް ބިނާވާނެ ކަމަށް އުންމީދު ކުރަނީ. އަދި އައު ޞަފްޙާއަކުން މަޝްވަރާތައް ފެށުން އުންމީދަކީ. ވަކިން ހާއްސަކޮށް، ސިޔާސީ ހައިޖާނު ބޮޑުވެ، ޣައްޒާއާއި ހުޅަނގު އައްސޭރީގެ ރަށްވެހިންނަށް ސަލާމަތީ ގޮތުންވެސް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފަ އޮތް މި ދަނޑިވަޅުގަ. މުޅި ދުނިޔެ އެ ޖަރީމާއެއް ކުށްވެރި ކުރާ ވަރުގަދަ ޖަރީމާ ހިނގާ މި ދަނޑިވަޅުގަ.
ސުފްޔާން މަޠާރު؛ ޕަލަސްޓައިން ލިބަރޭޝަން ފްރަންޓްގެ މެންބަރެއް

ފަތަޙައާއި ޙަމާސް ޖަމާޢަތާ ދެމެދު ޚިޔާލު ތަފާތުވުންތައް އޭގެ އެންމެ އިންތިހާއަށް އުފެދެން ފެށީ 2007 ވަނަ އަހަރުއެވެ. އެއީ ޣައްޒާއިން ފަތަޙަ ބޭރުކޮށް، ޙަމާސްއިން ކޮންޓްރޯލް ނެގި ހިސާބެވެ. އެއަށްފަހު ފަލަސްޠީނު އޮންނަނީ މުޅިންހެން ދެބައިވެފައެވެ. ޙަމާސްއިން ކޮންޓްރޯލް ކުރާ ޣައްޒާއި، ފަތަޙައިން ކޮންޓްރޯލް ކުރާ ހުޅަނގު އައްސޭރިއެވެ. މިދިޔަ 17 އަހަރުގެ މާޒީއަށް ބަލާއިރު، 2 ޖަމާޢަތުންވެސް ވަނީ ކޮންމެވެސް ވަރެއްގެ އެއްބަސްވުންތަކަކަށް އައިސްފައެވެ. ނަމަވެސް، ފަލަސްޠީނުގެ މަސްރަޙުން އެކަމަކުގެ އަސަރުތައް ފެންނަ ގޮތެއް ނުވެއެވެ.

ޕަލަސްޓީނިއަން އޮތޯރިޓީ (ޕީއޭ)އަކީ ފަތަޙަ ޖަމާޢަތުން ކޮންޓްރޯލް ކުރާ، ފަލަސްޠީނުގެ މައި ސަރުކާރެވެ. ފަލަސްޠީނުގައި އުފެދިފައިވާ ސިޔާސީ ގިނަ ފެކްޝަންތައްވެސް އޮންނަނީ ޕީއޭއާ ގުޅިފައެވެ.

ފަލަސްޠީނުގެ ފުރަތަމަ ފަހަރަށް 'އުތުރި އެރި' މަންޒަރު ފެނިގެން ދިޔައީ 1987 ވަނަ އަހަރުއެވެ. މިއަދު ޣައްޒާ ކޮންޓްރޯލް ކުރަމުން ދާ ޙަމާސް ޖަމާޢަތް އުފެދުނު ހިސާބަކީވެސް އެއީއެވެ. 1967 ވަނަ އަހަރުގެ ހަނގުރާމައަށް ފަހު 20 އަހަރު ކެތް ކުރި ފަލަސްޠީނުގެ ރައްޔިތުން ފުރަތަމަ އިންތިފާޟާއައިގެން ތެދުވިއެވެ. އެކަން ފެށުނީ 1987 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ޙާދިޘާ ފެށެނީ، އިޒްރޭލުގެ ޓްރަކެއް، ޣައްޒާގެ ޖަބާލިއާ ރެފިއުޖީ ކޭމްޕުގައި މަސައްކަތް ކުރަމުން ދިޔަ ބަޔަކު ގޮވައިގެން ދަތުރު ކުރަމުން ދިޔަ އުޅަނދެއްގައި ޖެހި، 4 މީހެއްގެ ފުރާނަ ގެއްލުނު ހިސާބުންނެވެ. އޮއްގައު އުކުމުގެ މުޒާޙަރާކަތާ، ހަޅުތާލުތައްވެސް ފެށުނީއެވެ.

އެ ހަލަބޮލި ކަމުގައި ދުވަސްތައް ގުނަމުން ގޮސް، ދެން ފެނުނީ ފަލަސްޠީނުގެ ލީޑަރުންތަކެއް މި ދުނިޔެއާ ވަކި ކުރަން ފެށި މަންޒަރެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިން ޙަމާސްގެ ބާނީ އަދި ދީނީ އިމާމް، ޝައިޚް އަޙުމަދު ޔާސީން އަށް ޙަމަލާ ދީ، އޭނާ މަރާލީ 2004 ވަނަ އަހަރުއެވެ. ފަލަސްޠީނުގެ ލީޑަރު، ޔާސިރު ޢަރަފާތުވެސް އަވަހާރަވީ، ނުވަތަ އަވަހާރަކޮށްލީ ހަމަ އެ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުއެވެ. ޢުމުރުފުޅުން 75 އަހަރުގައި ޢަރަފާތު މި ދުނިޔެއަށް ފަހު ނޭވާ ދޫކުރެއްވި ފަރަންސޭސިވިލާތުގެ ހޮސްޕިޓަލެއްގައެވެ. ޢަރަފާތުގެ މަރުގެ ފަހަތުގައި އަޑި ނޭނގޭ ސިއްރުތަކެއް ވާ ކަމުގެ ތުހުމަތުތައް ފެންމަތިވެ، ހިންގި ތަޙުޤީޤީތަކުން، އޭނާގެ ހަށިގަނޑަށް ވިހައިގެ އަސަރުކޮށްފައި ވާ ކަން ވަނީ ހާމަވެފައެވެ.

ޖެހިގެން އައި އަހަރުތަކަކީވެސް ފަލަސްޠީނަށް ހަލަބޮލި އަހަރުތަކެކެވެ. 2006 ވަނަ އަހަރު ފާހަގަ ކުރެވެނީ ޙަމާސްގެ ވެރިކަމުގެ ދަށުގައި ޣައްޒާ އެކަހެރިވެގެން ދިޔަ އަހަރެއްގެ ގޮތުގައެވެ. އެ އަހަރު ފަލަސްޠީނުގައި ކުރިއަށް ގެންދިޔަ މަޖިލިސް އިންތިޚާބުގައި ޙަމާސް އިން ބޮޑު ކާމިޔާބެއް ހޯދާ، ޣައްޒާގެ ކޮންޓްރޯލް ނަގައި، ޢަރަފާތަށް ފަހު ފަލަސްޠީނުގެ ރައީސް ކަމަށް ވަޑައިގެންނެވި މަޙަމޫދަށް ޢައްބާސްއަށް ވަފާތެރި ބާރުތައް ޣައްޒާއިން ބޭރު ކުރިއެވެ.

އެތައް ޤައުމަކުން ފަލަސްޠީނަށް ދެމުން ދިޔަ އެހީއިން ޣައްޒާ އިސްތިސްނާ ކުރިއެވެ. އެ ޤައުމުތަކުން ޤަބޫލުކުރާ ގޮތުގައި ޙަމާސްއަކީ ޓެރަރިސްޓް ޖަމާޢަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިޒްރޭލުން ގާޒާ ހިފުމަށް ފަހު ކަންކުރާނެ ގޮތުގެ ޕްލޭނަކާ މެދު ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓް ގައި ނުތަނަވަސްކަން އިތުރު ވަނީ
އިޒްރޭލުން ހަމަލާދީ ގާޒާ އިން ވޭތުވެ ދިޔަ 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 83 މީހުން މަރާލައިފި
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިންވަނަ ދައުރަކަށް މޯދީ ކުރައްވާ އުއްމީދު ހަގީގަތަކަށް ވެދާނެބާ؟
އިޒްރޭލްގެ އުދުވާން ކިތަންމެ ދިގުލައި ދިޔަޔަސް ހަމަލާތަކަށް ކުރިމަތި ލުމުގައި ދެމި ތިބޭނަން: ހަމާސް
އިޒްރޭލް ސަސްޕެންޑުކުރުމާ ގުޅޭގޮތުން ފީފާ އިން ޤާނޫނީ ލަފާ ހޯދަނީ
ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟